ކްރިކެޓް ކޯޗުގެ ތަހުގީގަށް އެއްބާރުލުން ދޭނަން: މިނިސްޓްރީ
ކްރިކެޓް ކޯޗުގެ ތަހުގީގަށް އެއްބާރުލުން ދޭނަން: މިނިސްޓްރީ

ގައުމީ ކްރިކެޓް ޓީމުގެ ކޯޗު ދެކުނު އެފްރިކާގެ އާސިފް ޚާން، ކުޅުންތެރިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުކުރެވި މޯލްޑިވްސް ޕޮލިސް ސާވިސަސް އިން ކުރަމުން އަންނަ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ސްޕޯޓްސް މިނިސްޓްރީން ބުނެފި އެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް އާސިފް، ހޮނިހިރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރި ނަމަވެސް އިއްޔެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ގެންދިޔައިރު، އަމުރެއް ނެތި ބަންދުގައި ބެހެއްޓޭ އެންމެ ދިގު މުއްދަތު ކަމަށްވާ 24 ގަޑިއިރު ހަމަވެފައިވާތީ އޭނާ ވަނީ ދޫކޮށްލައިފަ އެވެ. އެ މައްސަލައިގައި ފުލުހުންނަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

އަނެއްކޮޅުން ގައުމީ ފިރިހެން ކްރިކެޓް ޓީމާއި އަންހެން ކްރިކެޓް ޓީމުގެ ކުޅުންތެރިން ވަނީ، ޕާކިސްތާނަށް އުފަން އާސިފް ކުޅުންތެރިންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވުމުން އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަނާޅައި އޭނާ ފުރުވާލަން ކްރިކެޓް ބޯޑުން މަސައްކަތްކުރި ކަމަށް ތުހުމަތުކޮށްފަ އެވެ.

މިނިސްޓްރީން މިއަދު މެންދުރުފަހު ބަޔާނެއް ނެރުނީ، މިހާ ސީރިއަސް މައްސަލައެއްގައި މުއައްސަސާތަކުގެ އިހުމާލު ބޮޑުވެ ކަންބޮޑުވުންތަކެއް އުޅޭއިރު ވެސް ސަރުކާރުގެ ކުޅިވަރުގެ އެންމެ މަތީ ފަރާތުން ބަހެއް ނުބުނާތީ ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.

މިނިސްޓްރީން ނެރުނު ކުރު ބަޔާނުގައި ބުނެފައިވަނީ ގަސގޯނާކުރި ކަމުގެ މައްސަލަ ކްރިކެޓް ބޯޑަށާއި މޯލްޑިވްސް ޕޮލިސް ސާވިސަސް އަށް ހުށަހަޅާފައިވާ ކަމުގެ މައުލޫމާތު އެ މިނިސްޓްރީ އަށް ލިބިފައިވާ ކަމަށެވެ.

"މި މައްސަލައަކީ ގައުމީ ޓީމެއްގެ ކޯޗަކާއި ގުޅޭ މައްސަލައެއް ކަމުގައި ވިޔަސް މިއީ ޖިނާއީ މައްސަލައެއް ކަމުން މިކަން ތަހުގީގު ކުރުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަވާނީ މޯލްޑިވްސް ޕޮލިސް ސާވިސަސް އިންނެވެ. މި ތަހުގީގު ކުރިއަށް ގެންދިއުމުގައި މި މިނިސްޓްރީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ވާހަކަ ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.

ކްރިކެޓް ބޯޑުގެ ރައީސް އަހުމަދު އަފްހާލް (އަފޫ) މިއަދު ވިދާޅުވީ ކަމާބެހޭ ފަރާތްތަކުން މައްސަލަ ތަހުގީގުކުރަމުން އަންނާތީވެ، ރަސްމީކޮށް އެއްޗެއް ބުނެވެން ނެތް ކަމަށެވެ.

ގައުމީ ޓީމުގެ ކުޅުންތެރިން ބުނެފައިވާ ގޮތުގައި އިތުބާރު ކުރެވޭ ފަރާތްތަކެއްގެ ފުށުން މައުލޫމާތު ލިބިފައިވާ ގޮތުން ނަމަ، ޒުވާން ކްރިކެޓް ކުޅުންތެރިންނަށް އެކި ފަހަރު މަތިން އާސިފް ޖިންސީ ގޯނާކޮށްފައިވާކަން ތުހުމަތުކުރެވޭ ކަމަށާއި އޭގެ ތެރޭގައި އޭނާ އެ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ ދުވަސްވަރު 18 އަހަރު ނުފުރޭ ކުޅުންތެރިން ވެސް ހިމެނޭ ކަމަށެވެ.