07 އޮކްޓޯބަރ 2019 - 07:26

މީގެ 36 އަހަރު ކުރިން ގެނެސްދިން އެނިމޭޓެޑް ސައިންސް ފިކްޝަން ކޮމެޑީ ސީރީޒް "އިންސްޕެކްޓާ ގެޖެޓް" ގެ ލައިވް-އެކްޝަން ފިލްމެއް ކުރިން ވެސް ގެނެސްދީފައި ވަނިކޮށް މީގެ ފިލްމެއް އަނެއްކާ ވެސް ހަދަން ނިންމައިފި އެވެ.
މި ފަހަރު ވެސް މީގެ ލައިވް-އެކްޝަން ފިލްމެއް އުފައްދަން ނިންމީ 1999 ގެ ލައިވް-އެކްޝަން "އިންސްޕެކްޓާ ގެޖެޓް" ގެނެސްދިން ޑިޒްނީންނެވެ. އެ ފިލްމުގެ ޓައިޓްލް ރޯލް ކުޅުނީ މެތިއު ބްރޯޑެރިކެވެ.
ޖުމްލަ 90 މިލިއަން ޑޮލަރުގެ ބަޖެޓަކުން ޑޭވިޑް ކެލޯގް ޑައިރެކްޓްކުރި "އިންސްޕެކްޓާ ގެޖެޓް" އަކީ ބޮކްސް އޮފީހުގައި 134.4 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.
"އިންސްޕެކްޓާ ގެޖެޓް" އަސްލު ތަރިންނާއެކު އަލުން ގެނެސްދޭން ނިންމައި އޭގެ ސްކްރީންޕްލޭގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ "ސަޓަޑޭ ނައިޓް ލައިވް" ގެ ލިޔުންތެރިން ކަމަށްވާ މިކީ ޑޭ އާއި ސްޓްރީޓާ ސިޑެލް އެވެ.
ނަމަވެސް މި ފަހަރު ފިލްމު ޑައިރެކްޓްކުރާނެ މީހަކާއި ކާސްޓުންނާއި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އިއުލާނެއް ނުކުރެ އެވެ.
"އިންޕެކްޓާ ގެޖެޓް" ގެ ލައިވް-އެކްޝަން އިތުރު ފިލްމެއް ގެނެސްދޭން ޑިޒްނީން ނިންމި އިރު، އެ ސްޓޫޑިއޯ އިން މި ފަހަކަށް އައިސް އަންނަނީ ކުރީގެ ވަރަށް ގިނަ އެނިމޭޓެޑް ފިލްމުތައް އަސްލު ތަރިންނާ އެކު ގެނެސްދެމުންކަން ފާހަގަކޮށްލެވެ އެވެ.