05 އޮކްޓޯބަރ 2019 - 13:55

ކީރިތި ޤުރްއާނުން އެނގޭ ގޮތުގައި ދީނުގެ ކަންކަމަށް ފުރައްސާރަ ކުރުމަކީ ޒަމާނުއްސުރެ ބައެއް މީހުންގެ އާދައެކެވެ. މިފަދަ މީހުން މިކަން ކުރަނީ ތަފާތު ސަބަބުތަކާ ހުރެއެވެ. ކޮންމެ ސަބަބަކާ ހުރެ ކުރިނަމަވެސް އިސްލާމް ދީނުގައި މިކަން ސިފަ ކުރަނީ ވަރަށް ނުބައި ކަމެއްގެ ގޮތުގަ އެވެ. އެކަމަކު ހަމައެއާ އެކު ކޮންމެ ކަމެއްވެސް އިސްލާހު ކުރުމުގައި އިސްލާމް ދީނުގައި އޮންނަ ހިކުމަތްތެރި ފިޔަވަޅުތަކާއި އޭގެ ހިކުމަތްތެރި ތަރުތީބު މިކަމުގައި ވެސް ގެންގުޅުމަށް އިސްލާމް ދީން ބާރުއަޅަ އެވެ.
ކީރިތި ޤުރްއާނުން އެނގޭ ގޮތުގައި ކުރީގެ ރަސޫލުންނަށް ފުރައްސާރަ ލިބިފައިވެ އެވެ. (އަލްއަންޢާމް 10، އައްޒުޚްރުފް 7). ކީރިތި ނަބިއްޔާ، ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޒަމާނުގައި މި ކަމުގައި އެންމެ އަރާ ތިބީ ސީދާ ކާފިރުންނަށް ވުރެ ބޮޑަށް މުނާފިގުންނެވެ. މިކަން ކުރާއިރު އެމީހުންގެ ހިތްތަކުގައިވާ ގޮތުގެ ޚަބަރު އަންގައިދޭ ސޫރަތެއް ބާވައިލައްވައިފާނެތީ އެމީހުން ތިބެނީ ބިރުންނެވެ. މިކަމަށް ދޭންވީ ޙިކުމަތްތެރި ޖަވާބު ޤުރްއާނުގައި އަ އެވެ. އެއީ "ތިޔަބައިމީހުން ފުރައްސާރަކޮށް އުޅޭށެވެ! ހަމަކަށަވަރުން ތިޔަބައި މީހުން ބިރުގަންނަ ކަންތައް، ﷲ ނެރުއްވައި ހާމަކުރައްވާ ހުއްޓެވެ." މިފަދައިންނެވެ. (އައްތައުބާ 64). އެމީހުންގެ މި ފުރައްސާރައާ ބެހޭ ގޮތުން ސުވާލުކޮށްފިއްޔާ އެމީހުންގެ ޖަވާބު އަންނާނެ ގޮތް ވެސް ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވާފައި ވެ އެވެ. އެއީ "ހަމަކަށަވަރުން، ތިމަންމެން ހަމައެކަނި ވާހަކަދައްކާލައި، ކުޅިވަރު ކުޅޭކަމުގައި ވީމު އެވެ." މިހެންނެވެ. ނަމަވެސް މާތް ނަބިއްޔާ އަށް ﷲ އަންގަވަނީ އެއީ އެހާ އާދައިގެ ކަމެއް ނޫން ކަން ބަޔާންކޮށް އެމީހުންނަށް ރައްދު ދެއްވުމަށެވެ. ސަބަބަކީ އެމީހުންގެ އެ ޢަމަލަކީ ﷲ އާއި އެކަލާނގެ ބާވާލެއްވި އާޔަތްތަކާއި އެކަލާނގެ ރަސޫލާ އަށް ކުރާ ފުރައްސާރައެއް ކަމުގައި ވާތީ އެވެ.
ފުރައްސާރަ ކުރުމަކީ މުނާފިގުންގެ ސިފަތަކުގެ ތެރެއިން ސިފައެއްކަން ވެސް ޤުރްއާނުން އެނގެ އެވެ. (އައްތައުބާ 79). މިގޮތުން މުއުމިނުންގެ ތެރެއިން ސަދަގާތްކޮށް އުޅުނު މީހުންނަށް މުނާފިގުން މަލާމާތް ކުރެ އެވެ. އެމީހުންގެ މި ނުބައި ސިފައަށްޓަކައި ﷲ އެމީހުންނަށް މަލާމާތް ރައްދު ކުރައްވަ އެވެ. ކީރިތި ޤުރްއާނުގައި މިބައި މީހުން ސިފަ ކުރައްވާފައި ވަނީ މުޖުރިމުންގެ ގޮތުގަ އެވެ. (އަލްމުޠައްފިފީން 29). އަދި އަނިޔާވެރިންގެ ގޮތުގަ އެވެ. (އަލްއަންޢާމް 68). އެހެންވެ މިކަން ކުރާ މީހުންނާ އެކުގައި ނުތިބުމަށް ﷲ އަންގަވަ އެވެ. (އައްނިސާއު 140).
