ކޮންގްރެސް އިން ދަނީ އޮފިޝަލުންނަށް ފުރައްސާރަކުރަމުން: ޕޮމްޕެއޯ
ކޮންގްރެސް އިން ދަނީ އޮފިޝަލުންނަށް ފުރައްސާރަކުރަމުން: ޕޮމްޕެއޯ

ވޮޝިންޓަން (އޮކްޓޯބަރު 6) - ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ފޯނުކޯލަކާ ގުޅޭ ގޮތުން އެމަނިކުފާނު މަގާމުން ދުރުކުރުމުގެ ތަހުގީގުގައި ސްޓޭޓް ޑިޕާޓްމަންޓުގެ ލިޔުންތައް ހޯދުމަށް ކަމަށް ބުނެ ފުރައްސާރަ ކުރަމުންދާ ކަމަށް ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެ އެވެ.

"ކޮންގްރެސްގެ ތަހުގީގުގައި ލިޔުންތައް ހޯދުމަށް ސްޓޭޓް ޑިޕާޓްމަންޓުގެ މުވައްޒަފުންނަށް ޖެއްސުމާއި ފުރައްސާރަ ކުރަމުން ދަނީ. އެއީ ސްޓޭޓް ޑިޕާޓްމަންޓުގެ ލިޔުންތަކެއް، އެމެރިކާ ސަރުކާރުގެ ރެކޯޑްތައް،" ގްރީސް އަށް ކުރައްވާ ދަތުރުގައި ޕޮމްޕެއޯ ވިދާޅުވި އެވެ. "އެއީ ކަނޑައެޅިގެން ފުރައްސާރަ ކުރުން. އަޅުގަނޑުގެ ޓީމް މެންބަރުންނަށް އެގޮތަށް ކަންތައް މެދުވެރިވިޔަ ނުދޭނަން."

ޓްރަމްޕުގެ މައްސަލަ ތަހުގީގު ކުރާ ކޮންގްރެސްގެ ކޮމިޓީތަކުން ދަނީ ވައިޓް ހައުސް އިން ވެސް ބައެއް ލިޔުންތައް ހޯދަން މަސައްކަތް ކުރަމުންނެވެ.

ޔުކްރޭނުގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ އަށް ފޯނުން ގުޅުއްވައި، އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ސިޔާސީ ވާދަވެރިއެއް ކަމަށްވާ ކުރީގެ ނައިބް ރައީސް ޖޯ ބައިޑަންގެ މައްސަލައެއް ބަލަން ޓްރަމްޕް ބާރު އެޅުއްވިކަމުގެ ހެކިތައް ދަނީ ހާމަވަމުންނެވެ.

ކޮންގްރެސްގެ ތަހުގީގަށް ހުރަސް އަޅުއްވަން އުޅުއްވާކަމުގެ ތުހުމަތު ޕޮމްޕެއޯ އަށް ވަނީ ކޮށްފަ އެވެ. ކޮންގްރެސް އަށް މައުލޫމާތު ދިނުމަށް ޕޮމްޕެއޯ ހާޒިރުވާން ވެސް ވަނީ އަންގައިފަ އެވެ. ނަމަވެސް އެތެންސްގައި ވާހަކަ ދައްކަމުން އިއްޔެ ވިދާޅުވީ އޭނާ ކުރައްވާނީ ގާނޫނުން ލާޒިމްކުރާ ކަންކަން އެކަނި ކަމަށެވެ.