ލޮސް އެންޖެލިސްގެ ސަބްވޭއެއްގައި ލަވަކީ މީހާ ވެސް ތަރިއަކަށް
ލޮސް އެންޖެލިސްގެ ސަބްވޭއެއްގައި ލަވަކީ މީހާ ވެސް ތަރިއަކަށް

ސޯޝަލް މީޑިއާގެ ނުފޫޒުގަދަ މި ޒަމާނުގައި މީހަކު މަޝްހޫރުވާން ހިނދުކޮޅެއް ވެސް ނުނަގާނެ އެވެ. އޭގެ އެއް މިސާލަކީ ދާދި ފަހުން އިންޑިއާގެ ކަލްކަތާގެ ރޭލު ސްޓޭޝަނުގައި ސަލާން ޖަހަން އުޅެމުން ލަވަ ކީ ނިކަމެތި އަންހެނަކަށް ކުއްލިއަކަށް ލިބުނު ސަމާލުކަމާ އެކު ލިބުނު މަޝްހޫރުކަމެވެ. އުމުރުން 60 އަހަރުގެ އެ މީހާ އަކީ މިހާރު ބޮލީވުޑްގެ ފިލްމުތަކަށް ލަވަކިޔަން ފުރުސަތުތައް އޮހެމުން އަންނަ މީހެކެވެ.

މިފަދަ ގޮތަކަށް އެމެރިކާ އަންހެނެއްގެ ލަވަކިޔުމުގެ ހުނަރު ވެސް އެތައް ބަޔަކަށް ފެނި، އޭނާ ދިރިއުޅުން މިހާރު މި ވަނީ ބަދަލުވަފަ އެވެ. އުމުރުން 52 އަހަރުގެ މި މީހާ އަކީ ލޮސް އެންޖެލިސްގެ ސަބްވޭއަކުން ސަމާލުކަން ހުއްޓުނު މީހެކެވެ.

ބޯހިޔާވަކިކަމެއް ނެތި ސަބްވޭގައި އުޅުނު މި މީހާ ލަވަކިޔާ މަންޒަރު ފެންނަ ވީޑިއޯއެއް ލޮސް އެންޖެލިސްގެ ޕޮލިސް ޑިޕާޓްމަންޓުން ޓްވީޓްކުރުމާ އެކު، އެ ވަރަށް ބޮޑަށް ވައިރަލްވެފައިވެ އެވެ

އެ ވީޑިއޯގައި ފެންނަނީ ގެންގުޅޭ ސާމާނުތައް ކައިރީގައި ބަހައްޓައިގެން އަތުގައި ކޮތަޅުތަކެއް ވެސް އެލުވާލައިގެން ހުރެ އެމިލ؛ީ ޒަމޫކޯ އޮޕެރާ ސްޓައިލްގެ ލަވައެއް ވަރަށް ފުރިހަމަ އަށް ކިޔަނިކޮށެވެ. ވީޑިއޯ އަށް ކޮމެންޓް ކުރި ގިނަ މީހުން ފާހަގަކުރި ގޮތުގައި އޭނާގެ އަޑު ވަރަށް ރީއްޗެކެވެ. އަދި އެއީ ގުދުރަތީ ގޮތުން ލަވަކިޔުމުގެ ހުނަރު ލިބިފައިވާ މީހެއް ކަމަށް ބުނެފައިވެ އެވެ.

ވީޑިއޯ ވައިރަލްވެ، އެތައް މިލިއަން މީހުންގެ މެދުގައި މި ދައުރުވެ، އޭނާ އަށް މިހާރު އަންނަނީ ލަވަކިޔުމުގެ ފުރުސަތު އެތައް ދިމާއަކުން ލިބެމުންނެވެ.

ލޮސް އެންޖެލިސް ސިޓީ ކައުންސިލުން ބުނިގޮތުގައި އޭނާއަކީ ފާއިތުވި ތިން އަހަރު ބޯހިޔާވަހިކަމެއް ނެތި އެތަންމިތަނުގައި އުޅެމުން ދިޔަ މީހެކެވެ. އޭނާ އަކީ އަސްލު ރަޝިއާ މީހެކެވެ. އެމެރިކާ އަށް ބަދަލުވީ އުމުރުން 24 އަހަރުގަ އެވެ. އަދި ޒުވާން އުމުރުގައި ޕިއާނޯ އާއި ވަޔަލިން ކުޅެން ދަސްކުރި ކަމަށް އެމިލީ ބުންޏެވެ.

"އަބަދުވެސް އޮޕެރާ ލަވަތަކަށް ވަރަށް ބޮޑު ޝައުގުވެރި ކަމެއް ހުރޭ. ޓީވީން އެކަހަލަ ލަވަތައް ބަލައިގެން ލަވަކިޔަން ދަސްކުރީ،" ލޮސް އެންޖެލިސް ޓައިމްސް އަށް އެމިލީ ބުންޏެވެ.

ޓީމެމްޒީން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާގެ ލަވަކިޔުމުގެ ހުނަރު ފެނިގެން ގްރެމީ އެވޯޑަށް ނޮމިނޭޓްވެފައިވާ މިއުޒިކް ޕްރޮޑިއުސަރަކު މިހާރު ވެސް ވަނީ އެމިލީއާ އެކު ރެކޯޑިން އެގްރިމަންޓް ހަދަން ނިންމައިފި އެވެ. އަދި ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ އެމިލީ އަށް ވައޮލިން އާއި ޕިއާނޯ އާއި އުޅޭނެ ތަނެއް ގަނެދޭން ކްރައުޑްފަންޑިންއެއް ވެސް ފަށައިފަ އެވެ.

މިކަމަށް ލޮސް އެންޖެލިސް ސިޓީ ކައުންސިލުން ވެސް ހިއްސާވެ އެވެ. އެތަނުން ވަނީ އޭނާ އަށް ބައެއް އިވެންޓްތަކުގައި ޕަފޯމްކުރުމުގެ ފުރުސަތު ވެސް ދީފަ އެވެ.

އެމިލީ ކިޔައިދިން ގޮތުގައި ކުރިން އޭނާ މަގުމަތީގައި ލަވަކިޔާ އިރު ގެންގުޅު ވަޔޮލިން ބަޔަކު ވަނީ ފޭރިގަނެ، ހަލާކުކޮށްލައިފަ އެވެ.

"އަހަރެމެން މިހާރު މިތިބީ އެމިލީ އަށް ކުރިއަށް ދިއުމުގެ މަގުތައް ހޯދައިދޭން ނުކުމެ. އޭނަގެ ހުނަރު އެބަހުރި. ބޭނުން ވަނީ ކުރިއަށްދާން ފުރުސަތުތަކެއް،" ސިޓީ ކައުންސިލްގެ ތަރުޖަމާނު ބްރަނަމީ ވާޓޫކް ވިދާޅުވި އެވެ.