ކީރިތި ޤުރްއާނުގައި މިފަދައިން މިކަން ބަޔާންކުރައްވާފައި ވުމުން ޢިލްމުވެރިން އެއްބަސްވެލައްވަނީ ﷲ އާއި އެކަލާނގެ އާޔަތްތަކާއި އެކަލާނގެ ރަސޫލުންނަށް ހަޖޫ ޖަހައި މަލާމާތްކޮށް ފުރައްސާރަ ކުރުމަކީ ދީނުން ބޭރުވާނެ ކަމެއް ކަމުގަ އެވެ. ނޭނގުމުގެ އުޒުރު ނުވަތަ ތައުވީލު ކޮށްގެން ނުބައިކޮށް ދޭހަވުމުގެ ބަހަނާ ދެއްކެން ނޯންނާނެ ކަމެއް ކަމުގަ އެވެ.
ދީނަށް ފުރައްސާރަ ކުރާ ފަރާތްތަކުން މިކަން ކުރަނީ ކޮން ސަބަބުތަކަކާ ހުރެތޯ ބަލައިލާ އިރު ފާހަގަ ކުރެވޭ އެއް ކަމަކީ، ހެޔޮލަފާމީހުންނާއި ހެޔޮ ކަންކަމަށް ލިބޭ ތައުރީފަށް ހަސަދަވެރިވެ ހެޔޮކަމަށާއި ހެޔޮލަފާމީހުންނާ މެދު އުފެދޭ ނަފްރަތެވެ. މިގޮތުން ދީންވެރިވުމާއި ދީނަށް ގޮވާލުމާއި ދީނަށްޓަކައި ކުރެވޭ އެންމެހާ ކަންކަމަށް މިފަދަ މީހުން ނަފުރަތު ކުރާނެ އެވެ. މި ނަފްރަތުގެ ހުން ޖެހި އެކަމުން ސަލާމަތް ނުވެއްޖެ ނަމަ ކުޑަނަމަވެސް ހިތްހަމަ ޖެހުމެއް މިފަދަ މީހުންނަށް ލިބެނީ ދީނުގެ މުޤައްދަސާތު ތަކަށް ފުރައްސާރަކޮށްގެންނެވެ.
ދެވަނަ ކަމަކީ، މަޝްހޫރުވުމާއި ފާހަގަ ވުމަށް އޮންނަ ނަފްސާނީ ބޭނުން ފުއްދުމަށް އަވަސް މަގެއް ކަމުގައި މިކަންވުމެވެ. މީޑިއާގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުން މިފަދަ މީހުންނަށް ފަސޭހަކަމާ އެކު މަރުހަބާ ކިޔުމަކީ މިކަމަށް އޮތް އިތުރު ބާރަކަށް ވެގެން ދެ އެވެ. ތިންވަނަ ކަމަކީ، އިސްލާމް ދީނުގެ އަދުއްވުން ކޮޕީ ކުރުމެވެ. މިގޮތުން ހުޅަނގުގެ ގައުމުތަކަށް އައިސްފައިވާ ތަރައްގީ އާއި މަދަނިއްޔަތު ހާސިލު ކުރެވިފައި ވަނީ މިފަދަ ކަންކަމުގައި ވެސް އެއްވެސް ގައިދެއް ނެތި މިނިވަންކޮށް އުޅެގެން ކަމަށް މިފަދަ މީހުން ގަބޫލު ކުރެ އެވެ. އެހެންވެ އިންސާނީ ހައްގުތަކާއި ޑިމޮކްރެސީ އާއި މިނިވަންކަން ފަދަ ކަންކަމުގެ ނަމުގައި ޣައިރު މުސްލިމުން ކޮށްއުޅޭ ހުރިހާ ކަމެއް އަކުރުން އަކުރަށް ކޮޕީ ކުރުމަކީ ބައެއް މީހުން ވަރަށް ލޯބި ކުރާ ކަމެކެވެ. މި މޭރުމުން، އިސްލާމްދީނާ ދެކޮޅަށް ދީނުގެ އަދުއްވުން ބުނާ ބަސްތަކާއި ކުރާ ކަންތައް ވެސް ތަފާތެއް ނެތި އަކުރުން އަކުރަށް ކޮޕީ ކުރެއެވެ.
