އިންޑިއާގައި ތަހުގީގުކުރާ މަނީ ލޯންޑަރިން މައްސަލައަކާ ގުޅުން ހުރި ޔޮޓެއް ރާއްޖޭގައި
އިންޑިއާގައި ތަހުގީގުކުރާ މަނީ ލޯންޑަރިން މައްސަލައަކާ ގުޅުން ހުރި ޔޮޓެއް ރާއްޖޭގައި

އިންޑިއާގައި މިހާރު ތަހުގީގުކުރަމުން އަންނަ މަނީ ލޯންޑްރިންގެ ބޮޑު މައްސަލައެއްގައި ހައްޔަރުކޮށްފައިވާ އިންޑިއާގެ ވިޔަފާރިވެރިއެއްގެ ޔޮޓެއް ރާއްޖޭގައި އެބަ އޮތް ކަމަށާއި އެ ހޯދައި އިންޑިއާ އަށް ގެންދަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ.

ޓައިމްސް އޮފް އިންޑިއާ ނޫހުން ބުނީ ރިއަލް އެސްޓޭޓް ކުންފުންޏެއް ކަަމަށްވާ އެޗްޑީއައިއެލްގެ ވެރިޔާ ސަރަންގް ވާދަަވަން ހައްޔަރުކޮށް އޭނާގެ ބައެއް މުދާ ފުުލުހުން ހިފަހައްޓާފައިވާ ކަމަށެވެ. ހިފެެހެއްޓި ތަކެތީގެ ތެރޭގައި މަތިންދާބޯޓަކާއި އަގުބޮޑު ގަހަނާ ހިމެނޭ ކަމަށް ނޫހުން ރިޕޯޓްކޮށްފައިވެ އެވެ. އާއިލާގެ މީހެއްގެ އަތުގައި ފޮރުވާފައި ހުއްޓާ ގަހަނާގެ އަގު 8.4 މިލިއަން ޑޮލަރަށް އަރަ އެވެ. އަތުލައިގަތް މަތިންދާބޯޓަކީ ނުވަ މީހުންގެ ޖާގައިގެ ބޮމްބާޑިއާ ޗެލެންޖާ-300 މަރުކާގެ ބޯޓެކެވެ.

އޭނާގެ ޔޮޓެއް ރާއްޖޭގައި ގެންގުޅޭކަން އިންޑިއާގެ އޮޮފިޝަލުންނަށް އެނގިފައިވާ ކަމަށާއި އެ ޔޮޓް ހޯދުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް ބުންޏަށް އެއާ ބެހޭ އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

ރާއްޖޭ ފުލުހުން ބުނީ މި މައްސަލަ ބެލުމުގައި ދިވެހި ފުލުހުން އަދި ބައިވެރިނުވާ ކަމަށެވެ.

އެޗްޑީއައިއެލްގެ ވެރިންނާއި އިތުރު ބަޔަކު އަދި ޕަންޖާބް އެންޑް މަހާރަޝްތުރާ ކޯޕަރޭޓިވް ބޭންކާ ގުޅުން ހުރި މި މައްސަލަ ބަލަމުން އަންނަނީ މުމްބާއީ ފުލުހުންގެ އިިކޮނޮމިކް އޮފެންސަސް ވިންގުންނެވެ. މަނީ ލޯންޑްރިންގެ މައްްސަލައިގައި އެ ކުންފުނީގެ ފަސްް ތަނެއް ވަނީ ފާސްކޮށްފަ އެވެ. އެ ކުންފުންޏަކީ އިންޑިއާގައި ކުރިން ވެރިކަން ކުރި ކޮންގްރެސް ޕާޓީއާ ގުޅުން އޮންނަ ކުންފުންޏެއް ކަމަށާއި ކޮންގްރެސްގެ ވެރިކަމުގައި އެ ކުންފުންޏަށް ބޮޑެތި ކުރިއެރުންތައް ލިބުނު ކަމަށް ވެސް ޓައިމްސް އޮފް އިންޑިއާ އިން ބުނެފައިވެ އެވެ.