ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ބަޖެޓް އަދިވެސް ބޮޑު ކުރާނަން: ރައީސް
ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ބަޖެޓް އަދިވެސް ބޮޑު ކުރާނަން: ރައީސް

ޓޫރިޒަމް ދާއިރާ އިތުރަށް ޕްރޮމޯޓް ކުރުމަށްޓަކާއި އަދިވެސް ބަޖެޓް ބޮޑު ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ބަޖެޓް އަދިވެސް ބޮޑު ކުރާނަން: ރައީސް
ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ބަޖެޓް އަދިވެސް ބޮޑު ކުރާނަން: ރައީސް

ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ކްރޮސްރޯޑްސް ގައި ބޭއްވި ގާލާ ނައިޓްގައި ރައީސް ވިދާޅުވީ، ރާއްޖެ އަށް އެންމެ ބޮޑު އާމްދަނީއެއް ހިއްސާ ކުރާ ޓޫރިޒަމް ދާއިރާ ތަރައްގީ ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. އެގޮތުން، ގާނޫނުތަކަށް ބަދަލު ގެނެސް، އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް ހިންގާ ޓޫރިޒަމްގެ އެންމެ ބޮޑު މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ދާދި ފަހުން ހުޅުވި ކްރޮސްރޯޑްސް ގައި ބޭއްވި ހަފުލާގައި ރައީސް ވިދާޅުވި ގޮތުގައި، ރިސޯޓުތަކުން އެންމެ މަތީ ފަންތީގެ ވަޒީފާތައް ދިވެހިންނަށް ލިބުމަކީ މި ދާއިރާ ތަރައްގީ ވާނެ ކަމެކެވެ.

"ރިސޯޓުތަކުގެ ޒިންމާދާރު ވަޒީފާތަކުގައި މިހާރު ވެސް މަދުން ނަމަވެސް ދިވެހިން އުޅޭ. އަޅުގަނޑުމެން ބޭނުންވަނީ އެ ނިސްބަތް އެތަށް އިންސައްތަ އަކަށް އަރުވަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާ ކުރިއަރައިގެން ދިޔައީ ދިވެހިންގެ ބުރަ މަސައްކަތުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އިޓަލީގެ ރައްޔިތެއް ކަމަށް ޖޯޖް ކޯބިންއާ އެކު ފެށި މި މަސައްކަތް ވަރަށް ކާމިޔާބު ކަމަށެވެ.

"އޭރު ޔޫއެންޑީޕީގެ އޮފިޝަލެއް ރާއްޖެ ވަޑައިގެން ދިރާސާއެއް ކުރެއްވި. އެ ދިރާސާގައި ބުނެފައި މި އޮންނަނީ މާލެ މި އޮތްތަނުން ކަނޑު މަގުންނާއި ވައިގެ މަގުން ދަތުރު ކުރުމަކީ ހަރަދު ބޮޑު އުނދަގޫ ކަމެއް ކަމަށް. އަހަރުގެ މޫސުމަށް ބަލާ އިރު ރާއްޖޭގައި ޓޫރިޒަމަށް ފުރުސަތެއް ނެތޭ،" ރާއްޖެ އަށް ޓޫރިޒަމް ތައާރަފު ކުރުމާ ގުޅޭ ގޮތުން މީގެ އެތައް އަހަރެއް ކުރިން ހެދި ދިރާސާއާ ހަވާލާ ދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ނަމަވެސް ރައީސް ވިދާޅުވި ގޮތުގައި، އެ ދިރާސާގައި ބުނެފައިވާ ކަންކަމަށް ގޮންޖައްސަވައި، ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ) އާއި ރައީސް އޮފީހުގެ މިހާރުގެ މިނިސްޓަރު މުހައްމަދު ނަސީމްގެ މަސައްކަތުން ޓޫރިޒަމްގެ ސިޔާއަތުގައި މިއަދު ރާއްޖެ މިވަނީ ދުނިޔޭގައި އެންމެ މަގްބޫލު މަންޒިލަކަށް ވެފަ އެވެ. ދުނިޔޭގެ އެންމެ މަތީ ފަންތީގެ ހިދުމަތްތަކާ އެކު ރާއްޖޭގައި ޓޫރިޒަމްގެ ހިދުމަތް ދެމުންދާ އިރު ދާއިރާ އިތުރަށް ކުރިއަރުވަން ދިވެހިންގެ ހިއްސާ އިތުރު ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިދިޔަ ފަސް އަހަރާ އަޅާ ބަލާ އިރު، މި އަހަރަކީ ރާއްޖޭގެ ޓޫރިޒަމް އެންމެ ބޮޑަށް ކުރިއެރި އަހަރެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ހަ މަހު ޓޫރިޒަމް ދާއިރާ 14 ޕަސެންޓަށް ކުރިއަރާފައިވާ އެވެ. މި އަހަރުގެ މިހާތަނަށް 19 ރިސޯޓާއި އެއް ޔޮޓް މެރީނާ ހުޅުވާފައިވާ އިރު މިއީ 4،727 އެނދެވެ. އަދި 10،000 އަށް ވުރެ ގިނަ ވަޒީފާ ޓޫރިޒަމް ދާއިރާ އިން އިތުރަށް އުފެއްދިފައިވާ ކަމަށް ރައީސް މިރޭ ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ވަޒީފާތައް އިތުރުވާ މިންވަރަށް ދިވެހިން ތަމްރީނު ވާން ވެސް ޖެހޭނެ ކަމަށާއި ކިތަންމެ އާދައިގެ ވަޒީފާއެއް ނަމަވެސް އެކަމެއް ކުރުމަށް ބޭނުންވާ ތަމްރީނުތައް ދޭން ޖެހޭ ކަމަށެވެ. އަދި ދިވެހިންނަށް ވަޒީފާތައް އަދާ ކުރުމުގައި ލިބެން ޖެހޭ ތަމްރީނުތައް ދިނުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ފަތުރުވެރި ވަޒީފާތަކަށް ދިވެހި ޒުވާނުން ޝައުގުވެރިކޮށް ދިވެހިންނަށް ފުރުސަތު ހޯދައިދިނުމަކީ ސަރުކާރުގެ ވަރަށް މުހިއްމު ސިޔާސަތެއް. ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ވެސް އެންމެ މުހިއްމު އިސްކަމެއް ދީފައި ވަނީ ފަހުރުވެރި ފުދުންތެރި އާއިލާއެއް ބިނާ ކުރުމަށް،" އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖެ އިޝްތިހާރު ކުރަން މި އަހަރުގެ މިހާތަނަށް އެމްއެމްޕީއާރްސީން ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ. އެގޮތުން، 12 މާކެޓެއްގެ 15 ފެއާއެއްގައި ބައިވެރިވުމާއި 13 މާކެޓެއްގައި ފަސް ރޯޑް ޝޯއެއް ބޭއްވުމާއި މީޑިއާ ފޭމްގެ ޓްރިޕްތަކުގެ 13 ގްރޫޕެއް ގެނައުމާއި 11 މާކެޓެއްގައި ޕީއާރު ޕްރެޒެންޓޭޝަން ދިނުމާއި 12 ޖޮއިންޓް ޕްރޮމޯޝަން ބޭއްވުން އަދި މުޅި ރާއްޖެ އަށް ރާއްޖެ އިޝްތިހާރު ކުރުމުގެ ދެ ކެމްޕޭނެއް ހިންގުން ހިމެނެ އެވެ.