ގޯޓާބޭއާ ދެކޮޅަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފި
ގޯޓާބޭއާ ދެކޮޅަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފި

ކޮލަމްބޯ (އޮކްޓޯބަރު 4) - މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ގޯޓާބޭ ރާޖަޕަކްސާގެ ސިޓިޒަންޝިޕާ ގުޅޭ ގޮތުން ކޯޓް އޮފް އެޕީލް އަށް ހުށަހެޅި މައްސަލަ އިއްޔެ ބޭރުކޮށްލައިފި އެވެ.

ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ކޮއްކޯފުޅު ގޯޓާބޭއާ ދެކޮޅަށް ހުށަހެޅި މައްސަލަ ބޭރުކޮށްލީ އެ މައްސަލަ ބަލަން ހަމަޖެއްސި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މައްސަލައިގެ ތިން އަޑު އެހުމެއް ވަނީ ބާއްވައިފަ އެވެ.

މަދަނީ ހައްގުތަކާބެހޭ ދެ އެކްޓިވިސްޓަކު ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ލަންކާ ޕާސްޕޯޓާއި އައިޑެންޓިޓީ ކާޑް ގޯޓާބޭ ހޯދާފައި ވަނީ ސިޓިޒަންޝިޕް އެކްޓާ ޚިލާފަށް ކަމަށެވެ. ގޯޓާބޭ އަކީ ކުރިން އެމެރިކާގެ ސިޓިޒަންޝިޕް އޮންނަ ފަރާތެކެވެ. ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ގޯޓާބޭ އަކީ ލަންކާ ރައްޔިތެއް ނޫން ކަމަށާއި އޭނާގެ ލަންކާގެ ސިޓިޒަންޝިޕް ސެޓްފިކެޓަކީ ވަގު ލިޔުމެއް ކަމަށެވެ. އެހެންވެ ކުރިއަށް އޮތް އިންތިޚާބުގައި ލަންކާގެ ރިޔާސީ އިންތިޚާބުގައި ގޯޓާބޭ ވާދަކުރަނީ ލަންކާގެ ރައްޔިތެއްގެ ގޮތުގައި ނޫން ކަމަށްވާއިރު އޭނާ ހޮވިވަޑައިގެންފި ނަމަ އެއީ ގައުމީ ސަލާމަތަށް ކުރިމަތިވާނެ ނުރައްކަލެއް ކަމަށް ވެސް ބުނެފައިވެ އެވެ.