ބޮޑުފޮޅުދޫ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސަށް ހުށަހަޅައިފި
ބޮޑުފޮޅުދޫ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސަށް ހުށަހަޅައިފި

އަސާސީ ޚިދުމަތްތައް ނުލިބި އއ. ބޮޑުފޮޅުދޫ ރައްޔިތުން އުފުލަމުންދާ ތަކުލީފުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ، ކައުންސިލުން ހިއްސާކޮށް ހައްލު ހޯދައިދޭން މިއަދު އެދެފި އެވެ.

ބޮޑުފޮޅުދޫ ކައުންސިލަރުންގެ އެދިވަޑައިގަތުމުގެ މަތިން ރައީސް މިއަދު ވަނީ ކައުންސިލަރުންނާ ރައީސް އޮފީހުގައި ބައްދަލު ކުރައްވައިފަ އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ކައުންސިލުން ހުށަހެޅީ އެ ރަށުގެ ތަރައްގީ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކެވެ. މީގެ އިތުރުން އަސާސީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ފެނާއި ނަރުދަމާގެ މަޝްރޫއު އަވަސްކޮށްދޭން ރައީސަށް ދެންނެވި ކަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ލިއެފައިވެ އެވެ.

އާބާދީގައި ގާތްގަނޑަކަށް 300 މީހުން ދިރިއުޅޭ ބޮޑުފޮޅުދޫ ބިން ހިއްކުމުގެ މަސައްކަތާއި ރަށުގެ އެއްގަމު ތޮށި މަރާމާތު ކުރުމުގެ އިތުރުން ސިއްހީ ދާއިރާ އަށް ބޭނުންވާ ކަންކަން ވެސް އެ ބައްދަލުވުމުގައި ހުށަހެޅި އެެވެ. އަދި ޒުވާނުންނަށް ބޭނުންވާ ބައެއް ހިދުމަތްތައް އެ ރަށުގައި ގާއިމްކޮށްދޭން ކައުންސިރުން އެދިވަޑައިގަތް ކަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައިވެ އެވެ.

ކައުންސިލަރުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފަހު، ބަޖެޓުގައި ހިމެނިފައިވާ ކަންތައްތައް ރައީސް، ބޮޑުފޮޅުދޫ ކައުންސިލަރުންނާ ހިއްސާކުރެއްވި އެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުއްވިދާނެ ކަންތައްތަކާއި، އެހެން މަޝްރޫއުތައް ފަށާނެ ކަމަށް ލަފާކުރެއްވޭ ތާރީހު ވެސް އެމަނިކުފާނު ހިއްސާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކައުންސިލަރުން ފާހަގަކުރެއްވި ކަންތައްތަކުގެ އިތުރުން، ބޮޑުފޮޅުދޫ އަށް ދިމާވެފައިވާ އެހެން ކަންތައްތައް ވެސް މި ބައްދަލުވުމުގައި ރައީސް ފާހަގަކުރެއްވި އެވެ. އަދި އެކަންތައްތަކާ ގުޅޭ އިދާރާތަކާ މަޝްވަރާކުރުމަށް ފަހު، އެކަންކަމަށް ހައްލެއް ހޯދައިދިނުމަށް މަސައްކަރްކުރައްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.