07 އޮކްޓޯބަރ 2019 - 07:24

މި މަހު ރިލީޒްކުރާ "އަނދިރިކަން" އަށް ފަހު "ލޯބިވެވިއްޖެ" ކިޔާ ފިލްމެއް ހަދަން ތައްޔާރުވަމުން އަންނަ ކަމަށް އަލީ ސީޒަން ބުނެފި އެވެ.
އޭނާ ޑައިރެކްޓް ވެސް ކުރާ މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި ވަނީ އަންނަ އަހަރު އެވެ. އަދި ފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
ސީޒަން ބުނިގޮތުގައި "ލޯބިވެވިއްޖެ" ރަސްމީކޮށް އިއުލާންކުރާނީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭ "އަނދިރިކަން" ގެ ޕްރިމިއާ ނައިޓްގަ އެވެ.
"އެހެންވެ މިވަގުތަށް އަދި ބޭނުމެއް ނޫން ފިލްމުގެ ކާސްޓާއި އަދި ފިލްމާ ގުޅުން ހުރި އިތުރު އެއްވެސް މައުލޫމާތެއް ހިއްސާކުރާކަށް،" އޭނާ ބުންޏެވެ. "ފިލްމު ލޯންޗިންއާ އެކު ޓީޒާއެއް ވެސް ބެލުންތެރިންނަށް ގެނެސްދޭނަން."
އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ސީޒަން ޑައިރެކްޓްކޮށް، ބަތަލުގެ ރޯލް ވެސް ކުޅެފައިވާ "އަނދިރިކަން" ގެ ބަތަލާއިންނަކީ ޝީލާ ނަޖީބާއި އައިނިމަތު ރިޝްފާ އެވެ.
މިއީ 2016 ގައި ރިލީޒްކުރި "ވަފާތެރި ކެހިވެރިޔާ" އަށް ފަހު ސީޒަން ޑައިރެކްޓްކޮށް ގެނެސްދޭ ފުރަތަމަ ފިލްމެވެ.