ސީރިއާގެ ހަލަބު ސިޓީ އަށް ވަރުގަދަ އަށް ހަމަލާ ދެނީ
ސީރިއާގެ ހަލަބު ސިޓީ އަށް ވަރުގަދަ އަށް ހަމަލާ ދެނީ

ދިމިޝްގު (ސެޕްޓެމްބަރު 23) - ސީރިއާގެ ހަލަބު ސިޓީ އަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި އެވެ.

ސީރިއާގެ ހަލަބު ސިޓީ އަށް ވަރުގަދަ އަށް ހަމަލާ ދެނީ
ސީރިއާގެ ހަލަބު ސިޓީ އަށް ވަރުގަދަ އަށް ހަމަލާ ދެނީ

މި ހަމަލާތައް ދީފައި މި ވަނީ ހަލަބުގައި އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށުގައިވާ ސަރަހައްދުތައް ހިފަން ހަމަލާ ދޭން ތައްޔާރުވެފައިވާކަން ސަރުކާރުން އިއުލާންކޮށްފައި ވަނިކޮށެވެ. ހަލަބަށް ދިން ވައިގެ ހަމަލާތަކުގައި 27 މީހުން މަރުވެފައިވާ ކަމަށް މޮނިޓަރުން ބުނެ އެވެ.

މޮނިޓާރިން ގްރޫޕްތަކުން ބުނެފައި ވަނީ ހަލަބަށް ވައިގެ ހަމަލާދީފައި ވަނީ ސީރިއާ އާއި ރަޝިޔާ ސިފައިންގެ ހަނގުރާމަމަތީ ބޯޓުތަކުން ކަމަށެވެ. މި ހަމަލާތަކާ ގުޅިގެން ރަޝިޔާ އިން ވަކި އެއްޗެއް ނުބުނެ އެވެ. ސީރިއާ ސަރުކާރުން ވަނީ އިދިކޮޅު ހަނގުރާމަވެރިން ތިބޭ ސަރަހައްދުތަކާ އާއްމުން ގާތް ނުވުމަށް އިލްތިމާސް ކޮށްފަ އެވެ.

ވައިގެ ހަމަލާތަކުގައި 27 މީހުން މަރުވި ކަމަށް ވަނީ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފަ އެވެ. ނަމަވެސް އިރުމަތީ ހަލަބުގެ ސިވިލް ޑިފެންސްގެ ވެރިޔާ އައްމާރު އަލް ސެލްމޯ ވިދާޅުވީ ހަމަލާތަކުގައި 70 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ. އަދި 40 އަށް ވުރެ ގިނަ އިމާރާތް ހަލާކުވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ހަލަބުގައި ހުންނަ އަލް ޖަޒީރާ ބިއުރޯގެ ބައެއް ހަލާކުވި ކަމަށް އެ ނިއުސް އެޖެންސީން ވަނީ ބުނެފަ އެވެ.

ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ވަނީ އެ ގައުމުގައި މިހާރު ހިނގާ ހަނގުރާމައިގެ ޒިންމާ ސަރުކާރުން ނަގަން ނުޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އެސޯސިއޭޓެޑް ޕްރެސް އަށް ދެއްވި އިންޓަވިއުއެއްގައި ބައްޝާރު ވިދާޅުވީ ހަލަބުގައި އެހީ ހިފައިގެން ދަތުރުކުރި ވެހިކަލްތަކަށް ވައިގެ ހަމަލާ ދީފައި ވަނީ ސީރިއާ ސިފައިން ނޫން ކަމަށެވެ.