07 އޮކްޓޯބަރ 2019 - 15:49

އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަން ގުރުބާންކުރުމަށް ފަހު ގާނޫނާއި ގަވާއިދާ ހިލާފަށް އަޅާނެ އެއްވެސް ފިޔަވަޅެއް ނޯންނާނެ ކަމަށް، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެއްވި އަހުމަދު ފަޔާޒު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލިހުގެ މިނިވަން މުއައްސަސާ ކޮމިޓީގައި ޓީވީން ލައިވްކޮށް ކުރިއަށް ގެންދިޔަ އިންޓަވިއުގައި ފަޔާޒު ވިދާޅުވީ ފާއިތުވި އަހަރުތަކުގައި އޭނާ އަށް ވަރަށް ބޮޑެތި ކަންތައްތައް ކުރިމަތިވެފައިވާ ކަމަށެވެ. އެކި މަގާމުތަކުގައި އުޅުއްވި އިރު ތަފާތު ކަންކަމުގައި މީހުން އޭނާގެ އެހީތެރި ކަމަށް އެދުނު ކަމަށް ވިދާޅުވި އެވެ.
އޭގެ މިސާލެއްގެ ގޮތުން ނެންގެވީ، މަޖީދިއްޔާ ސްކޫލުގެ އެސިސްޓެންޓް ޕްރިންސިޕަލަކަށް ހުންނެވިއިރު، ބައެއް މުއްސަނދިންގެ ދަރިން ފެއިލްވެގެން ފާސްކޮށްދިނުމަށް އެދުނު އެދުމެވެ. އޭގެ ބަދަލެއްގެ ގޮތުގައި މުޅި އުމުރަށް ކަންތައްތައް ކޮށްދޭން ހުށަހެޅި ނަމަވެސް އެކަންތައް ކޮށްދެއްވާފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.
"އޭގެ މާނައަކީ މިއޭ އަޅުގަނޑު ކަންތައްތައް ގެންދާނެ ގޮތަކީ،" އެވިޑް ކޮލުޖުގެ ވައިސް ރެކްޓާގެ މަގާމު އަދާކުރައްވަމުން އަންނަ ފަޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައުމެއްގެ ހަމަޖެހުމާއި ސުލްހަ ބިނާ ވާނީ އެ ގައުމެއްގައި އޮންނަ ސަރުކާރެއްގެ ހަރުދަނާކަމުގެ މައްޗަށް ކަމަށެވެ. އެ ކަމުގައި އިންފޮމޭޝަން ކޮމިޝަނަރު މުހިއްމު ދައުރެއް އަދާކުރަން ފާހަގަކުރައްވައި ފަޔާޒު ވިދާޅުވީ އެ މަގާމަށް އަންނަ ބޭފުޅަކު މިނިވަން މުސްތަގިއްލު ވާންޖެހޭ ކަމަށެވެ. މުސްތަގިއްލު ވެވޭނީ އެހެން މީހުންގެ ދަށުނުވެ އަމިއްލަ ފައި މައްޗަށް ތެދުވެވޭ ވަރުގެ މީހަކަށް ފުރަތަމަ ވެގެން ކަމަށް ވިދާޅުވި އެވެ.
"ދައުލަތުގެ މުއައްސަސާތައް އެއްވަރަކަށް މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު ވަރަށް މަސައްކަތް ކުރައްވަން ޖެހޭ. އެކަން ކުރަން ގޮންޖެހުންތައް ހުންނާނެ. ނަމަވެސް ގޮންޖެހުންތައް ގިރާކޮށް އުފައްދަންޖެހޭ ގުޅުންތައް އުފައްދައިގެން އެ ކުރަންޖެހޭ ލޮބީތައް ކޮށްގެން އެކަން ކުރުމަކީ އިންފޮމޭޝަން ކޮމީޝަނަރަކަށް ހުންނަ މީހަކު ކުރަންޖެހޭ ކަމެއް. އަޅުގަނޑަށް އެކަންތައް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް،" ފަޔާޒު ވިދާޅުވި އެވެ.
"ހަވީރު" ނޫހުގައި ވެސް މަސައްކަތްކުރެއްވި ފަޔާޒު ވިދާޅުވި ގޮތުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާ ގުޅޭ މައުލޫމާތު މީހުންނަށް އެހާ ރަނގަޅަށް ނޭނގޭ ކަމަށެވެ. އެހެންވެ އެތަން އިސްތިހާރުކޮށް އޮފީސް ހުޅުވާލަންޖެހޭ ކަމަށް ވިދާޅުވި އެވެ.