ހަތަރުވަނަ ކަމަކީ، ހުރިހާކަމެއްގެ ހަގީގަތް ތިމަންމެންނަށް އެނގޭ ކަމަށް ހީކޮށް ބޮޑާވުމެވެ. ބޮޑާވުމަކީ ހިތަށް ޖެހޭ ނުރައްކާތެރި ބައްޔެކެވެ. މި ބަލި ޖެހުމުން ހައްގު އޮޅިދެ އެވެ. ޚަލްޤުތަކުންގެ އަގު ދަށްކުރެ އެވެ. ކައުނުގައިވާ އެންމެ ބޮޑު ހަގީގަތް ބަޔާންކުރެއްވި ރަސޫލުންނާއި އެބޭކަލުންގެ ވާރުތަވެރިން (ޢިލްމުވެރިން) ގެ ބަހަކީ އެއްވެސް އަގެއް ހުރި އެއްޗެއް ކަމުގައި މިފަދަ މީހުން ނުބަލަ އެވެ. އެހެންވެ ތިމާއަށް މޮޅަށް އެނގޭ ކަމަށް ފަޚުރުވެރި ކަމާ އެކު ގަބޫލު ކުރެ އެވެ. އަދި އެހެން މީހުންނަށް ނޭނގޭ ކަމަށް މަލާމާތުގެ ނަޒަރުން ދެކެ އެވެ. މިފަދަ ބޮޑާކަމެއް ލިބުނު އެކަކީ ފިރުޢައުނެވެ. އޭނާ ބުނަނީ "އަދި ކީއްހެއްޔެވެ؟ މިހިރަ ދެރަނިކަމެތި މީހާއަށްވުރެ (އެބަހީ: މޫސާގެފާނަށްވުރެ) ތިމަން މާމޮޅެވެ. އޭނާއީ، ދައްކާ ވާހަކަ ބަޔާންކޮށްދިނުމާ ގާތް ވެސް ނުކުރެވޭ މީހެކެވެ." (އައްޒުޚްރުފް 52).
ފަސްވަނަ ކަމަކީ، މީހުން ހެއްވުމަށާއި ފޫހިފިލުވުމަށް އޮތް ކުޅިވަރެއް ކަމުގައި މިކަން ހެދުމެވެ. އެއީ މުނާފިގުން ވެސް ބުނެ އުޅުނު ފަދައިންނެވެ. (އައްތައުބާ 65). މިގޮތުން މި ޒަމާނުގައި ނަމަ ފާޑުފާޑުގެ ކާޓޫނުތައް ކުރެހުމާއި ފޮޓޯތަކަށް ކޮމެންޓު ކުރުމާއި ހަޖޫގެ ޅެންތައް ހެދުމާއި މަލާމާތުގެ އިބާރާތްތައް މީހުންގެ ތެރޭ ފެތުރުން ފަދަ ކަންކަން ކުރެ އެވެ. ފޫހިފިލުވާލައި މަޖާކޮށްލުމަށް ކަމަށް ހީކޮށެވެ. ނަމަވެސް މި ކުރެވެނީ ކިހާވަރެއްގެ ކަމެއްކަން މިފަދަ މީހުންނަކަށް ތަސައްވުރެއް ނުކުރެވެ އެވެ.
ދީނަށް ފުރައްސާރަކުރާ މީހުން މިދެންނެވި ސަބަބުތަކުގެ ތެރެއިން ނުވަތަ އެނޫންވެސް ސަބަބަކާ ހުރެ މިކަން ކުރި ނަމަވެސް ކުރިން އިޝާރާތް ކުރި އާޔަތްތަކުން އެނގި ހާމަވަނީ މިއީ އާދައިގެ ކަމެއް ނޫން ކަމެވެ. މިއީ މިކަން ކުރާ މީހާ މުޖުރިމަކަށް ނުވަތަ އަނިޔާވެރިއަކަށް ވެގެންދާ ކަމެއް ކަމެވެ. މުނާފިގުންގެ އަލާމާތެއް ކަމެވެ. އަދިކިއެއްތަ މިއީ ފަހަރެއްގައި މީހާ ދީނުން ބޭރުވެގެން ގޮސްދާނެ ކަމެއް ކަމެވެ. ﷲ ގެ މަލާމާތް އެމީހަކަށް ރައްދުވާނެ ކަމެއް ކަމެވެ. އުޚްރަވީ ހަޔާތުގައި ގަދަފަދަ އަޒާބު ލިބޭނެ ކަމެއް ކަމެވެ. މިއީ ދީނީ ނަޒަރަކުން މިކަމަށް ބަލައިފި ނަމަ މިކަމުގެ ހުރި ނުރައްކާތެރި ކަމެވެ.
