މަލިކު ސަރަހައްދުން ހިފެހެއްޓި ދިވެހި މަސްވެރިން ދޫކޮށްލަން ނިންމައިފި
މަލިކު ސަރަހައްދުން ހިފެހެއްޓި ދިވެހި މަސްވެރިން ދޫކޮށްލަން ނިންމައިފި

މަލިކު ސަރަހައްދުން ހިފެހެއްޓި ދިވެހި މަސްވެރިން ދޫކޮށްލަން އިންޑިއާ އިން ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ މިދިޔަ ހޮނިހިރު ދުވަހު ހިފެހެއްޓި "އަންބަރީ" ދޯނީގައި ތިބި މަސްވެރިން ދޫކޮށްލަން އެ ގައުމުގެ ފޮރިން މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރި ކަމަށެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން، އެ ދޯންޏާއި ދޯނީގައި ތިބި ފަޅުވެރިން ދޫކޮށްލަން އިންޑިއާ ސަރުކާރުން ނިންމާފައިވާ ކަމަށް ބުންޏެވެ.

އެނގިފައިވާ ގޮތުގައި ދިވެހި މަސް ދޯނި އިންޑިއާ ކަނޑުގެ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔައީ މަލިކާ ތިން މޭލަށް ކައިރިވެފައި ވަނިކޮށެވެ. އެ ދޯންޏަކީ ށ. ކޮމަންޑޫ ދޯންޏެކެވެ. ނަމަވެސް އޭގައި ތިބި މީހުންގެ އަދަދެއް އަދި ސާފެއް ނުވެ އެވެ.

އެހެން ގައުމެއްގެ ކަނޑުގެ ސަރަހައްދުގައި ދިވެހި މަސް އުޅަނދުތައް ހަރަކާތްތެރިވުމަކީ ގާނޫނާއި ގަވާއިދާ ހިލާފުކަމެއްކަން ފާހަގަކޮށް، އެކަމަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ. މީގެ ދުވަސްކޮޅެއް ކުރިން ވެސް މަލިކު ސަރަހައްދުން ރާއްޖޭގެ ދޯންޏެއް ހިފަހައްޓާފައިވެ އެވެ.