07 އޮކްޓޯބަރ 2019 - 13:31

ކުރިއަށް އޮތް ހަތަރު ދުވަހު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްރަށުގައި ފެންބޮޑުވުން ވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.
ރާއްޖެއަށް ވިއްސާރަ ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އަދި ބައެއް ހިސާބުތަކަށް ވަރަށް ބޯކޮށް ވެސް ވާރޭ ވެހެ އެވެ.
މެޓް އޮފީހުގެ އެސިސްޓަންޓް މީޓިއޮރޮލޮޖިސްޓް ހުސެއިން ވަހީދު "މިހާރު" އަށް ވިދާޅުވީ މިއީ ހުޅަނގު މޫސުމުގެ މޫސުމީ ވިއްސާރަ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ ބައެއް ރަށްރަށުގައި ފެންބޮޑުވުން އެކަށީގެންވެ އެވެ. އެހެންކަމުން ވިއްސާރައިގައި އާންމުކޮށް ފެންބޮޑުވާ ރަށްރަށުން އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން، ސަލާމަތީ ގޮތުން އެކަށީގެންވާ ފިޔަވަޅު އަޅަން އޭނާ އިލްތިމާސްކުރެއްވި އެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާ އިރު، މެޓުން ލަފާކުރަނީ، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް، ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. ވައި ޖެހޭނީ ގަޑިއަކު 5-15 މޭލާ ދެމެދުގެ ބާރު މިނެއްގަ އެވެ. އެކަމަކު ކޮޅިގަނޑުގައި ގަޑިއަކު 35 މޭލުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް މެޓުން ބުނެ އެވެ. އެކަމަކު ރާއްޖޭގެ ކަނޑުތައް މަޑުވާނެ ކަމަށްވެ އެވެ.
މާލެއަށް މިއަދު ވެހުނު ބޯ ވާރެއާ ގުޅިގެން ބައެއް ހިސާބުތަކުގައި ފެން ބޮޑުވި އެވެ. އެމްއެންޑީއެފުން އަންނަނީ ޕަމްޕް ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ.