ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ހައި ކޯޓުން ފަނޑިޔާރު ނިޔާޒް އިންތިޚާބުކޮށްފި
ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ހައި ކޯޓުން ފަނޑިޔާރު ނިޔާޒް އިންތިޚާބުކޮށްފި

ފަނޑިޔާރުންނާ މެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަޅާ ފިޔަވަޅުތައް އިސްތިއުނާފް ކުރާ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ހައި ކޯޓުގެ ފަނޑިޔާރުގެ ތެރެއިން ފަނޑިޔާރު މުހައްމަދު ނިޔާޒް އިންތިޚާބު ކޮށްފިި އެވެ.

ޖޭއެސްސީގެ ގާނޫނަށް މިދިޔަ މަހު ގެނައި އިސްލާހުގެ ދަށުން ޖޭއެސްސީން ފަނޑިޔާރުންނާ މެދު އަޅާ ފިޔަވަޅުތަކުގެ މައްސަލަ ކޯޓުތަކުން ނުބެލޭ ގޮތް ހަދައި، އެފަދަ މައްސަލަތައް ހަމައެކަނި ބެލޭނީ އެ އިސްލާހުގެ ދަށުން އުފެދޭ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ކަމަށް ވަނީ ހަމަޖައްސައިފަ އެވެ. އެ މަޖިލީހުގައި ތިއްބަވާނީ ތިން މަރުހަލާގެ ކޯޓުތަކުގެ ތިން ފަނޑިޔާރެކެވެ.

އިއްޔެއިން ފެށިގެން އަމަލުކުރަން ފެށި ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ މަޖިލީހަށް ފަނޑިޔާރުން ކަނޑައަޅާނީ އެ ދެ ކޯޓުގެ ފަނޑިޔާރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ހައި ކޯޓުން ބުނިގޮތުގައި އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ މަޖިލީހަށް ފަނޑިޔާރު ނިޔާޒް އިންތިޚާބުކުރީ މިއަދެވެ. ފަނޑިޔާރު ނިޔާޒަކީ ހައި ކޯޓުގައި ބޮޑެތި މައްސަލަތަކެއް ބައްލަވައި، ނިންމަވާފައިވާ އަދި މިހާރު ވެސް ބޮޑެތި މައްސަލަތަކެއް ބައްލަވާ ފަނޑިޔާރެކެވެ.

ކުރިން ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓަކަށް ހުންނެވި ފަނޑިޔާރު ނިޔާޒް ހައި ކޯޓަށް އައްޔަން ކުރީ މިދިޔަ އަހަރު ކުރީކޮޅެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މިހާރު ހުސްވެފައިވާ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އޭނާ ވެސް ކުރިމަތިލެއްވި އެވެ.