06 އޮކްޓޯބަރ 2019 - 11:38

ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރް، ފިރީމީހާ އާނަންދު އަހޫޖާއާ އެކު ޗުއްޓީ އަށް ރާއްޖެ އަތުވެއްޖެ އެވެ.
ސޯނަމްގެ ދެމަފިރިންނާ އެކު، އޭނާގެ ކޮއްކޮ އަދި ޕްރޮޑިއުސަރު ރިއާ ކަޕޫރާއި އޭނާ ކައިވެނިކުރަން އުޅޭ ކަރަން ބުލާނޫ އާއި ގާތް ބައެއް މީހުން ރާއްޖެ އައިސްފައިވެ އެވެ. އެ މީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ސޮނެވާފުށީގަ އެވެ.
ރިއާ އެ ރިސޯޓްގެ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކުރި ނަމަވެސް ސޯނަމް ފޮޓޯ ހިއްސާކޮށްފައި ވަނީ ހަމައެކަނި އިންސްޓަގްރާމް ސްޓޯރީގަ އެވެ.
މީގެ ކުރިން ވެސް މި ދެބެއިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ. ސޯނަމާއި ރިއާ އަކީ އެކްޓަރު އަނިލް ކަޕޫރްގެ ދެ އަންހެން ދަރިންނެވެ. މިދިޔަ އަހަރު ކައިވެނިކުރި ސޯނަމް އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ މިދިޔަ މަހު ރިލީޒްކުރި "ދަ ޒޯޔާ ފެކްޓާ" އިންނެވެ.
ރާއްޖެ އަށް ޗުއްޓީ އަށް އަންނަ ބޮލީވުޑްގެ ތަރިން ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު، މި އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިންޑިއާ އިން ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ ނިސްބަތް، ކުރީ އަހަރުތަކަށް ވުރެ 100 ޕަސެންޓް އިތުރުވެފައިވެ އެވެ.