06 އޮކްޓޯބަރ 2019 - 08:35

ގްރާމުން ފެށިގެން އެތައް ސަތޭކަ ކިލޯއެއްގެ މަސްތުވާތަކެއްޗާ އެކު މީހުން އެބަ ހައްޔަރުކުރެ އެވެ. ނަމަވެސް އެ ނުބައި، ގާނޫނީ ގޮތުން ބޮޑެތި އަދަބުތަައް ކަނޑައަޅާފައިވާ ވިޔަފާރި ހުއްޓޭ ތަނެއް ނާދެ އެވެ. އަނެއް ކޮޅުން އެއް ފަހަރު ހައްޔަރުކުރާ މީހާ އަނެއްކާވެސް ފެންނަނީ އެއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކޮށްގެން އުޅެނިކޮށެވެ. ދިވެހި ފުލުހުން ހައްޔަރުކުރި މަސްތުވާތަކެތީގެ ބޮޑުންގެ ތެރެއިން ގިނަ މީހުން ތިބީ މިނިވަންކޮށެވެ. ސުވާލަކީ މިވަނީ ކިހިނެއް ހެއްޔެވެ؟

ދާދި ފަހުގެ މިސާލެކެވެ. މިދިޔަ ޖުލައި މަހު ހަ ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހުން މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ދޫކޮށްލައިފަ އެވެ. ފުލުހުން މަސްތުވާތަކެތި ހޯދީ އެ މީހުންގެ ތެރެއިން ބަޔަކު ހިފައިގެން ތިބި ދަބަހުންނެވެ. އޭގެ ތެރޭގައި ޑްރަގްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ މީހުން ތިބި ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް މައްސަލަ ފުރަތަމަ ބައްލަވާ ގާޒީ ނޫން އެހެން ގާޒީއެއް އެ މައްސަލައާ ހަވާލުވި ފަހުން ތިން މީހުން މިނިވަންވީ އެވެ. ބަންދުގެ މުއްދަތު ޖަހާ ދީފައިވަނީ މަސްތުވާތަކެއްޗަށް ޕޮސިޓިވްވި މީހާއަށް އެކަންޏެވެ.
ޑްރަގް ޓްރެފިކިން މައްސަލަތަކުގައި އާންމު އުސޫލަކީ ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމެވެ. ނަމަވެސް އެތައް ކިލޯއެއްގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި މީހުންގެ ތެރެއިން ގިނަ މީހުން މީހުން މިނިވަންކަމާ އެކު އުޅެން މިހާރު އެވަނީ ދޫކޮށްފަ އެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ޖެހޭ މީހުން އެގޮތަށް ދޫކޮށްފައި ތިބޭތީ އޭގެ ސަބަބުން ޝަރީއަތަށް ނުފޫޒު ފޯރުވަ އެވެ. މަސްތުވާތަކެތީގެ ވިޔަފާރިކޮށް ގިނަ ފައިސާ ހޯދައި، އެ ފައިސާ ބޭނުންކޮށްގެން ޝަރީއަތަށް ނުފޫތު ފޯރުވުމުގެ ފުރުސަތު އޮވެ އެވެ. މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއް ނިމި ހުކުމް ކުރަން އެވެރެޖްކޮށް ތިން އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތެއް ހޭދަވާއިރު އެއީ ނުފޫޒު ފޯރުވަން ވެސް ލިބޭ ބޮޑު ފުރުސަތެކެވެ.
ޑްރަގް މައްސަލަތައް ތަހުގީގު ކުރުމުގައި އުޅުއްވާ އިސް ބޭފުޅަކު، ނަން ނުޖެހުމަށް ޝަރުތުކޮށް، ވިދާޅުވީ މަސްތުވާތަކެތީގެ ބޮޑުން ބަންދުން ދޫވަނީ ފުލުހުން ހޯދާފައިވާ ހެކިތަކަށް ރިއާޔަތް ނުކޮށް ފަނޑިޔާރުން ކަންކަން ނިންމާތީ ކަމަށެވެ. ގިނަ ފަހަރަށް ފަނޑިޔާރުންގެ ނިންމުންތައް ބިނާކޮށްފައި ހުންނަނީ އެވަގުތަކު ހުންނަވާ އެ ފަނޑިޔާރެއްގެ "މޫޑަށް" ކަމަށް އޭނާ ވިދާޅުވި އެވެ.
