06 އޮކްޓޯބަރ 2019 - 11:28

ބަޣުދާދު (އޮކްޓޯބަރު 6) - އިރާގު ސަރުކާރާ ދެކޮޅަށް ފަށާފައިވާ ސިލްސިލާ މުޒާހަރާތަކުގައި މިހާތަނަށް 100 އަށް ގިނަ މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ޕާލަމެންޓުގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފި އެވެ.

ސަރުކާރާ ދެކޮޅު މުޒާހަރާތަކަށް ހަ ދުވަސްވެފައިވާ އިރު އިއްޔެ އެކަނިވެސް ވެރިރަށް ބަޣުދާދުން ވަނީ ފަސް މީހުން މަރުވެފަ އެވެ. ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ސަލާމަތީ ފަރާތްތަކުން ދަނީ އަސްލު ވަޒަން ބޭނުން ކުރަމުންނެވެ.

މުޒާހަރާ ކުރާ މީހުން ބުނަނީ އެ މީހުން މަގުތަކަށް ނުކުތީ ވަޒީފާ ނުލިބުމާއި ސަރުކާރުގެ ޚިދުމަތުގެ ފެންވަރު ދަށްވުމާއި ކޮރަޕްޝަން ބޮޑުވުމުން ކަމަށެވެ. މިއީ އިރާގުން އިސްލާމިކް ސްޓޭޓް (އައިއެސް) 2017 ވަނަ އަހަރު ބަލިކޮށްލި ފަހުން އެ ގައުމުގައި ހިންގަމުންދާ އެންމެ ވަރުގަދަ ހަމަނުޖެހުންތަކެވެ.
ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ދަނީ ތަފާތު ފިޔަވަޅުތައް އަޅަމުންނެވެ. އޭގެ ތެރޭގައި ބަޣުދާދުގައި ކާފިއު ހިންގުމާއި އިންޓަނެޓުގެ ޚިދުމަތް ކަނޑާލުން ހިމެނެ އެވެ. އިއްޔެ ހަވީރު ބާއްވަން އުޅުނު ޕާލަމެންޓުގެ ކުއްލި ބައްދަލުވުމެއް ވެސް ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.
މުޒާހަރާތަކުގެ މައި މަރުކަޒަކީ ބަޣުދާދުގެ ތަހްރީރު މައިދާނެވެ. ނަމަވެސް އެ ސަރަހައްދު އިއްޔެ އޮތީ ބަންދުކޮށްފަ އެވެ.
އިރާގުގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނީ ހަމަނުޖެހުންތަކުގައި މިހާތަނަށް 540 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭން ބަންދުގައި މިހާރު ތިބީ ގާތްގަނޑަކަށް 200 މީހުންނެވެ. މުޒާހަރާތަކުގައި މިހާތަނަށް ވަނީ 3،000 މީހުން މަރުވެފަ އެވެ.
މުޒާހަރާތަކަށް ނުކުތް މީހުންގެ ޑިމާންޑްތަކަށް އިޖާބަ ދެއްވާނެ ކަމަށް ބޮޑު ވަޒީރު އާދިލް އަބްދުލް މަހްދީ ހުކުރު ދުވަހު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އިރާގުގެ މައްސަލަތަކަށް "ޖާދޫގެ ހައްލެއް" ނެތް ކަމަށް ވިދާޅުވި އެވެ.
ދުނިޔޭގެ ހަތަރު ވަނަ އަށް އެންމެ ބޮޑު ތެލުގެ ރިޒާވް އޮތީ އިރާގުގަ އެވެ. އެކަމަކު ވޯލްޑް ބޭންކުން ބުނި ގޮތުގައި އިރާގުގެ 40 މިލިއަން މީހުންގެ އާބާދީގެ 22.5 ޕަސެންޓް މީހުން 2014 ވަނަ އަހަރު ދިރިއުޅުނީ ދުވާލަކު 1.90 ޑޮލަރު ވެސް ނުލިބި އެވެ.