07 އޮކްޓޯބަރ 2019 - 07:25

މި މަހުގެ 18 ގައި ރިލީޒްކުރާ ސައިފް އަލީ ޚާންގެ "ލާލު ކަޕްތާން" ގައި އޭނާ ފެންނަ ގޮތް، "ޕައިރޭޓްސް އޮފް ކެރީބިއަން" ގެ ފިލްމުތަކުގައި އެކްޓަރު ޖޯނީ ޑެޕް ހުންނަ ގޮތާ ވައްތަރު ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ޑައިރެކްޓަރު ނަވްދީޕް ސިންގް ރައްދުދީފި އެވެ.
މީޑިއާއަކަށް ދިން އިންޓަވިއުއްގައި އޭނާ ބުނީ ފިލްމުގައި ސައިފް ކުޅެފައި ވަނީ އިންޑިއާގެ ދީނީ ފިކުރެއް ކަމަށްވާ ނާގަ ސަންދޫ އަށް ނިސްބަތްވާ މީހެއްގެ ރޯލް ކަމަށެވެ. އަދި ނާގަ ސަންދޫ އަކީ މީގެ 5،000 އަހަރު ކުރިން ވެސް ވަކިގޮތަކަށް އެ މީހުންގެ ހެދުންއެޅުމުގެ ވައްޓަފާޅި ގެންގުޅުނު ބައެއް ކަމަށާއި އެހެންވެ ސައިފްގެ ލުކަކީ ހޮލީވުޑްގެ ފިލްމަކުން ކޮޕީކޮށްފައިވާ ލުކެއް ކަމަށް ބުނާ ވާހަކަގައި އެއްވެސް އޮއްޓަރެއް ނެތް ކަމަށް ބުންޏެވެ.
"އަހަންނަށް ހީވަނީ ޕައިރޭޓްސްގައިހެން ނާގަ ސަންދޫންގެ ލުކްކޮޕީކޮށްފައި އޮތީ،" ނަވްދީޕް ބުންޏެވެ. "އެހެންވެ ސައިފްގެ ލުކާއި ޑެޕްގެ ލުކް އެއްގޮތް ބުނާ ވާހަކައިގައި އަސްލެއް ނެތް. އަހަރެމެން މަސައްކަތްކޮށްފައި ހުންނާނީ ނާގަ ސަންދޫންގެ ލުކް ގެންނަން. ދެން ދެ ފިލްމުގައި އެއްގޮތްވުމަކީ އިއްތިފާގަކަށް ވެސް ވެދާނެ."
"ލާލް ކަޕްތާން" ގައި ސައިފް ފެންނާނީ ޑްރެޑްލޮކް ބޮޑު އިސްތަށިގަނޑަކާއި ދިގު ތުނބުޅިއަކާ އެކު ލޮލާއި ނިތްކުރީގައި އަނދުން ހާކައި، އައްސާފައި އޮންނަ ރަތް ކުލައިގެ ސްކާފަކާ އެކީގަ އެވެ. އަދި އެ ލުކް ފުރިހަމަކޮށް ދެނީ ބޭނުންކޮށްފައިވާ ގަދީމީ އެކްސަސަރީޒްތަކުންނެވެ.
"ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ ފިލްމުތަކުގައި ޑެޕް ވެސް ފެންނަނީ ހަމަ މިކަހަލަ ގޮތަކަށެވެ.
ދެހާސް ފަނަރަ ވަނަ އަހަރު އަނުޝްކާ ޝަރުމާގެ "އެންއެޗް 10" ޑައިރެކްޓްކުރި ނަވްދީޕްގެ "ލާލު ކަޕްތާން" އަކީ އެކްޝަން ޑްރާމާއެކެވެ.
މިދިޔަ އަހަރު "ޒީރޯ" ގެނެސްދިން އާނަންދު އެލް ރާއީ ޕްރޮޑިއުސްކޮށްފައިވާ ފިލްމުގެ ކާސްޓުންގެ ތެރޭގައި ޒޯޔާ ހުސައިން، މާނަވް ވިޖް، ދީޕަކް ދޮބްރިޔާލް އަދި ސިމޯން ސިންގް ހިމެނެ އެވެ.