އިޖުތިމާއީ ގޮތުން މިކަމުގެ ހުރި ގެއްލުންތައް ވަކި ކުޑައެއް ނޫނެވެ. މިސާލަކަށް އަޅުގަނޑުމެންގެ މުޖުތަމައަށް ބަލާނަމަ މިކަމަކީ ޤާނޫނީ ގޮތުން މަނާ ކުރެވިފައިވާ ކަމެކެވެ. އެހެންކަމުން މިނިވަންކަމުގެ ނަމުގައި ދީނަށް ހުރުމަތްތެރިކޮށް ނުހިތިއަސް، ހަމަގައިމުވެސް މިނިވަންކަމުގެ ނަމުގައި ޤާނޫނާ ޚިލާފުވުމުގެ ފުރުސަތު ޤާނޫނަކުން ނުދޭނެ އެވެ. ޤާނޫނާ ޚިލާފު ވުމުން ޤާނޫނީ ފިޔަވަޅު އެމީހަކާ މެދު އެޅޭނެ އެވެ. އެހިސާބުން އެމީހެއްގެ ދިރިއުޅުމަށް އެޅިގެން އެދަނީ ވަރަށް ބޮޑު ހުރަހެކެވެ. މީގެ އިތުރުން މިކަމަކީ މީސްތަކުންގެ ލޭ ކައްކުވާލާ ފަދަ ނުރައްކާތެރި ކަމެކެވެ. އެންމެންނަކީ ހިކުމަތްތެރިކަމާ އެކު މިފަދަ ކަންކަމަށް ކުރިމަތިލާން ދަސްވެފައި ތިބޭނެ ބައެއް ނޫނެވެ. ހަމައެފަދައިން ހުއްޓުމެއް ނެތި މިކަން ހިނގަމުންދާ ކަމުގައި ވަނީ ނަމަ ހެޔޮގޮތުގައި ތިބި ބަޔަކު މަގުފުރެދުމަށް އެހީއަކަށް ވެސް މިކަން ވެގެންދާނެ އެވެ. ދީނާ މެދު މީސްތަކުންގެ ހިތްކުގައި އޮންނަން ޖެހޭ ޣީރަތްތެރިކަން ގެއްލޭގޮތް ވެދާނެ އެވެ. ނަތީޖާ އަކީ މުޖުތަމައު ދެފަޅިއަށް ފަޅިވެގެން ދިއުމެވެ.
ވީމާ ދީނަށް ޣީރަތްތެރިކަން އޮތް ކޮންމެ މުސްލިމެއްގެ މައްޗަށް ވެސް ލާޒިމުވަނީ މިފަދަ ކަންކަން ހުއްޓުވަން މަސައްކަތް ކުރުމެވެ. އެހެންނަމަވެސް ހިކުމަތްތެރިކަމާއި ރިވެތި ވައުޒުގެ އުސޫލު ބޭނުންކޮށްގެންނެވެ. އިސްލާހު ކުރުމުގެ ނަމުގައި އިތުރު ފަސާދައަކަށް ނުދާނެ ގޮތަށް މަޑުމައިތިރި ކަމާ އެކު އެވެ. ޤާނޫނީ ގޮތުން ބާރު ލިބިފައިވާ ފަރާތްތަކުން ނޫން ބަޔަކު ބާރުގެ ބޭނުން މިކަން ހުއްޓުވަން ނުކުރުމެވެ. ހަރުކަށި އަމަލުތަކާއި ހައްދުފަހަނައެޅުން މިކަމުގައި ނުގެންގުޅުމެވެ. ޖައްބާރު ފިރުޢައުނުގެ ގާތަށް ގޮސް ކަންކުރަންވީ ގޮތް ﷲ ބަޔާން ކުރެއްވީ މަޑުމައިތިރިކަމާ އެކު ބަސްވިދާޅުވުމަށެވެ. (ޠާހާ 43-44). މިފަދަ ހައްދުފަހަނަޅާފައިވާ ޖައްބާރެއްގެ ގާތުގައި މިހާ މަޑުމައިތިރިކޮށް ކަންކުރަން ﷲ އެންގެވީމާ މިއިން އެނގިގެން ދަނީ ދީނަށް ފުރައްސާރަ ކުރުން ހުއްޓުވައި މިކަމުގެ ތެރެއަށް ވަދެވިފައިވާ ފަރާތްތައް އަލުން އަނބުރައި ސީދާ މަގަށް ގެނައުމުގައި ވެސް ހިކުމަތާއި ރިވެތި ވަޢުޡު ބޭނުން ކުރަން ޖެހޭނެ ކަމެވެ. އަދި އިސްލާހު ކުރުމުގެ ކޮންމެ ފިޔަވަޅެއް ވެސް ކުރިއަށް ގެންދަންވާނީ އޭގެ ތަރުތީބުން ބޭރުނުވެ ކަމެވެ.