ތަހުގީގުގައި ކޮންގްރެސް އަށް އެއްބާރުލުން ދެވޭނެކަން ޔަގީނެއް ނޫން: ޓްރަމްޕް
ތަހުގީގުގައި ކޮންގްރެސް އަށް އެއްބާރުލުން ދެވޭނެކަން ޔަގީނެއް ނޫން: ޓްރަމްޕް

ވޮޝިންޓަން (އޮކްޓޯބަރު 5) - ޔޫކްރޭނުގެ ރައީސް އަށް ފޯނުން ގުޅުއްވައި ކުރީގެ ނައިބް ރައީސް ޖޯ ބައިޑަންގެ މައްސަލައެއް ބަލަން ބާރު އަޅުއްވާފައިވާތީ އެމެރިކާގެ ކޮންގްރެސް އިން މިހާރު ފަށާފައިވާ ތަހުގީގުގައި އެއްބާރުލުން ދެވޭނެކަމާ މެދު ޔަގީން ނުވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

"އެއްބާރުން ދެވޭނެކަން އަޅުގަނޑަކަށް ނޭނގޭ. އެކަން ނިންމާނީ ވަކީލުން،" ވައިޓް ހައުސްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.

ހައުސް އޮފް ރެޕްޒެންޓެޓިވްސްގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން މިހާރު ދަނީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ބައިޑަންގެ މައްސަލަ ބަލަން ޔުކްރޭނުގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ އަށް ނުފޫޒު ފޯރުވިތޯ ތަހުގީގު ކުރަމުންނެވެ.

އެމެރިކާގެ ބައެއް މީޑިއާތަކުން ބުނި ގޮތުގައި ކޮންގްރެސްގެ މެންބަރުންގެ ޑިމާންޑްތަކަށް އެއްބާރުލުން ދެވެން ނެތްކަން އެންގުމަށް ވައިޓްހައުސް އިން ދަނީ ތައްޔާރުވަމުންނެވެ.

ޔުކްރޭނުގެ ރައީސް އަށް ގުޅުއްވައިގެން ނާޖާއިޒް ފާއިދާއެއް ހޯއްދަވަމުން އުޅުއްވިކަން ޓްރަމްޕް ގެންދަވަނީ ތަކުރާރުކޮށް ދޮގު ކުރައްވަމުންނެވެ. ޓްރަމްޕް ވިދާޅުވީ ހަމައެކަނި ބޭނުމަކީ ކުރީގެ ނައިބް ރައީސްގެ ކޮރަޕްޝަން މައްސަލަ ބެލުން ކަމަށެވެ.

ބައިޑަންގެ މައްސަލަ ތަހުގީގު ކުރަން ޓްރަމްޕް ވަނީ ޔުކްރޭނުގެ ރައީސް ޒެލެންސްކީ އަށް ޖުލައި 25 ވަނަ ދުވަހު ފޯނުން ގުޅުއްވައި ބާރު އަޅުއްވައިފަ އެވެ. ރައީސް ބަރަކް އޮބާމާގެ ނައިބަކަށް ބައިޑަން ހުންނެވި ދުވަސްވަރު ދަރިކަލުން ހަންޓާ ބައިޑަން ހުންނެވީ ޔުކްރޭންގެ ނޭޗަރަލް ގޭސް ކުންފުންޏެއްގެ ބޯޑު މެންބަރަކަށެވެ. އެ ކުންފުނީގެ މައްސަލައެއް އެ ދުވަސްވަރު ބެލުން ހުއްޓުވީ ބައިޑަންގެ ނުފޫޒުންތޯ ބެލުމަށް ޓްރަމްޕް ވަނީ ޔުކްރޭނުގެ ރައީސްގެ އަރިހުން އޮޅުންފިލުވަން އުޅުއްވައިފަ އެވެ. ބައިޑަން އަދި ހަންޓާ ވެސް ގޯހުން ކަމެއް ކުރައްވާފައިވާކަމުގެ ހެއްކެއް އަދި ފެންނާކަށް ނެތެވެ.