05 އޮކްޓޯބަރ 2019 - 18:19

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށް ފުރައްސާރަކޮށް ވާހަކަތަކެއް ލިޔުނު މައްސަލައިގައި ސަރުކާރުގެ ވެރިން ހަނު ތިއްބެވުމުން ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސައީދު މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީން ގުޅިގެން ކ. ހިންމަފުށީގައި ބޭއްވި ޖަލްސާގައި، ކުރިން އިކޮނޮމިކް މިނިސްޓަރު ކަން ކުރެއްވި ސައީދު ވިދާޅުވީ ރާއްޖޭގެ ދައުލަތަކީ ސައްތަ އިން ސައްތަ އިސްލާމީ ދައުލަތަކަށްވާ އިރު، ރާއްޖޭގައި އެއްވެސް ކަމެއް ކުރަން ވާނީ އިސްލާމީ އުސޫލުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
ސައީދު ވިދާޅުވީ އެމްޑީއެން އިން ދީނަށް ފުރައްސާރަ ކުރީމަ، ރައްޔިތުން ސަމާލުވާން ޖެހޭ ކަމަށެވެ. މިއީ ވަރަށް ހީލަތްތެރި، މަކަރުވެރި ގޮތަކަށް ރާއްޖޭގެ "ދުވަސް ދުއްވާލުމަށް" ބަޔަކު ރާވައިގެން ކުރިއަށް ގެންދާ ނުރައްކާތެރި މަސައްކަތެއް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. އަދި މި މައްސަލައިގައި ސަރުކާރުގެ ވެރިން އެއްޗެއް ވިދާޅު ނުވެ ތިއްބެވި ސަބަބާ މެދު ސައީދު ސުވާލު އުފެއްދެވި އެވެ.
"އިސްލާމް ދީނަށް ފާޅުގައި ފުރައްސާ ކުރީ. ކޮބައިތޯ ރައީސުލްޖުމްހޫރިއްޔާ؟ ވަލީއުލްއަމުރު ކޮބައިތޯ؟ ކީއްވެގެންތޯ ސަރުކާރަށް އެއްޗެއް ބުނަން ނުކެރިގެން މިއުޅެނީ؟ ސަރުކާރުން އެބަ ޖެހޭ ބުނެދޭން،" ޕީއެންސީގެ ނައިބު ރައީސް ކަން ވެސް ކުރައްވާ ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ގައުމިއްޔަތުގެ ފިކުރު ދިފާއު ކުރުމަށް ޕީޕީއެމުން ކުރާ ދަތުރުގައި ރާއްޖޭގެ ރައްޔިތުން ބައިވެރިނުވެއްޖެ ނަމަ، ގައުމު އޮޔާ ދާނެ ކަމަށެވެ. އެކަމަކު، އިދިކޮޅު ފަރާތްތަކަށް ލިބޭ އުފަލަކީ ސައީދު ވިދާޅުވި ގޮތުގައި، އިސްލާމް ދީނުގެ ދިފާއުގައި ރައްޔިތުން ތިބި ކަމެވެ.
ސައީދު ވިދާޅުވީ ސަރުކާރުގެ އެއްވެސް އިދާރާއެއްގައި އެމްޑީއެންގެ މެމްބަރަކު ނެތް ކަން ނުވަތަ ހުރިއްޔާ ހުރި ކަން ވެސް ސާފުކޮށްދޭން ޖެހޭ ކަމަށެވެ.
ސައީދު އެގޮތަށް ވިދާޅުވި އިރު، ކީރިތި ރަސޫލާ އާއި އިސްލާމް ދީނަށް ފުރައްސާރަކޮށް އެމްޑީއެން އިން ރިޕޯޓު ނެރުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ގަ އެވެ. އެހެންވެ، ކުރީގެ ސަރުކާރުން އެ ރިޕޯޓާ މެދު ފިޔަވަޅެއް އަޅާފައި ނުވުމުން ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ނެރުނު އެ ރިޕޯޓާ ގުޅިގެން އެމަނިކުފާނު ފިޔަވަޅު ނޭޅުއްވީ ކީއްވެތޯ ސުވާލު ކުރައްވައިފަ އެވެ. އަދި އެކަމުގައި އިހުމާލުވި މީހަކީ ޔާމީން ކަމަށް ވެސް ރޮޒެއިނާ ވިދާޅުވި އެވެ.
"ތި ރިޕޯޓު ނެރުނީ ޔާމީންގެ ވެރިކަމުގައި ނޫންބާ؟ އޭނަ ކީއްވެތަ ތިކަމާ ފިޔަވަޅު ނޭޅީ؟ މިހާރު ވެސް އަޅަން ޖެހޭ ފިޔަވަޅެއް އަޅަންވީ. އެކަމަކު ޔާމީން އެ ވާހަކަ ދެއްކީމަ ރީއްޗެއް ނޫން. އިހުމާލުވި މީހަކީ ޔާމީން،" ރޮޒެއިނާ ވިދާޅުވި އެވެ.