06 އޮކްޓޯބަރ 2019 - 09:12

ލަންޑަން (އޮކްޓޫބަރު 6) - ފަހު ވަގުތު ޖެހި ގޯލުން ލެސްޓާ ސިޓީގެ މައްޗަށް 2-1 އިން ކުރިހޯދައި އިނގިރޭސި ޕްރިމިއާ ލީގުގެ މި ފަހަރުގެ ސީޒަނުގައި މިހާތަނަށް ކުޅުނު އަށް މެޗުން މޮޅުވެ ލިވަޕޫލުން ލީގުގެ ތާރީހުގައި ރެކޯޑެއް ގާއިމްކޮށްފި އެވެ.
ރޭގެ ނަތީޖާއާ އެކު ލިވަޕޫލަކީ ލީގު ތާރީހުގައި ފުރަތަމަ އަށް މެޗުން ދެ ސީޒަނެއްގައި މޮޅުވި ފުރަތަމަ ޓީމެވެ. އަދި ލީގުގައި ފަހު ވަގުތު ޖެހި ގޯލުން މޮޅުވުމުގެ ރެކޯޑް ވެސް އޮތީ ލިވަޕޫލް އަތުގަ އެވެ. އެ ޓީމުން ވަނީ އިތުރު ވަގުތުގައި ޖެހި ގޯލުތަކުން 34 މެޗުން މޮޅުވެފަ އެވެ
ލިވަޕޫލުން ވަނީ އެންމެ ފަހުން ލީގުގައި ކުޅުނު 17 މެޗުން ވެސް މޮޅުވެފަ އެވެ. އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑް އޮތީ މެންޗެސްޓާ ސިޓީ އަތުގަ އެވެ. އެ ޓީމުން އެ ރެކޯޑް ހެދީ 18 މޮޅު ހަމަކޮށްގެންނެވެ.
ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އަށް މެޗުން 24 ޕޮއިންޓް ހޯދައިގެން އަށް ޕޮއިންޓުގެ ލީޑަކާ އެކު ލިވަޕޫލް ލީގުގެ އެއް ވަނައިގައި އޮތްއިރު އެންމެ ފަހުގެ ޗެމްޕިއަން ސިޓީ ދެ ވަނައިގައި އޮތީ ހަތް މެޗުން 16 ޕޮއިންޓާ އެކު އެވެ.
ލިވަޕޫލްގެ ކުރީގެ ކޯޗު ބްރެންޑަން ރޮޖާސްގެ އިރުޝާދުގެ ދަށުން ބޮޑު ކުރިއެރުމެއް ހޯދާފައިވާ ލެސްޓާ އިން ރޭގެ މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި އެވެ. ލިވަޕޫލުން ޕްރެޝަރުގައި ބައެއް ވަގުތުތަކުގައި ކުޅުނު މި މެޗުގެ 40 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ސަޑިއޯ މާނޭ އެވެ. ލީޑުފުޅާކުރަން ލިވަޕޫލްގެ ރޮބާޓޯ ފިރްމީނޯ އާއި މުހައްމަދު ސަލާހަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ.
ލެސްޓާ އަށް އެއްވަރުކޮށްދިނީ އަނިޔާ އަށް ފަހު އެނބުރި އައިސް ރޭގެ މެޗުގައި ކުޅުނު ޖޭމްސް މެޑިސަން އެވެ. މެޗުގެ އިތުރު ވަގުތުގެ ފަހު މިނިޓްގައި ލިވަޕޫލް މޮޅުކޮށްދިނީ ޖޭމްސް މިލްނާ ޖެހި ޕެނަލްޓީންނެވެ. މި ޕެނަލްޓީ އަކީ ލިވަޕޫލްގެ މާނޭ އަށް ލެސްޓާގެ މާކް އޯލްބްރައިޓަން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. ޕެނަލްޓީ ދިނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ވެސް ބެލުމަށް ފަހު އެވެ.
ލެސްޓާ ކޯޗު ރޮޖާސް ވަނީ އެ ޕެނަލްޓީ އަކީ ރަނގަޅު ނޫން ނިންމުމެއް ކަމަށް ބުނެފަ އެވެ. އަދި މެޗު ދިޔަ ގޮތުން ލެސްޓާ އަށް ޕޮއިންޓެއް ހައްގުވާ ކަމަށާއި ލިވަޕޫލް ކަހަލަ ޓީމަކާ ދެކޮޅަށް ލެސްޓާ އިން ދެއްކި ކުޅުމަށް ތައުރީފުކުރާ ކަމަށް ވެސް ބުންޏެވެ.
ރޭގެ މެޗުގައި ލެސްޓާގެ ހަމްޒާ ޗޯދުރީ ކުރި ޓެކުލެއްގެ ސަބަބުން ލިވަޕޫލްގެ ސަލާހުގެ ކުޑަހުޅަށް އަނިޔާވެފައިވާއިރު، މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ހަމްޒާ ކުރި ފައުލަށް އޭނާ އަށް ރަތް ކާޑެއް ދައްކަންޖެހޭ ކަމަށެވެ.
ލީގުގައި ރޭ ޓޮޓެންހަމް ކުޅުނު މެޗުން ވަނީ ރަށުން ބޭރުގައި 3-0 އިން ބްރައިޓަން އަތުން ވަނީ ބަލިވެފަ އެވެ.