މޮޅެއް ނުލިބި ރާއްޖެ ކޮލިފައިން ނިންމާލައިފި
މޮޅެއް ނުލިބި ރާއްޖެ ކޮލިފައިން ނިންމާލައިފި

ތަޖިކިސްތާނުގައި ކުރިއަށްދިޔަ އޭއެފްސީ 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމު ކުޅުނު ތިން މެޗުން ވެސް ބަލިވެ ކޮލިފައިވުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.

ހަތަރު ޓީމު ވާދަކުރި ކޮލިފައިން ގްރޫޕް ސީން މުބާރާތަށް ކޮލިފައިވީ ތަޖިކިސްތާނު އެވެ. އެ ޓީމު އެއް ވަނަ ދިޔައީ ތިން މެޗުން މޮޅުވެ ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔަ ލެބަނަން އާއި ތިން ވަނަ އަށް ދިޔަ ސީރިއާ އަށް ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ފައިދާ ގޯލުން ދެ ވަނަ ދިޔަ ލެބަނަން އަށް ވެސް މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތު އެބައޮތެވެ. ރާއްޖެ ހަތަރު ވަނައިގައި ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ.

ދިވެހިރާއްޖެ 0-9 ތަޖިކިސްތާން

ދިވެހިރާއްޖެ 2-3 ސީރިއާ

ދިވެހިރާއްޖެ 0-2 ލެބަނަން

ރާއްޖޭގެ ޒުވާން ޓީމު މި ފަހަރުގެ މުބާރާތަށް ކުރިމަތިލީ ދާދި ފަހުން ނޭޕާލުގައި އޮތް ސާފް މުބާރާތުގެ ތިން ވަނަ ހޯދުމަށް ފަހު އެވެ. މުހައްމަދު ޝާޒްލީ (ޝާޒް)ގެ ކޯޗުކަމުގައި ކުޅެމުން އަންނަ ޒުވާން ޓީމު ކޮލިފައިންގެ ފުރަތަމަ މެޗުގައި އުނދަގޫ ހާލަތެއްގައި ކުޅެ 9-0 އިން ތަޖިކިސްތާން އަތުން ވީ ބައްޔެވެ. ދިގު ދަތުރެއް ކުރުމަށް ފަހު ގޮސް މެޗު ކުޅެން ރާއްޖެ އަށް އުނދަގޫވި އެވެ.

ކޮލިފައިންގައި ރާއްޖޭން އެންމެ ބޮޑު ހިތްވަރެއް ދެއްކީ ދެ ވަނަ މެޗުގައި ސީރިއާއާ ދެކޮޅަށެވެ. އެ މެޗުން ރާއްޖެ 3-2 އިން ބަލިވި ނަމަވެސް މޮޅަށް ކުޅުނެވެ. ސާވީ އިބްރާހިމްގެ ގޯލުން ރާއްޖެ ލީޑުނަގާފައިވަނިކޮށް ފުރަތަަމަ ހާފު ނިމުމުގެ ކުރިން ސީރިއާ އިން ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ އަނބުރާލި އެވެ. ދެ ވަނަ ހާފްގައި ކުޅެން ނިކުމެ ރާއްޖޭގެ ކެޕްޓަން ހަސަން ނަޒީމް (ޗޯޓު) ޖެހި ގޯލުން ރާއްޖޭން އެއްވަރުކުރި ނަމަވެސް ސީރިއާ އިން ވަނީ ފަހުން ގޯލެއް ޖަހައި މެޗުން މޮޅުވެފަ އެވެ.

އިއްޔެ ލެބަނަން އަތުން 2-0އިން ބަލިވި މެޗުގައި ވެސް ރާއްޖޭން ރަނގަޅު ކުޅުމެއް ދެއްކި އެވެ. އެކަމަކު ކޮންމެ ހާފެއްގައި ލަނޑެއް ޖަހައި ލެބަނަން އިން މެޗު ކާމިޔާބުކުރީ އެވެ.

ޓުވާޑްސް ފިއުޗާ ބެނާގެ ދަށުން އެފްއޭއެމުން ޒުވާން ގައުމީ ޓީމުތައް ކުރިއަރުވަން ގިނަ މަސައްކަަތްތައް ކުރަމުން އަންނައިރު، 19 އަހަރުން ދަށާއި 16 އަހަރުން ދަށުގެ ޓީމުތަކަށް އަންނަނީ ގިނަ ފުރުސަތުތަކެއް ހޯދައިދެމުންނެވެ. ރަނގަޅު ޕްލޭނަކާ އެކު ޝާޒްގެ އިރުޝާދުގެ ދަށުން 19 އަހަރުން ދަށުގެ ޓީމު ދުރާލާ ޕްރެކްޓިސް ފަށައިގެން ރަނގަޅު މަސައްކަތްތަކެއް ކުރި އެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ޓީމު ކުރިއަރުވައިގެން ސީނިއާ ޓީމަށް ކުޅުންތެރިން ގެންގޮސް ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ކަމަށް ޝާޒް ގަބޫލުކުރެ އެވެ.

މިއީ ރާއްޖޭން 19 އަހަރުން ދަށުގެ އޭއެފްސީ ކަޕް ކޮލިފައިންގައި ކުޅުނު ފަސް ވަނަ ފަހަރެވެ. ބަންގްލަދޭޝްގައި 2011 ވަނަ އަހަރު އޮތް ކޮލިފައިންގައި ފަސް ޓީމުގެ ގްރޫޕެއްގައި ވާދަކޮށް ރާއްޖެ އަށް ޕޮއިންޓެއް ނުލިބެ އެވެ. ޖޯޑަންގައި 2013 ވަނަ އަހަރު އޮތް ކޮލިފައިންގައި ފަސް ޓީމުގެ ގްރޫޕެއްގައި ވާދަކޮށް ހަތަރު ވަނަ ހޯދިއިރު، އެ ފަހަރު އަފްގާނިސްތާން ބަލިކޮށް ޖޯޑަންއާ އެއްވަރުކުރި އެވެ. ތަޖިކިސްތާނުގައި 2015 ވަނަ އަހަރު އޮތް ކޮލިފައިންގައި ހަތަރު ޓީމުގެ ގްރޫޕެއްގައި ކުޅެ ނިންމާލަން ޖެހުނީ ޕޮއިންޓެއް ނުލިބި އެވެ. އެންމެ ފަހުން ތަޖިކިސްތާނުގައި 2017 ވަނަ އަހަރު ބޭއްވި ކޮލިފައިންގައި ފަސް ޓީމާ ވާދަކޮށް ރާއްޖޭން ހަތަރު ވަނަ ހޯދި އެވެ. އެ ފަަހަރު ރާއްޖޭން ޕޮއިންޓެއް ހޯދީ ލަންކާއާ އެއްވަރުކޮށްގެންނެވެ.