ބައިޑަންގެ މައްސަލަ ޗައިނާ އިން ވެސް ތަހުގީގު ކުރަން ޓްރަމްޕް ގޮވާލައްވައިފި
ބައިޑަންގެ މައްސަލަ ޗައިނާ އިން ވެސް ތަހުގީގު ކުރަން ޓްރަމްޕް ގޮވާލައްވައިފި

ވޮޝިންޓަން (އޮކްޓޯބަރު 4) - އެމެރިކާގެ ކުރީގެ ނައިބް ރައީސް ޖޯ ބައިޑަންގެ މައްސަލައެއް ތަހުގީގު ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ކިބައިން ވެސް އެދިވަޑައިގެންފި އެވެ.

ޓްރަމްޕް އެހެން ވިދާޅުވި އިރު ޔުކްރޭނުގެ ރައީސް އަށް ފޯނުން ގުޅުއްވައި ބައިޑަންގެ މައްސަލައެއް ބަލަން އެދިވަޑައިގަތުމުން އެމަނިކުފާން މަގާމުން ދުރުކުރުމުގެ މަރުހަލާތައް ކޮންގްރެސްގެ ކޮމިޓީތަކުން ވަނީ ފަށައިފަ އެވެ. އެ މަސައްކަތް ކުރިއަށް ދަނިކޮށް ޓްރަމްޕް އެންމެ ފަހުން ވަނީ ޑިމޮކްރެޓިކް ޕާޓީން ރިޔާސީ ރޭހަށް ނުކުންނަވާނެކަން އިއުލާން ކުރައްވާފައިވާ ބައިޑަން އާއި އޭނާގެ ދަރިކަލުން ހަންޓާގެ މައްސަލަ ޔުކްރޭނާއި ޗައިނާ ވެސް ބަލަން ގޮވާލައްވައިފަ އެވެ.

ޓްރަމްޕަށް ރައްދު ދެއްވައި ބައިޑަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އެކި މީހުންގެ ނަޒާހަތްތެރި ކަމަށް ޓްރަމްޕް ދެއްވައި ހަމަލާ އަކީ ޖޯކެއް" ކަމަށެވެ.

ބައިޑަންގެ މައްސަލަ ތަހުގީގު ކުރަން ޓްރަމްޕް ވަނީ ޔުކްރޭނުގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ އަށް ޖުލައި 25 ވަނަ ދުވަހު ފޯނުން ގުޅުއްވައި ބާރު އަޅުއްވައިފަ އެވެ. ރައީސް ބަރަކް އޮބާމާގެ ނައިބަކަށް ބައިޑަން ހުންނެވި ދުވަސްވަރު ދަރިކަލުން ހަންޓާ ބައިޑަން ހުންނެވީ ޔުކްރޭންގެ ނޭޗަރަލް ގޭސް ކުންފުންޏެއްގެ ބޯޑު މެންބަރަކަށެވެ. އެ ކުންފުނީގެ މައްސަލައެއް އެ ދުވަސްވަރު ބެލުން ހުއްޓުވީ ބައިޑަންގެ ނުފޫޒުންތޯ ބެލުމަށް ޓްރަމްޕް ވަނީ ޔުކްރޭނުގެ ރައީސްގެ އަރިހުން އޮޅުންފިލުވަން އުޅުއްވައިފަ އެވެ. ބައިޑަން އަދި ހަންޓާ ވެސް ގޯހުން ކަމެއް ކުރައްވާފައިވާކަމުގެ ހެއްކެއް އަދި ފެންނާކަށް ނެތެވެ.

އެންމެ ފަހުގެ ޓްވީޓުގައި ޓްރަމްޕް ވިދާޅުވީ ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަކީ އެމަނިކުފާނުގެ ވާޖިބެއް ކަމަށާއި އަދި އޭގެ ތެރޭގައި އެފަދަ މައްސަލަތައް ބަލަން އެހެން ގައުމުތަކުގެ ކިބައިން އެދުން ވެސް ހިމެނޭ ކަމަށެވެ. އަދި ކޮންގްރެސްގެ މެންބަރުންގެ އިޚްލާސްތެރިކަމެއް ހުރި ނަމަ ބަލަން ޖެހޭނީ އެމަނިކުފާނުގެ މައްސަލައެއް ނޫން ކަމަށާއި ބަލަން ޖެހޭނީ ބައިޑަންގެ މައްސަލަ ކަމަށެވެ.

އެމެރިކާ އާއި ޗައިނާގެ ވިޔަފާރީގެ ގުޅުން ގޯސްވީ ބައިޑަންގެ ސަބަބުން ކަމަށާއި އެ މައްސަލަ ޗައިނާ އިން ބަލަން ޖެހޭނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާގެ ނައިބް ރައީސަކަށް ބައިޑަން ހުންނެވި ދުވަސްވަރު، 2013 ގައި ވަނީ ޗައިނާ އަށް ރަސްމީ ދަތުރެއް ކުރައްވައިފަ އެވެ. ބައިޑަންގެ ކުރިން ހަންޓާ އާއި އާއިލާގެ ބޭފުޅުން އޭރު އުޅުއްވީ ޗައިނާ އަށް ވަޑައިގެންނެވެ. އެ ދަތުރުގައި ހަންޓާ ވަނީ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖޮނަތަން ލީއާ ބައްދަލު ކުރައްވައިފަ އެވެ. އެ ދަތުރަށް ފަހު ލީ އުފެއްދެވި އިކުއިޓީ ފަންޑެއްގެ ބޯޑުގައި ހަންޓާ ހިމެނުނެވެ. ހަންޓާގެ ތަރުޖަމާން ފަހުން ވިދާޅުވީ އެއީ ދަތުރާ ގުޅިގެން އުފެއްދި ފަންޑެއް ނޫން ކަމަށާއި އެއީ މާކުރިން ވެސް ޕްލޭންކޮށްފައިވާ ކަމެއް ކަމަށެވެ. ހަންޓާ ވެސް ވިދާޅުވެފައި ވަނީ އެ ދަތުރުގައި ވިޔަފާރިއާ ގުޅޭ ގޮތުން ޗައިނާގެ އޮފިޝަލުންނާ ބައްދަލުކޮށްފައި ނުވާނެ ކަމަށާއި ނަމަވެސް އޭނާގެ ބައްްޕައާ ލީ ބައްދަލު ކުރުމުގެ ފުރުސަތު ހަމަޖައްސައިދީފައިވާނެ ކަމަށެވެ.