ފަނޑިޔާރުންނާ ގުޅޭ އަށް މައްސަލައެއް ބަލަން މިދިޔަ މަހު ނިންމި: ޖޭއެސްސީ
ފަނޑިޔާރުންނާ ގުޅޭ އަށް މައްސަލައެއް ބަލަން މިދިޔަ މަހު ނިންމި: ޖޭއެސްސީ

ފަނޑިޔާރުންނާ ގުޅޭގޮތުން މިދިޔަ މަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން އަށް މައްސަލައެއް ބެލުމަށް މިހާތަނަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން މިއަދު ބުނެފި އެވެ.

ޖޭއެސްސީގެ ގާނޫނަށް ދާދިފަހުން ގެނައި އިސްލާހުގެ ދަށުން ޖޭއެސްސީ އަށް ހުށަހެޅޭ ޝަކުވާތައް ބެލުމާ މެދު ގޮތެއް ނިންމަނީ އެ އިސްލާހުގެ ދަށުން އުފެދިފައިވާ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމެޓީންނެވެ. މައްސަލައެއް ހުށަހެޅޭތާ ފަސް ދުވަސް ތެރޭގައި އެ ކޮމެޓީން އެ މައްސަލައަކާ މެދު ގޮތެއް ނިންމަން ޖެހެ އެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައިވަނީ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމެޓީ އުފެދުނު ފަހުން ވޭތުވެދިޔަ އެއް މަސް ތެރޭގައި 73 މައްސަލައެއް ހުށަހެޅުނު ކަމަށާއި އޭގެ ތެރެއިން 66 މައްސަލައަކާ މެދު އެ ކޮމެޓީން މިހާރު ގޮތް ނިންމާފައިވާ ކަމަށެވެ. އޭގެ ތެރެއިިން އަށް މައްސަލައެއްގައި ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް އޮތްތޯ ބެލުމަށް ނިންމާފައިވާ ކަމަށާއި ދެން ހުރި 58 މައްސަލާގައި ސުލޫކީ މައްސަލައެއް ބަލަންޖެހޭ ފަދަ ކަމެއް ނެތް ކަމަށް އެ ކޮމެޓީން ނިންމާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން ބުނިގޮތުގައި ބަލަން ނިންމި އަށް މައްސަލައިގައި ތަހުގީގު ކޮމެޓީ އެކުލަވާލައި، ތަހުގީގު މިހާރު ވަނީ ފަށައިފަ އެވެ. އަދި ސުލޫކީ މައްސަލައެއް ނެތް ކަމަށް ނިންމި މައްސަލަތަކުގައި ކޮމެޓީގެ އެ ނިންމުންތައް ކޮމިޝަނުން މުރާޖާ ކުރަމުންދާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

މީގެ އިތުރުން ކޯޓުތަކަށް މައްސަލަ ބަލައިގަތުމާއި ހުކުމް ތަންފީޒު ކުރުމުގައި ބޭނުންކުރާ އުސޫލުތަކަށް އަމަލު ކުރޭތޯ އާއި މިކަމުގައި އެއްވެސް ނާޖާއިޒް ނުފޫޒެއް ފޯރަމުންދޭތޯ ބެލުމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާ ހަވާލު ކޮށްފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ. އެ މަސައްކަތް ޑީޖޭއޭއާ ހަވާލުކުރީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ކޮމިޝަނަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން ކަމަށް ޖޭއެސްސީން ބުންޏެވެ.