އުރީދޫ ކަލަ ރަންގައި ރަޖިސްޓްރީވާން ހުޅުވާލައިފި
އުރީދޫ ކަލަ ރަންގައި ރަޖިސްޓްރީވާން ހުޅުވާލައިފި

އަންނަ މަހުގެ 29 ގައި ބާއްވާ އުރީދޫ ކަލަ ރަންގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އުރީދޫން ބުނީ އެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަން، މައި އުރީދޫ ބޭނުން ކޮށްގެން މިހާރު ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ. އަދި ރަޖިސްޓްރީވާ މީހުންނަށް ދުވުމުގެ ކިޓް އެ ކުންފުނީގެ "މޫލީ" މެދުވެރިކޮށް ޑެލިވަރީ ކޮށްދޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ. މޫލީ އަކީ އޮންލައިން ވިޔަފާރި ކުރުމަށް އުރީދޫން ތައާރަފް ކުރި ހިދުމަތެކެވެ.

ކަލަ ރަންގައި ރަޖިސްޓްރީވާން ބޭނުންވާ މީހުން މައި އުރީދޫ އެޕްގެ "ބައި ނައު" ހިޔާރު ކުރުމަށްފަހު ބޭނުންވާ ކިޓާއި ޓީޝާޓް ސައިޒް ނެގުމަށްފަހު "ބައި ނައު" އަށް ފިއްތާލުމުން ރަޖިސްޓްރީ ކުރެވޭނެ އެވެ. އަދި އެއަށްފަހު މޫލީގެ ކާޓު ހިޔާރުކޮށް ޗެކްއައުޓް ކުރުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް އެ ކިޓް ޑެލިވާކޮށްދޭނެ އެވެ. މި ދުވުމުގައި ރަޖިސްޓްރީވުމުން އެކަން އަންގައިދިނުމުގެ ގޮތުން މެސެޖެއް ލިބޭނެ އެވެ.

އުރީދޫން ކޮންމެ އަހަރަކު ހުޅުމާލޭގައި ބާއްވާ މި ދުވުމަކީ ރެކޯޑު އަދަދަކަށް މީހުން ބައިވެރިވާ ދުވުމެކެވެ. އުރީދޫން ވަނީ ކަލަ ރަން އަށް ލިބޭ ތަރުހީބު ބޮޑުވުމުގެ ސަބަބުން މި އަހަރު އައްޑޫގައި ވެސް ދުވުމެއް ބާއްވާފަ އެވެ. އެ ދުވުމުގައި ވެސް ރާއްޖޭގެ ގިނަ އަދަދެއްގެ ދުވުންތެރިން ބައިވެރިވި އެވެ.

އުރީދޫ ކަލަ ރަން އަންނަ މަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު އެ ދުވަހު ހެނދުނު ގުޑި މަހާ ސަމާއަކާއި ރޭގަނޑު މިއުޒިކް ޝޯއެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދުވުން ނިމުމުން އެންމެ އެންޓަޓެއިނިން ދުވުންތެރިޔާ އަދި އެންމެ ފެންސީ އަންހެން އަދި ފިރިހެން ދުވުންތެރިޔާ ފަދަ ވަނަތައް ހޮވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މިއީ ދުވުން އިތުރަށް ޝައުގުވެރިކުރުވުމަށް އުރީދޫން ހޮވާ ވަނަތަކެކެވެ.