ބުރަކޮށް މަސައްކަތްކުރުމުގެ ހިތްވަރު އާވެއްޖެ: ރިތިކް ރޯޝަން
ބުރަކޮށް މަސައްކަތްކުރުމުގެ ހިތްވަރު އާވެއްޖެ: ރިތިކް ރޯޝަން

ދާދި ފަހުން ރިލީޒްކުރި "ސުޕަ 30" އާއި ބޮކްސް އޮފީހުގެ މިހާރު ރެކޯޑްތައް މުގުރަމުން އަންނަ ފިލްމު "ވޯ" ގެ ބޮޑު ކާމީޔާބީއާ ގުޅިގެން، ބުރަކޮށް މަސައްކަތްކޮށް ވަރުގަދަ ފިލްމުތަކެއް ގެނެސްދިނުމުގެ ހިތްވަރު އިތުރަށް އާވެއްޖެ ކަމަށް އެކްޓަރު ރިތިކް ރޯޝަން ބުނެފި އެވެ.

ފިލްމު "ކަހޯ ނާ ޕިޔާރު ހޭ" އިން މީގެ 20 އަހަރު ކުރިން އެކްޓިން އަށް ނުކުތް ބަތަލު ބުނީ އެންމެ ފަހުގެ ދެ ފިލްމުގެ ބޮޑު ކާމިޔާބީގެ ސަބަބުން އަމިއްލަ ނަފުސު ބާރުވެރިވެއްޖެ ކަމުގެ އިހުސާސް ކުރެވެމުން އަންނަ ކަމަށެވެ. "ވޯ" އާއި ސުޕަ 30" އަކީ 2017 ގެ ފަހުން ސިނަމާތަކަށް އައި ރިތިލްގެ ފުރަތަމަ ދެ ފިލްމެވެ.

"އަހަރެން މިހާރު މިހުރީ ވަރަށް އުފަލުން. އަދި ވަރަށް ރަނގަޅު ހިސާބެއްގައި. އަމާޒަކީ ކުރިއަށް އޮތް ތަނުގައި ވެސް އަހަރެންގެ ބެންޗްމާކް މަތިކުރަމުން ދިއުން،" ވޯގެ ކާމިޔާބީ ފާހަގަކުރަން ހުކުރު ދުވަހު ބޭއްވި އިވެންޓްގައި އޭނާ ބުންޏެވެ. "އަހަންނަކީ އަބަދު ވެސް ވަރަށް ބުރަކޮށް މަސައްކަތްކުރާ މީހެއް. އަދި ކުރިއަށް އޮތްތަނުގައި މާ ބޮޑަށް ވެސް މަސައްކަތްކުރާނަން. އެގޮތުގައި ދެމިނުހުރެވޭ ނަމަ މީހާ ފެއިލްވެދާނެ. އެހެންވާކަށް ބޭނުމެއް ނޫން."

ރިތިކް ބުނިގޮތުގައި ބެލުންތެރިން އޭނާ އަށް ދޭ ލޯތްބާއި ސަޕޯޓަކީ އެންމެ ބޮޑު ހިތްވަރެވެ.

"އަހަރެން ބުނަން އޮތް އެއްޗަކީ ސުޕަ ތާޓީ އާއި ވޯގެ ކާމިޔާބީން އެކްޓިން އަށް ޕެޝަން މާ ބޮޑަށް ވެސް އިތުރުވެއްޖޭ. އެ ދެ ފިލްމުގެ ކާމިޔާބީ އަހަންނަށް ވަރަށް ހާއްސަ،" ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ އެކްޓަރު ބުންޏެވެ.

ބެލެވޭ ގޮތުން ރިތިކްގެ ސުޕަހީރޯ ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމު "ކްރިޝް 4" އަންނަ އަހަރުގެ ފަހުކޮޅު ބެލުންތެރިންނަށް ގެނެސްދޭނެ އެވެ. މީޑިއާތަކުން ބުނާގޮތުގައި އެ ފިލްމުގެ އެންމެ ފަހުގެ ތައްޔާރީތައް ރިތިކްގެ ބައްޕަ އަދި ޑައިރެކްޓަރު ރާކޭޝް ރޯޝަން މިހާރު އަންނަނީވަމުންނެވެ.

ރިތިކް، 45، ސޮއިކޮށްފައިވާ ކަމަށް ބުނާ އިތުރު ފިލްމުތަކުގެ ތެރޭގައި ފަރާ ޚާންގެ "ސައްތޭ ޕޭ ސައްތާ" އާއި ނިތޭޝް ތިވާރީގެ "ރަމާޔަން" ހިމެނެ އެވެ.