03 އޮކްޓޯބަރ 2019 - 12:50

ވޮޝިންޓަން (އޮކްޓޯބަރު 3) - ޔުކްރޭނުގެ ރައީސް އަށް ގުޅުއްވައިގެން ކިތަންމެ ޕްރެޝަރެއް ކުރައްވަން އުޅުއްވި ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް ޑިމޮކްރެޓިކް ޕާޓީން ރިޔާސީ ރޭހަށް ނުކުންނަވާނެކަން އިއުލާންކުރައްވާފައިވާ ކުރީގެ ނައިބް ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

"ޓްރަމްޕާއި އޭނާގެ ޓީމަށް އެއްކަމެއް ސާފުކޮށްދޭން އަޅުގަނޑު ބޭނުންވޭ. އަޅުގަނޑާއި އަޅުގަނޑުގެ އާއިލާ އަށް ޓްރަމްޕަށް ދެވޭނެ ގެއްލުމެއް ނޯންނާނެ،" ކެމްޕޭން ޓީމުން ތައްޔާރު ކުރި ލިޔުމެއްގައި ބައިޑަން ވިދާޅުވި އެވެ. "ކިތަންމެ ފައިސާއެއް ހޭދަކުރިޔަސް އަޅުގަނޑަށް ވާނެ ކަމެއް ނޯންނާނެ."
ޔުކްރޭނުގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ އަށް ގުޅުއްވައި ބައިޑަން އަށް ޕްރެޝަރު ކުރަން ޓްރަމްޕް އުޅުއްވި މައްސަލަ ކޮންގްރެސް އިން މިހާރު ދަނީ ބަލަމުންނެވެ.
ބައިޑަންގެ މައްސަލަ ތަހުގީގު ކުރަން ޓްރަމްޕް ވަނީ ޔުކްރޭނުގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ އަށް ޖުލައި 25 ވަނަ ދުވަހު ފޯނުން ގުޅުއްވައި ބާރު އަޅުއްވައިފަ އެވެ. ރައީސް ބަރަކް އޮބާމާގެ ނައިބަކަށް ބައިޑަން ހުންނެވި ދުވަސްވަރު ދަރިކަލުން ހަންޓާ ބައިޑަން ހުންނެވީ ޔުކްރޭންގެ ނޭޗަރަލް ގޭސް ކުންފުންޏެއްގެ ބޯޑު މެންބަރަކަށެވެ. އެ ކުންފުނީގެ މައްސަލައެއް އެ ދުވަސްވަރު ބެލުން ހުއްޓުވީ ބައިޑަންގެ ނުފޫޒުންތޯ ބެލުމަށް ޓްރަމްޕް ވަނީ ޔުކްރޭނުގެ ރައީސްގެ އަރިހުން އޮޅުންފިލުވަން އުޅުއްވައިފަ އެވެ. ބައިޑަން އަދި ހަންޓާ ވެސް ގޯހުން ކަމެއް ކުރައްވާފައިވާކަމުގެ ހެއްކެއް އަދި ފެންނާކަށް ނެތެވެ.
ޑިމޮކްރެޓުން ބުނީ ޓްރަމްޕް މަސައްކަތް ކުރެއްވީ ސިޔާސީ ވާދަވެރިއަކާ ދެކޮޅަށް ބޭރުގެ ނުފޯރު ފޯރުވަން ކަމަށެވެ. އަދި އެމެރިކާގެ ގާނޫނު އަސާސީއާ ޚިލާފު ކަމަކަށްވާތީ އޭނާ މަގާމުން ދުރުކުރަން ޖެހޭނެ ކަމަށް ވަނީ ބުނެފަ އެވެ.