ރާއްޖެ ބައިވެރިވި ރާޑަރު ނިޒާމުން މައުލޫމާތު ދޭން ފަށައިފި
ރާއްޖެ ބައިވެރިވި ރާޑަރު ނިޒާމުން މައުލޫމާތު ދޭން ފަށައިފި

ރާއްޖެ ހިމެނޭ ގޮތުން އިންޑިއާ ކަނޑުގެ 18 ގައުމެއް ބައިވެރިކޮށްގެން އިންޑިއާއިން ގާއިމްކުރި ރާޑަރު ނިޒާމު އިންފޮމޭޝަން ފިއުޝަން ސެންޓަރު ފުރިހަމަޔަށް ހިންގަން ފަށާފައިވާ ކަމަށާއި އެތަނުގެ މައުލޫމާތު ގައުމުތަކުން ބޭނުންކުރުމަށް އިިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ދޮވާލް އެދިވަޑައިގެންފި އެވެ.

އިންޑިއާގެ ދަ ހިންދޫ ނޫހުން ބުނީ "އިންފޮމޭޝަން ފިއުޝަން ސެންޓަރު-އިންޑިއަން އޯޝަން ރީޖަން" (އައިއެފްސީ- އައިއޯއާރް) ގާއިމްކޮށް މިދިޔަ އަހަރު ނިންމާފައިވާ ކަމަށެވެ. އަދި ކަނޑުދަތުރުތަކާ ބެހޭ މައުލޫމާތާއި ހާދިސާތަކަށް ތައްޔާރުވުމަށް ބޭނުންވާ މައުލޫމާތު ދޭ ހަބެއްގެ ގޮތުގައި އެތަން މިހާރު ފުރިހަމަޔަށް މަސަައްކަތްކުރަން ފަށާފައިވާ ކަމަށް ބުނެފައިވެ އެވެ. އެ ނޫހުން ބުނީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަަކުން އެ ސެންޓަރުގެ ބޭނުން ކުރުމަށް އަޖިތު ދޮވާލް އެދިވަޑައިގަތީ ގޯއާގައި ބޭއްވި މެރިޓައިމް ކޮންކްލޭވް (ސީއެމްސީ) ބައްދަލުވުމުގައި ކަމަށެވެ.

އައައިއެފްސީ- އައިއޯއާރް އާ ގުޅިފައިވާ ސަރަހައްދީ މައިމަރުކަޒުތަކުގެ ތެރޭގައި ނޭޓޯގެ ގައުމުތަކުން ގާއިމްކޮށްފައިވާ ވާޗުއަލް މެރިޓައިމް ޓްރެފިކް ސެންޓަރު، އެފްރިކާގެ ގައުމުތަކުން ގާއިމުކޮށްފައިވާ މެރިޓައިމް ސެކިއުރިޓީ ސެންޓަރު- ހޯން އޮފް އެފްރިކާ، ރީޖަނަލް ކޯޕަރޭޝަން އެގްރިމެންޓް އޮން ކޮމްބެޓިން ޕައިރޭސީ އެންޑް އާމްޑް ރޮބަރީ، އިންފޮމޭޝަން ފިއުޝަން ސެންޓަރް -ސިންގަޕޫރު އަދި އިންޓަނޭޝަނަލް މެރިޓައިމް ބިއުރޯ- ޕައިރޭސީ ރިޕޯޓިން ސެންޓަރު ހިމެނެ އެވެ.

މި ސެންޓަރުތަަކާއި އައިއެފްސީ-އައިއޯއާރް އިން ވަނީ އެ ސެންޓަރަށް ލިބޭ މައުލޫމާތު މި ސެންޓަރުތަކުން ކޮންމެ ދުވަހަކު ހިއްސާކުރެވޭ ގޮތަށް ވެބްސައިޓެއް ގާއިމްކޮށްފަ އެވެ. އަދި ލިބޭ މައުލޫމާތު އެނަލައިޒް ކުރުމަށް ކޮންމެ މަހަކު ވެސް ބައްދަލުވުންތައް ބާއްވާނެ ކަމަށް އިންޑިއާގެ ކަނޑުގެ ސިފައިންގެ ފަރާތުން ދަ ހިންދޫ އަށް ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވެފައިވެ އެވެ.

އިންޑިއާގެ ގުރޫގްރަމްގައިވާ އިންފޮމޭޝަން މެނޭޖްމެންޓް އެންޑް އެނަލިސިސް ސެންޓަރު (އައިއެމްއޭސީ) ގައި ގާއިމްކޮށްފައިވާ އައިއެފްސީ-އައިއޯއާރް ހުޅުވީ މިދިޔަ އަހަރު އެވެ. އައިއެމްއޭސީ އަކީ އިންޑިއާގެ އައްސޭރިފަށުގައި ގާއިމުކޮށްފައިވާ ރާޑަރު ސިސްޓަމްތައް ބޭނުންކޮށްގެން 7،500 ކިލޯމީޓަރުގެ ސަރަހައްދެއްގެ މައުލޫމާތު އެއްކުރާ ސެންޓަރެކެވެ.

އިންޑިއާ އިން ރާއްޖޭގައި ހަރުކުރި ކޯސްޓަލް ސަވައިލެންސް ރާޑަރު ސިސްޓަމް ހުޅުވީ އެގައުމުގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ މިދިޔަ ޖޫން މަހު ރާއްޖެއަށް ކުރެއްވި ދަތުރުގަ އެވެ.