ކެރިއަރު ނިންމާލާނީ ބާސެލޯނާގައި: އިނިއެސްޓާ
ކެރިއަރު ނިންމާލާނީ ބާސެލޯނާގައި: އިނިއެސްޓާ

ބާސެލޯނާ (ސެޕްޓެމްބަރު 23) - ބޭނުންވަނީ ބާސެލޯނާގައި ހުރެ ރިޓަޔާކުރަން ކަމަށާއި އެ ޓީމުގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ ބުންޏަސް ކްލަބް ބަދަލުނުކުރާނެ ކަމަށް އަންދްރޭ އިނިއެސްޓާ ބުނެފި އެވެ.

ބާސެލޯނާއާ އެކު އިނިއެސްޓާ ހަދާފައިވާ ކޮންޓްރެކްޓް 2018 ގެ ނިޔަލަށް ހަމަވާއިރު އޭނާ އުއްމީދުކޮށްގެން ހުރީ ކްލަބާ އެކު ދިގު މުއްދަތުގެ ކޮންޓްރެކްޓެއްގައި ސޮއިކުރާށެވެ.

"އަހަރެންގެ ކެރިއަރު ނިންމާލާނީ ބާސެލޯނާގައި. މި ކްލަބުގައި ހޭދަކުރާ ކޮންމެ ވަގުތަކުން ވެސް އަހަންނަށް އުފާވެރިކަން ލިބޭ. އާ ކޮންޓްރެކްޓާ ބެހޭގޮތުން ބޯޑާ މަޝްވަރާކުރާނަން،" އުމުރުން 32 އަހަރުގެ އިނިއެސްޓާ ބުންޏެވެ.

މެންޗެސްޓާ ސިޓީ އަށް އިނިއެސްޓާ ގެންދަން ގާޑިއޯލާ ބޭނުންވެއްޖެ ނަމަ ހަދާނީ ކިހިނެއްތޯ އެހުމުން އިނިއެސްޓާ ބުނީ އޭނާ ބޭނުންވާ ގޮތް ގާޑިއޯލާ އަށް އެނގޭނެ ކަމަށެވެ.

"އޭނާ ގުޅައިފިއްޔާ ފޯނު ނަގާނަން އެއީ އޭނާ އަކީ އަހަރެންގެ ކުރީގެ ކޯޗު އަދި އެކުވެރިއެއް. ގާޑިއޯލާގެ ފަރާތުން ގިނަ ކަންތައްތަކެއް ދަސްވި. އެކަމަކު މިވަގުތު އަހަންނަށް އެންމެ މޮޅު ލުއިސް އެންރިކޭ،" ބާސެލޯނާއާ އެކު ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގާއި ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އިނިއެސްޓާ ބުންޏެވެ.

އިނިއެސްޓާއާ އެކު ބާސެލޯނާ އަދި ސްޕެއިނަށް ކުޅުނު ޒަވީ ހެނާންޑޭޒް ވަނީ ކްލަބް ދޫކޮށްލުމަށް ފަހު ގަތަރުގެ އައް ސާދުއާ ގުޅިފަ އެވެ.