23 ސެޕްޓެމްބަރ 2016 - 00:27

ފަޅުރަށެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން މިއަދު ކަނޑައެޅުއްވި ލ. މުންޑޫގައި މީހުން ނޫޅޭ ކަމަށް ނިންމައި ރައީސް އޮފީހަށް މައުލޫމާތު ދެވުނީ އޮޅުމަކުން ކަމަށް ބުނެ، އެ ކަމުގައި އިހުމާލުވާ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅަން ނެޝެނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)ން ނިންމައިފި އެވެ.
ލ. މުންޑޫގެ އިތުރުން އެ އަތޮޅު ގާދޫ އަކީ ވެސް ފަޅުރަށެއްގެ ގޮތުގައި ރައީސް ޔާމީން ވަނީ މިއަދު ކަނޑައަޅުއްވާފަ އެވެ. އެކަމަކު، އެ ރަށުގައި މިހާރު ވެސް ގާތްގަނޑަކަށް 400 މީހުން ދިރިއުޅެ އެވެ.
ޑީއެންއާރުން މިރޭ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް މީހުން އުޅޭ ރަށްރަށް ކަނޑައަޅަން ބޭނުންވާ މައުލޫމާތު ދޭން ރައީސް އޮފީހުން އެދުމުން އެ މައުލޫމާތު ދިންއިރު، މުންޑޫ އަކީ އެ ރަށުގެ މީހުން އެހެން ރަށަކަށް ބަދަލުކޮށް ނިމިފައިބާ ރަށެއްގެ ގޮތުގައި ވަނީ ބުނެވިފަ އެވެ. އެ ގޮތަށް ބުނެވުނީ، އެ ޑިޕާޓްމަންޓުން ބުނި ގޮތުގައި، އެ ތަނުގެ ޑޭޓާބޭސްގައި އެ ގޮތަށް ރެކޯޑުކޮށްފައިވާތީ އެވެ.
"... ދެވަނަ ފަހަރަށް މައުލޫމާތު ޗެކްކުރުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވިއިރު ވެސް، ހައްދުންމަތީ މުންޑޫ އަކީ މީހުން ބަދަލުކޮށް ނިމި، މިހާރު މީހުން ދިރި ނޫޅޭ ރަށެއް ކަމުގައި ވަނީ ދެންނެވިފަ އެވެ،" ބަޔާނުގައިވެ އެވެ.
ރައީސް ގަރާރު ނެރުއްވުމާ އެކު މުންޑޫ ކައުންސިލުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެއީ އެއްވެސް ވަރަކަށް މަޝްވަރާ ނުކޮށް ނިންމި ނިންމުމެއް ކަމަށް ބުނެފަ އެވެ. އެ ރަށުގެ ބައެއް މީހުން ލ. ގަމަށް ބަދަލުވެފައި ވިޔަސް، ރަށުގައި އަދިވެސް މީހުން އުޅޭ ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.
ޑީއެންއާރުން ބުނި ގޮތުގައި އެ ޝަކުވާތަކާ ގުޅިގެން ޑޭޓާބޭސް އަލުން ބެލިއިރު، މުންޑޫ ފަޅުކޮށްފައިވާ ކަމަށް ބެލެވުނީ އޮޅުމަކުންކަން ވަނީ ފާހަގަކުރެވިފަ އެވެ. އެހެންވެ، އެކަން ރައީސް އޮފީހަށް މިހާރު އަންގާފައިވާނެ ކަމަށް އެ ތަނުން ބުންޏެވެ.
"މިކަން ހިނގާފައިވާ ގޮތް ބަލައި މިކަމުގައި އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށާ އަދި މިފަދަ ކަންތައްތައް ތަކުރާރު ނުވާނޭ ގޮތަށް ކަންކަން އިންތިޒާމުކުރާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވަމެވެ،" މުންޑޫ ރައްޔިތުންގެ ކިބައިން މާފަށް އެދިފައިވާ ބަޔާނުގައިވެ އެވެ.
މުންޑޫއާ އެކު ފަޅުރަށެއްގެ ގޮތުގައި ހަމަޖެއްސި ގާދޫ މީހުން ވަނީ މި އަހަރު ކުރީކޮޅު ލ. ފޮނަދު އަށް ބަދަލުކޮށްފަ އެވެ. އެއީ އެ ރަށުގައި ހުރި ކޮންމެ ގެއަކަށް ސަރުކާރުން 60،000 ރުފިޔާގެ އިނާޔަތެއް ދީ، ރަށް ދައުލަތަށް ނެގުމަށް ފަހު އެވެ. އެހެންވެ، އެ ރަށުގައި ހުރި ހުރިހާ މުދަލަކީ ސަރުކާރުގެ ތަކެތި ކަމަށް މީގެ ކުރިން ވަނީ ކަނޑައަޅާފަ އެވެ.