ޖަޕާނުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރަނީ
ޖަޕާނުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރަނީ

ޖަޕާނުގައި ބާއްވާ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއާގައި ރާއްޖޭން ބައިވެރިވެ، ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރަން ފަށައިފި އެވެ.

ޖަޕާނުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރަނީ
ޖަޕާނުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރަނީ

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިއްޔެއިން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ "ޖަޓާ ޓޫރިޒަމް އެކްސްޕޯ ޖަޕާން"ގައި އެމްއެމްޕީއާރުސީ އާއި ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިސްވެރިންގެ އިތުރުން ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ހަ ކުންފުންޏެއްގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.

މި ފެއާގައި ހުރި ރާއްޖޭގެ ސްޓޭންޑްގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ. އެގޮތުން، ގޭމެއް ކުޅެގެން މޮޅުވާ ފަރާތަކަށް ވެލިގަނޑު އައިލެންޑް ރިސޯޓް އެންޑް ސްޕާގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބުމާއި ޖަޕާނުގެ ލަވަކިޔުންތެރިޔަކުގެ ދިވެހި ލަވައެއް ހުށަހަޅައިދިނުން ހިމެނޭ ކަމަށް ބުންޏެވެ.

މީގެ ތިން އަހަރު ކުރިން ބާއްވަން ފެށި ޖަޓާ ފެއާ ކޮންމެ އަހަރަކު ވެސް ބާއްވާ އިރު، ދުނިޔޭގެ 151 ގައުމެއްގެ 1،129 ކުންފުނިން ބައިވެރިވެ އެވެ. އަދި ޓޫރިޒަމާ ގުޅޭ ފޯރަމްތަކާއި ބިޒްނަސް މީޓިންތަކާއި އެވޯޑް ހަފްލާތައް ހިމެނޭ ގޮތަށް ކުރިއަށް ގެންދާ މި ފެއާ އަށް 150،000 އަށް ވުރެ ގިނަ މީހުން ކޮންމެ އަހަރަކު ވެސް ޒިޔާރަތް ކުރެ އެވެ.

ޖަޕާނަކީ ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން ޒިޔާރަތް ކުރާ އެއް ގައުމު ކަމަށްވީ ނަމަވެސް އެ ގައުމުން ޒިޔާރަތް ކުރާ މީހުންގެ އަދަދު ވަނީ ދަށްވެފަ އެވެ. ނަމަވެސް މިއަހަރު ޖަޕާން މާކެޓް ވަނީ ރަނގަޅުވާން ފަށައިފަ އެވެ. އެގޮތުން، މިދިޔަ ޖޫން މަހުގެ ނިޔަލަށް 21،358 ޓޫރިސްޓުން ޖަޕާނުން ރާއްޖެ އަށް އައިސްފައިވާ އިރު، އެއީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އަށް ޕަސެންޓްގެ އިތުރު އަދަދެކެވެ.

"ޖަކާޓާގައި އެންމެ އެކަށީގެންވާ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ސަބަބުން، ޖަޕާން މާކެޓް ރަނގަޅުވެ، ރާއްޖޭގެ ޓޫރިޒަމް ކުރިއަރާނެ އެވެ،" އެމްއެމްޕީއާރުސީގެ ބަޔާނުގައި ބުންޏެވެ.

ރާއްޖެއިން އަންނަނީ ފްރާންސްގައި ބާއްވާ އެންމެ ބޮޑު ޓްރެވަލް އަދި ޓޫރިޒަމް ފެއާގައި ވެސް ބައިވެރިވަމުންނެވެ. އިންޓަނޭޝަނަލް ފްރެންޗް ޓްރެވަލް މާކެޓް (އައިއެފްޓީއެމް)ގައި އެމްއެމްޕީއާރުސީގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ 12 ފަރާތަކުން ބައިވެރިވާ އިރު، އެ ފެއާ މިއަދުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.