"އެވިޑެންސަށް ރިއާޔަތެއް ނުކުރޭ. ހެކި ހުރި ނަމަވެސް ޔަގީންކަމާ އެކު އަޅުގަނޑުމެންނަކަށް ނުދެވޭ ޝަރީއަތަކަށް. މިފަދަ މައްސަލަތަކުގައި ގިނަ ފަހަރަށް ގާޒީ ކަންކަން ނިންމަނީ އެވިޑެންސަށް ބޭސްކޮށެއް ނޫން،" މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތައް ވެސް ތަހުގީގު ކުރައްވާފައިވާ ބޭފުޅާ ވިދާޅުވި އެވެ.
ދަށު ކޯޓުން ނިންމި ނިންމުމެއް ގޯސް ކަމަށް މަތީ ކޯޓުން ނިންމައިފި ނަމަ އެފަދަ މައްސަލަތަކުގައި ދަށު ކޯޓުން ދެން އަމަލުކުރަން ޖެހޭނީ މަތީ ކޯޓުން ނިންމާފައިވާ ނިންމުމަށް ރިއާޔަތްކޮށްގެންނެވެ. އެއީ ޝަރީއަތް ކުރުމުގެ އާންމު އުސޫލެވެ. ނަމަވެސް އިންވެސްޓިގޭޓިވް އޮފިސަރު ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި ދަށު ކޯޓުތަކުން އެ އުސޫލަށް އަމަލެއް ނުކުރެ އެވެ.
"މިޖެހެނީ އިސްތިއުނާފް ކޮށްލަކޮށްލާ ތިބެން. ޑްރަގް މައްސަލަތަކުގައި ހައި ކޯޓުން ނިންމާ ނިންމުމަކަށް އެއްވެސް ވަރަކަށް ރިއާޔަތް ނުކުރޭ ދެން އަނެއްކާވެސް [އެފަދަ] މައްސަލައެއް ނިންމާއިރު،" ކަންބޮޑުވުންތައް ހިއްސާކުރައްވަމުން އޭނާ ވިދާޅުވި އެވެ.
ފައިސާގެ ނުފޫޒު ބޭނުންކޮށްގެން ބަންދުން ސަލާމާތް ވުމާއި ޝަރީއަތަށް ނުފޫޒު ފޯރުވުމަކީ ޑްރަގް ލީޑަރުން ކޮށްއުޅޭ ކަމެކެވެ. އެގޮތަށް ނުވެއްޖެ ނަމަ ގާނޫނީ ގޮތުން ހުންނަ ބާގަނޑުތައް ހޯދައިގެން ވެސް ސަލާމަތްވެ އެވެ. އެގޮތުން ބަންދުން ސަލާމަތް ވުމަށް މިފަހުން ބޭނުން ކުރާ އެއް އުކުޅަކީ ސިއްހީ މައްސަލައެއް ހުރިކަން ކޯޓަށް ހުށަހެޅުމެވެ. އެނގިފައިވާ ގޮތުގައި އެގޮތް ބޭނުންކޮށްގެން ގިނަ ބަޔަކު ވަނީ ޖަލު ބަންދުން ސަލާމަތްވެފަ އެވެ.
އޭގެ ކުރިން ބޮޑު ބައްޔެއް ހުރެގެން ޑޮކްޓަރަށް ދައްކާފައިނުވާ މީހުން ހައްޔަރުކުރާ ހިސާބުން ސިއްހީ ބޮޑެތި މައްސަލަތަކެއް ހުރި ކަމުގެ ލިޔުން ހޯދައިގެން ކޯޓަށް ހުށަހަޅަ އެވެ. ފުރާނައަށް ނުރައްކާ ވެދާނެތީ ކޯޓުން އެމީހުން ޖަލު ބަންދުން ދޫކޮށްދެ އެވެ. ދެން މިނިވަންކަމާ އެކު އުޅެނީ އަނެއްކާވެސް މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގަ އެވެ.
