އެފްއޭއެމްގެ އިންތިހާބު ބާއްވަން ފީފާ އިން އަންގައިފި
އެފްއޭއެމްގެ އިންތިހާބު ބާއްވަން ފީފާ އިން އަންގައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމްގެ)ގެ އެގްޒެކެޓިވް ކޮމިޓީގެ ފަސް މެމްބަރަކު އިސްތިއުފާދީ އެކްސްކޯގެ ގާނޫނީ އަދަދު ހަމަވާނެ ގޮތެއް ނެތުމުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި އަލުން އެކްސްކޯ އިންތިހާބު ކުރަން ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާ އިން އަންގައިފި އެވެ.

ފީފާގެ ޖެނެރަލް ސެކްރެޓަރީ ފާތިމާ ސަމޫރާ ސޮއިކޮށް އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) އަށް އެޑްރެސްކޮށްފައިވާ ސިޓީގައި ބުނެފައިވަނީ އެކްސްކޯގެ ފަސް މެމްބަރެއްގެ އިސްތިއުފާ ސިޓީ ލިބިފައިވާ ކަމަށެވެ. އަދި އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން، އެކްސްކޯގެ 50 ޕަސެންޓް މެމްބަރުން އިސްތިއުފާ ދީފި ނަމަ އެކްސްކޯގެ ގާނޫނީ އަދަދު ހަމަނުވާނެ ކަމަށާއި އެހެންކަމުން އަލުން އިންތިހާބު ބާއްވަން ޖެހޭ ކަމަށެވެ.

ފީފާ އިން ރިއާޔަތްކޮށްފައިވާ އެފްއޭއެމްގެ އަސާސީ ގަވާއިދުގެ 33 ވަނަ މާއްދާގެ ދަށުން، އިންތިހާބު ބާއްވަން ޖެހޭނީ އިމަޖެންސީ ކޮމިޓީންނެވެ. އަދި އެ ކޮމިޓީގެ ކޯރަމް ނެތްނަމަ އިންތިހާބު ބާއްވަން ޖެހޭނީ ޖެނެރަލް ސެކްރެޓަރީގެ ބެލުމުގެ ދަށުންނެވެ.

އެފްއޭއެމްގައި އިމަޖެންސީ ކޮމިޓީއެއް ނެތުމާ އެކު، އަސާސީ ގަވާއިދުގެ ދަށުން ދެން އިންތިހާބު ބާއްވަން ހަވާލުވާން ޖެހޭނީ ޖެނެރަލް ސެކްރެޓަރީ އެވެ. އެކަމަކު ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް ވަކިކުރި މައްސަލަ ފީފާ އިން ބަލަމުން އަންނާތީ މި ވަގުތު އިންތިހާބު ބޭއްވުމުގެ ޒިންމާއާ ހަވާލުވާނެ ފަރާތެއް ނެތެވެ.

ފީފާ އިން ބުނީ، އެފްއޭއެމްގެ އަސާސީ ގަވާއިދުގެ 35 ވަނަ މާއްދާގެ ދަށުން ޖެނެރަލް ސެކްރެޓަރީ ވަކިކުރުމަށް ރައީސް ހުށަހެޅުމުން އެކަން ނިންމާނީ އެގްޒެކެޓިވް ކޮމިޓީން ކަމަށެވެ. އެހެންކަމުން ޖެނެރަލް ސެކްރެޓަރީ ވަކިކުރުމަށް އެކްސްކޯ އިން ނިންމި ބައްދަލުވުމުގެ ޔައުމިއްޔާގެ ކޮޕީއެއް ހުށަހަޅަން ތޯރިގަށް ވަނީ އަންގައިފަ އެވެ. އަދި ބައްސާމް ވަކިކުރީ އަސާސީ ގަވާއިދާ ހިލާފަށް ކަމުގައިވާ ނަމަ އެ މަގާމަށް އޭނާ އަލުން އައްޔަންކުރާނެ ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ. އެހިސާބުން، އިންތިހާބު ބޭއްވުމުގެ ޒިންމާއާ ބައްސާމް ހަވާލުވާން ޖެހޭނެ އެވެ.

ޖެނެރަލް ސެކްރެޓަރީ ކަމުން ބައްސާމް ވަކިކުރީ އެކްސްކޯގެ ބަހެއް ނެތި ސީދާ ތޯރިގެވެ. ދިވެހި ބަހުން އޮތް އަސާސީ ގަވާއިދުގެ ދަށުން ތޯރިގަށް އެބާރު ލިބުނު ނަމަވެސް ފީފާ އިން ބަލާނީ އިނގިރޭސި ބަހުން އޮތް އަސާސީ ގަވާއިދަށެވެ.

އެހެންކަމުން ބެލެވޭ ގޮތުގައި ބައްސާމް ވަކިކުރީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ނިންމާ، އޭނާ އަލުން މަގާމާ ހަވާލުވާން ފީފާ އިން އެންމެ ލަސްވެގެން މާދަމާ އަންގާނެ އެވެ. އެހިސާބުން، މިއަދު އެންގި އެންގުމާ އެއްގޮތަށް އިންތިހާބު ބޭއްވުމުގެ ޒިންމާއާ ބައްސާމް ހަވާލުވާން ޖެހޭނެ އެވެ.