ސީރިއަސް ތުހުމަތެއް: ކްރިކެޓް ބޯޑާއި މިނިސްޓްރީ ހިމޭނުން
ސީރިއަސް ތުހުމަތެއް: ކްރިކެޓް ބޯޑާއި މިނިސްޓްރީ ހިމޭނުން

ގައުމީ ކްރިކެޓް ޓީމުގެ ކޯޗު ދެކުނު އެފްރިކާގެ އާސިފް ޚާން، ކުޅުންތެރިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުއްޓާ އޭނާ މިވަނީ "ދޫވެފަ" އެވެ. ފުރަން ގޮސް އެއާޕޯޓުގައި ހުއްޓާ ހޮނިހިރު ދުވަހު އޭނާ ހައްޔަރުކުރުމަށް ފަހު އިއްޔެ މުއްދަތު ޖަހަން ކޯޓަށް ގެންދިޔަ 24 ގަޑިއިރު ވަނީ ހަމަވެފަ އެވެ. އެހެންވެ ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލަން އަމުރުކުރީ އެވެ.

އޭނާ އަލުން ހައްޔަރުނުކުރީ ކީއްވެ ހެއްޔެވެ؟ މީގެ ކުރިން ފުލުހުން ވަނީ މިގޮތަށް ދޫކޮށްލަން ޖެހޭ މީހުން އަލުން އިރުކޮޅެއް ތެރޭ ހައްޔަރުކޮށްފަ އެވެ. މިކަމުގެ ފަހަތުގައި ބާރުގަދަ ނުފޫޒެއް އޮތީ ހެއްޔެވެ؟ މި މައްސަލައިގައި މިހާތަނަށް ކްރިކެޓް ބޯޑުން ވެސް އަދި ސްޕޯޓްސް މިނިސްޓްރީން ވެސް ބަހެއް ނުބުނެ އެވެ. ޖެންޑާ މިނިސްޓްރީ ވެސް އޮތީ ހިމޭނުންނެވެ.

ކްރިކެޓް ބޯޑުގެ ރައީސް އަހުމަދު އަފްހާލް (އަފޫ) މިއަދު ވިދާޅުވީ ކަމާބެހޭ ފަރާތްތަކުން މައްސަލަ ތަހުގީގުކުރަމުން އަންނާތީވެ، ރަސްމީކޮށް އެއްޗެއް ބުނެވެން ނެތް ކަމަށެވެ.

ގައުމީ ފިރިހެން ކްރިކެޓް ޓީމާއި އަންހެން ކްރިކެޓް ޓީމުގެ ކުޅުންތެރިން ވަނީ އޭނާ ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވުމުން އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަނާޅައި އޭނާ ފުރުވާލަން ކްރިކެޓް ބޯޑުން މަސައްކަތްކުރި ކަމަށް ތުހުމަތުކޮށްފަ އެވެ. އެއީ ހަގީގަތެއް ނަމަ އެއީ ވަރަށް ސީރިއަސް މައްސަލައެކެވެ.

ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިޔަކު ނަން ހާމަނުކުރާ ގޮތަށް "މިހާރު" އަށް ބުނީ މިފަދަ ސީރިއަސް މައްސަލައެއްގައި ކަމާބެހޭ ފަރާތްތަކުން އަމަލުކުރަމުން އަންނަ ގޮތާ މެދު ވަރަށް، ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށެވެ. ފުލުހުން އޭނާ ދޫކޮށްލަން ޖެހުމާއި އަދި ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން މިކަމުގައި އެއްޗެއް ބުނެފައި ނުވުމަކީ ދެރައެއް ކަމަށް އޭނާ ބުންޏެވެ.

"ސަރުކާރުގެ ސްޕޯޓްސް އެއްވެސް މުއައްސަސާއަކުން މިކަމުގައި މިހާތަނަށް ބަހެއް ނުބުނޭ. އެބޭފުޅުން ބޭނުންފުޅު ވަނީ އަޅުގަނޑުމެން އާދޭސް ދަންނަވަން ކަމަށް ވަންޏާ އަޅުގަނޑުމެން މިތިބީ އެކަން ކުރަން ވެސް ތައްޔާރަށް. ލިޔުންތައް ހިފައިގެން މިނިސްޓްރީ ދޮށަށް ވެސް ދާން ތައްޔާރަށް މިތިބީ،" އޭނާ ބުންޏެވެ.

ގައުމީ ޓީމުގެ ކުޅުންތެރިން ބުނެފައިވާ ގޮތުގައި އިތުބާރު ކުރެވޭ ފަރާތްތަކެއްގެ ފުށުން މައުލޫމާތު ލިބިފައިވާ ގޮތުން ނަމަ، ޒުވާން ކްރިކެޓް ކުޅުންތެރިންނަށް އެކި ފަހަރު މަތިން އާސިފް ޖިންސީ ގޯނާކޮށްފައިވާކަން ތުހުމަތުކުރެވޭ ކަމަށާއި އޭގެ ތެރޭގައި އޭނާ އެ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ ދުވަސްވަރު 18 އަހަރު ނުފުރޭ ކުޅުންތެރިން ވެސް ހިމެނޭ ކަމަށެވެ.

އެ ބަޔާނުގައި ކުޅުންތެރިން ވަނީ މި މައްސަލައިގައި ކްރިކެޓް ބޯޑުން އަމަލުކުރި ގޮތް ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. އެއީ ޖިންސީ ގޯނާގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަނާޅައި އާސިފް ރާއްޖޭން ފުރުވާލަން، ސީދާ ގޮތުން ވިޔަސް ނުސީދާ ގޮތުން ވިޔަސް، ކްރިކެޓް ބޯޑުން އެހީވުން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އަދި ބޯޑުން މިކަމުގައި އަމަލުކުރި ހުތުރު ގޮތުގެ ސަބަބުން ޖިންސީ ގޯނާގެ ޝިކާރަޔަކަށްވި ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ އާއިލާތަކަށް އިތުރު ގެއްލުމެއް ލިބިފައިވާ ކަމަށް އެ ކުޅުޅުންތެރިން ދެކެ އެވެ.