07 އޮކްޓޯބަރ 2019 - 12:59

ހެންވޭރު ތިލަފުށިގޭގެ ކެމިކަލް ގުދަނުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި، އެތަނާ ކުރިމައްޗަށް ވާ ގޮތަށް ހުރި ކުޑަކުދިންގެ ސާމާނު ވިއްކާ ފިހާރައަށް ދެ މިލިއަނެއްހާ ރުފިޔާގެ ގެއްލުން ލިބުނު ކަމަށް އެ ފިހާރަ ހިންގާ ޕޮއިންޓް ޓްރޭޑިން ކުންފުނިން މިއަދު ބުނެފި އެވެ.

މާލޭގައި މިހާތަނަށް ހިނގި އަލިފާނުގެ އެންމެ ބޮޑު ހާދިސާގައި ހަ ގުދަނަކާއި 14 ގެއެއް އެނދި އެވެ. އޭގެ ތެރެއިން އަބަދަށްފެހި މަގުގައި ހުންނަ "ޕޮއިންޓް ކަލެކްޝަން" ފިހާރަ ހިންގަމުން އައީ، މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ ހިނގި ހާދިސާގައި މީހުން ދިރިނޫޅެވޭ ވަރަށް ގެއްލުން ލިބުނު އިވާއު ގޭގަ އެވެ.

މާލޭގައި ފުޅާ ދާއިރާއެއްގައި ބޭސް ފިހާރަތައް ހިންގަމުން އަންނަ ޕޮއިންޓް ޓްރޭޑިންގެ ސީއީއޯ ހަމްޒާ ގާސިމް ވިދާޅުވީ އިވާއު ގެއިން ދެ ފްލޯ ކުއްޔަށް ނަގައިގެން ފިހާރަ ހިންގަމުން އަންނަތާ އަށެއްކަ އަހަރު ވެއްޖެ ކަމަށެވެ. ފުރަތަމަ އާންމު އަންނައުނު ވިއްކި ފިހާރަ، ކުޑަކުދިންނާ ގުޅުން ހުރި އެއްޗިއްސަށް ހާއްސަކުރީ މީގެ ތިން އަހަރު ކުރިންނެވެ.
"ފިހާރައިގައި ހުރި ސިސްޓަމްތަކާއި އިންޓީރިއާ އަދި މުދަލާ އެކު ގާތްގަނޑަކަށް ދެ މިލިއަނެއްހާ ރުފިޔާގެ ގެއްލުން ލިބޭނެ،" މާލެ އާއި ވިލިމާލެ އަދި އދ. މާމިގިލީގައި ޕޮއިންޓް ފާމަސީ ހިންގާ ކުންފުނީގެ ސީއީއޯ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ފިހާރަ ހުރީ އިންޝުއަކޮށްފަ އެވެ.
އަލިފާން ރޯވީ ދެ ނަމާދު ދޭތެރޭގައި ކަމަށް ވާތީ ފިހާރަ ހުރީ ބަންދުކޮށްފަ އެވެ. އެހެންވެ އަލިފާނުގެ ހާދިސާގައި އެތަނުގެ އެއްވެސް މުވައްޒަފަކަށް އަނިޔާއެއް ނުވެ އެވެ.
މީގެ ތިރީހަކަށް އަހަރު ކުރިން ބޭހުގެ ވިޔަފާރިއަށް ވަން ކުންފުނިން މިހާރު 17 ބޭސް ފިހާރަ ހިންގަ އެވެ. އަނދައިގެން ދިޔަ ޕޮއިންޓް ކަލެކްޝަނަކީ، އެ ކުންފުނިން ހުޅުވި ބޭހާ ގުޅުމެއް ނެތް ފުރަތަމަ ފިހާރަ އެވެ.
ފުލުހުން މިހާތަނަށް ބުނެފައި ވަނީ ކެމިކަލް ގުދަނުގެ ހާދިސާއަކީ ބައެއްގެ އިހުމާލުން ނުވަތަ ގަސްތުގައި ކުރި ކަމެއް ކަމަށް ނުބެލެވޭ ކަމަށެވެ.