"އެމީހެއްގެ މައްޗަށް ހެކި ހުރިކަން ވަކީލަށް އެނގޭ ހިސާބުން ވަކީލު އެ މީހުންނަށް ލަފާދޭ ޑޮކްޓަރުގެ ލިޔުން ހޯދަން. އެކިއެކި ބަލި ހުރިކަމަށް ޑޮކްޓަރުންގެ ލިޔުން ހޯދައިގެން އެ ލިޔުންތައް ކޯޓަށް ހުށަހަޅަނީ،" ކުށްވެރިންގެ ކަންކަން އެނގޭ މީހަކު، ނަން ނުޖަހަން ޝަރުތުކޮށް، ބުންޏެވެ.
ސިއްހީ ބޮޑެތި މައްސަލަތައް ހުންނަ މީހުން ބޭނުންކޮށްގެން މަސްތުވާތަކެތި ޓްރެފިކް ކުރުމަކީ ދުނިޔޭގައި އާންމު ކަމެކެވެ. އެކަން އެގޮތަށް ކުރަނީ އެފަދަ ބަލިތައް ހުންނަ މީހުން ޖަލުގައި ބަންދު ކުރުމަކީ އުނދަގޫ ކަމަކަށް ތަހުގީގީ އިދާރާތަކަށް ވާތީ އެވެ. ނަމަވެސް ރާއްޖޭގައި އެކަން ކުރާ ގޮތަކީ ސިއްހީ މައްސަލައެއް ނެތަސް، ހައްޔަރު ކުރާ ހިސާބުން ބަލިމީހެއް ކަމުގެ ލިޔުން ހޯދަނީ އެވެ.
މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ ތެރެއިން އެކަކު އެ ހުރިހާ ތަކެއްޗާ ހަވާލުވެ، ޒިންމާ ނަގަން އުޅުމަކީ ވެސް މިހާރު ރާއްޖޭގެ ކުށްވެރިން ސަލާމަތް ވުމަށް ބޭނުންކުރާ އުކުޅެކެވެ. ގްރޫޕެއް ހައްޔަަރުކުރާ އިރު އޭގެ ތެރެއިން އެކަކު ކޯޓުގައި އެއްބަސްވަނީ މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށެވެ. އޭރުން އެހެން މީހުން ބަންދުން ސަލާމަތްވާން ފަސޭހަވެ އެވެ. އަދި އިއުތިރާފްވީ މީހާ ވެސް ޝަރީއަތުގެ ވަކި ހިސާބަކުން ސަލާމަތްވެފައި އެބަ ހުއްޓެވެ. ޖުލައި މަހު އަތުލައިގަތް ހަ ކިލޯގެ މަސްތުވާތަކެތީ މައްސަލާގައި ވެސް އެ އުކުޅު ބޭނުންކުރަން އުޅުނެވެ.
ފަޅުރަށްރަށުގައި ވަޅުލާފައި ހުރި އެތައް ކިލޯއެއްގެ މަސްތުވާތަކެއްޗާއި ކަނޑު މަގުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި، ތަފާތު އޮޕަރޭޝަންތަކުގައި ވަނީ އަތުލައިގެންފަ އެވެ. މާލޭގެ ގެތަކުގައި ދަގަނޑު ގޭޓްތައް ލައިގެން އެ ވިޔަފާރިކުރި އެތައް ތަނެއް ވެސް ހޯދި އެވެ. މަސްތުވާތަކެއްޗާ އެކު ވެސް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރި އެވެ. ނަމަވެސް އެފަދަ ނުބައި ކުށްވެރިން ފަސޭހައިން ދޫވާ ނަމަ އެއީ ގައުމީ މައްސަލައެކެވެ.
މިހާރު މިފަދަ ނުބައި ހާލަތްތައް ދިމާވަނީ، ހެކި ހޯދުމާއި ހުށައެޅުމުގައި ފުލުހުންގެ މައްސަލައަކުން ނަމަ، އެކަން ރަނގަޅު ކުރަން ޖެހެ އެވެ. ނުވަތަ ހެކި ހުރެމެ، ފަނޑިޔާރުން ގަސްދުގައި ބަޔަކު ދޫކުރާ ނަމަ، އެ މައްސަލަ ސީރިއަސްކަމާ އެކު ބަލައި، ކޯޓުތައް ހަމަ މަގަށް އަޅުވަން ޖެހެ އެވެ. މި ހުންނަނީ ގައުމަކަށް ބަލާ ނަމަ ކުދިކުދި ކަންކަމެއް ނޫނެވެ.