06 އޮކްޓޯބަރ 2019 - 06:51

އެކްތާ ކަޕޫރު ކަލާޒުން ގެނެސްދޭ ކާމިޔާބު ސިލްސިލާ "ނާގިން 4" ވަރަށް އަވަހަށް ގެނެސްދޭން ނިންމައި، ސިލްސިލާގެ ޕްރޮމޯއެއް ވެސް ނެރެފި އެވެ.
ނަމަވެސް މި ފަހަރު ސިލްސިލާގައި ބަތަލާއިންގެ ރޯލުން ފެންނާނީ ކޮން ބައެއްކަން ކަށަވަރެއް ނުވެ އެވެ. ޕްރޮމޯގައި ދެ ބަތަލާއިން ދެއްކި ނަމަވެސް އެއީ ކޮން ބައެއްކަން ސާފުވާ ވަރެއްނުވެ އެވެ. މިއީ ބެލުންތެރިންގެ ހިތްތައް ތެޅުވުމަށްޓަކައި ބޭނުންކޮށްފައިވާ އުކުޅެކެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން "ނާގިން 4" ގައި ހަރުފައިންގެ ރޯލުން މި ފަހަރު ފެންނާނީ ކްރިސްޓަލް ޑި ސޫޒާ އާއި ނިއާ ޝަރުމާ އެވެ. މި ދެ ބަތަލާއިންނަކީ ސްޓާ ޕްލަސް އިން 2011-2013 އަށް ގެނެސްދިން ސިލްސިލާ "އޭކް ހަޒާރޯ މޭ މޭރީ ބެހެނާ" ގައި ދެބޭންގެ ރޯލް ކުޅުނު ދެ ތަރިންނެވެ.
"ނާގިން 4" ގެ ލީޑުން ކްރިސްޓަލް އާއި ނިއާ ފެންނާނެ ކަމަށް ބުންޏަސް އެ ދެ ތަރިން ވެސް މިކަމާ ބެހޭ ގޮތުން މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ދެހާސް ފަނަރައިން ފެށިގެން ގެނެސްދެމުން އަންނަ "ނާގިން" ގެ ފުރަތަމަ ދެ ސީޒަނުގައި ލީޑް ބަތަލާއިންގެ ރޯލް ކުޅުނީ މިހާރު ބޮލީވުޑްގެ ފިލްމުތަކުން ވެސް ފެންނަ މޯނީ ރޯއި އާއި އަދާ ޚާނެވެ. އަދި "ނާގިން 3" ގައި ބަތަލާއިންގެ ރޯލް ކުޅުނީ ސުރުބީ ޖޯތީ އާއި އަނީޔާ ހަސަނަންދާނީ އެވެ.
"ނާގިން 4" ގެ ޕްރޮމޯ މިހާރު ދައްކަމުން ދިޔަ ނަމަވެސް، ސިލްސިލާ ދައްކަން ފަށާނެ ތާރީހެއް އިއުލާނެއް ނުކުރެ އެވެ.
"ނާގިން" ގެ ފުރަތަމަ ސީޒަން ނޮވެމްބަރު 1، 2015 އިން ޖޫން 5، 2016 އަށް ގެނެސްދިން އިރު ޖުމްލަ 62 އެޕިސޯޑް ދައްކާފައިވެ އެވެ. އަދި ދެވަނަ ސީޒަން ޖުމްލަ 75 އެޕިސޯޑާ އެކު ގެނެސްދިނީ އޮކްޓޯބަރު 8، 2016 އިން ޖޫން 25، 2017 އަށެވެ.
ތިން ވަނަ ސީޒަން ޖޫން 2، 2018 އިން މެއި 26، 2019 އަށް ގެނެސްދިން އިރު ޖުމްލަ 103 އެޕިސޯޑް ދެއްކި އެވެ.