ޚާޝުގްޖީގެ ދަރިފުޅު ސައުދީ ސަރުކާރުގެ ދިފާއުގައި
ޚާޝުގްޖީގެ ދަރިފުޅު ސައުދީ ސަރުކާރުގެ ދިފާއުގައި

ރިޔާޒް (އޮކްޓޯބަރު 3) - ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓުގެ ތެރޭގައި މަރާލި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ ދަރިފުޅު، ސައުދީ ސަރުކާރުގެ ދިފާއުގައި ވާހަކަ ދައްކައިފި އެވެ.

ސައުދީ ސަރުކާރަށް ފާޑުކިޔައި ވޮޝިންޓަން ޕޯސްޓުގައި ލިޔަމުން ދިޔަ ކޮލަމިސްޓް މަރާލީ އޮކްޓޯބަރު 2، 2018 ގައި، ސައުދީ ކޮންސިއުލޭޓަށް ވަން ފަހުންނެވެ. ޚާޝުގްޖީ މަރާލި ކަމަށް ތުރުކީން ތުހުމަތުކޮށްފައި ވަނީ ސައުދީން ފޮނުވި 15 މީހުންގެ ޓީމަކުންނެވެ. ޚާޝުގްޖީގެ ހަށިގަނޑު އަދި ފެނިފައެއް ނުވެ އެވެ.

ޚާޝުގްޖީ މަރާލި ކަމަށް ތުހުމަތު ކުރެވޭ 11 މީހެއްގެ ޝަރީއަތް ސައުދީގައި ވަނީ ފަށައިފަ އެވެ.

ޚާޝުގްޖީގެ ދަރިފުޅު ސަލާހު ބުނީ ސައުދީގެ ޝަރުއީ ނިޒާމާ މެދު އޭނާ އަށް އިތުބާރު އެބައޮތް ކަމަށެވެ. އަދި އޭނާގެ ބައްޕަގެ މަރުގެ މައްސަލައިގައި ތަފާތު ގޮތްގޮތަށް ވާހަކަ ނުދެއްކުމަށް ވަނީ އެދިފަ އެވެ.

"ލޯބިވާ ބައްޕަ ދުނިޔެ ދޫކުރިތާ އަހަރެއް ފާއިތުވެގެން ދިޔައީ. މި މުއްދަތުގައި ހުޅަނގާއި އިރުމަތީގެ ދުޝްމަނުން ދަނީ އެ މައްސަލައިގައި ސައުދީ ސަރުކާރާއި ސައުދީގެ ޒައާމަތަށް ނުބައި ތުހުމަތު ކުރަމުން،" ސައުދީގައި ދިރިއުޅޭ ސަލާހު ކުރި ޓްވީޓުގައި ބުނެފައިވެ އެވެ. "ބައްޕަގެ މަރުގެ ނާޖާއިޒް ފައިދާ ނެގުމަށް އެއްވެސް ބަޔަކަށް ފުރުސަތެއް ނުދެވޭނެ. ބައްޕަ މަރާލި މީހުންނަށް ސައުދީގެ ޝަރުއީ ނިޒާމުގެ ތެރޭން އިންސާފު ހޯދައިދޭނެ ކަމާމެދު ޝައްކެއް ނުކުރަން."

ޚާޝުގްޖީގެ ދަރިންނަށް ސައުދީން ކޮންމެ މަހަކު ވެސް މާލީ އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ވޮޝިންޓަން ޕޯސްޓުން އެޕްރީލް 1 ވަނަ ދުވަހު ވަނީ ބުނެފަ އެވެ.