އެ އޮފީހުގެ މާލީ ހާލަތު އޮތް ގޮތް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ އޭނާ ވިދާޅުވީ މަގާމަށް ހޮވިވަޑައިގެންފި ނަމަ ރަށްރަށުގެ ކައުންސިލްތަކާއި ޖަމިއްޔާތަކާ ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށެވެ. އޭނާއަކީ ގިނަ ބަޔަކު ދަންނަ މީހަކަށް ވާތީ، އަމިއްލަ ނުފޫޒު ބޭނުންކޮށްގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް "ވިއްކާނެ" ކަމަށް ވިދާޅުވި އެވެ.
"މައުލޫމާތު ހޯދުމުގެ މުހިއްމުކަމާއި މައުލޫމާތު ހޯދަން މީހުންޖެހޭ ކަމަށާއި މައުލޫމާތު ހޯދައިގެން ކަމަށް ދައުލަތުގެ މުއައްސަސާތައް ޖަވާބުދުދާރީކުރުވޭނީ އަދި ހާމަކަން ބޮޑުކުރެވެނީ ވެސް އަދި ގާނޫނުގެ ހުކުމް މުޅި ގަވަނެންސްގެ އެންމެ މުހިއްމު އަސާސަކީ. އެހެންވީމަ ގާނޫނުގެ ހުކުމް ހުރިހާ ކަމެއްގެ ކުރިއަށް ނެރެވޭނީ މީހުންނަށް ކަންކަން އެނގި މީހުންނަށް ކަންކަން ފިލާވަރަކުން،" ފަޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފާއިތުވި 30 އަހަރު ތަފާތު އެކި މަގާމުތަކުގައި މަސައްކަތްކުރައްވާފައިވާނެ ކަމަށެވެ. އޭގެ ތެރެއިން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސްކަން ފިޔަވައި އެހެން ހުރިހާ މަގާމަކުން ދެއްވީ އިސްތިއުފާ ކަމަށް ވިދާޅުވި އެވެ.
ސުމޯޓޯ މައްސަލައެއް ބެލުމަށްފަހު ސުޕްރީމް ކޯޓުން ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހު ފަޔާޒުގެ އިތުރުން އޭރު އެ ކޮމިޝަންގެ ރައީސަކަށް ހުންނެވި ފުއާދު ތައުފީގު ވެސް ވަކިކޮށްފަ އެވެ.
އޭނާ ވިދާޅުވީ މަގާމުން އަމިއްލަ އަށް އިސްތިއުފާ ދިނުމަކީ މީހުންނަށް ވަރަށް ކުރަން ނުކެރޭ ކަމެއް ކަމަށެވެ.
"މިހާ ކުޑަ ގައުމެއް އެކަކު އަނެކަކަށް ވަރަށް ރަނގަޅަށް އެނގޭނެ. މީހާގެ ނަޒާހަތްތެރިކަމާއި މީހާއަކީ ކިހިނެއް ދިރިއުޅޭ މީހެއްކަމާއި މި ހުރިހާ ކަމެއް ވަރަށް ރަނގަޅަށް އެންމެންނަށް ވެސް އެނގޭ. އަޅުގަނޑު ދެކޭގޮތުގައި މިފަދަ މަގާމަކަށް އަންނަންޖެހޭނީ ސިޔާސީ މީހުން ފޫހިފިލުވައިދޭ މީހަކަށް ވެގެން ނުވާނެ. ނޫނީ ނުފޫޒުގަދަ މީހަކަށް ނޫނީ ބާރުގަދަ މީހުން ބުނާގޮަތަށް ކަންކުރާ މީހަކަށް އޭނަ ވެގެން ނުވާނެ. އަޅުގަނޑު މިއީ އެއިން އެއްވެސް ބަޔަކަށް ދޫދިއްލާނެ މީހެއް ނޫން. އަޅުގަނޑު ވަރަށް މުސްތަގިއްލުކަން މަސައްކަތްކުރާނީ،" ފަޔާޒު ވިދާޅުވި އެވެ.
އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލެއްވީ ނުވަ ބޭފުޅުންނެވެ. އެ ނަންތައް މަޖިލީހަށް ފޮނުއްވި އިރު ރައީސް އިސްކަން ދެއްވި ތަރުތީބުގައި ހަތަރު ބޭފުޅަކު ހިމެނިވަޑައިގަންނަވަ އެވެ. ފަޔާޒު ހިމެނިވަޑައިގަންނަވަނީ އެ ލިސްޓުގެ ދެ ވަނައިގަ އެވެ.