އެއާޕޯޓުގައި މުޒާހަރާކުރި މައްސަލައިގެ ހުކުމް އިސްތިއުނާފު ކުރަން ސުޕްރީމް ކޯޓަށް
އެއާޕޯޓުގައި މުޒާހަރާކުރި މައްސަލައިގެ ހުކުމް އިސްތިއުނާފު ކުރަން ސުޕްރީމް ކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލަން ގޮވާލައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މުޒާހަރާކުރި މައްސަލާގައި އެމްޑީޕީގެ އެކްޓިވިސްޓުންތަކެއްގެ މައްޗަށް އިއްވި ޖަލު ހުކުމް އިސްތިއުނާފުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ނަޝީދު ދޫކޮށްލަން ގޮވާލައި މާޗް 2015 ގައި އެއާޕޯޓްގައި މުޒާހަރާކުރި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ 14 މީހަކާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރަކާއި މާލޭ ސިޓީ ކައުންސިލްގެ މިހާރުގެ މޭޔަރު ޝިފާ މުހައްމަދު ވެސް ހިމެނޭ ގޮތަށް 15 މީހެއްގެ މައްޗަށް، އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގައި ތިން މަހުގެ ޖަލު ހުކުމެއް 2016 ގައި ކްރިމިނަލް ކޯޓުން އިއްވި އެވެ.

އެކަމަކު އެ ހުކުމް ތަންފީޒު ކުރުން ތިން އަހަރަށް ފަސް ކޮށްފައިވާތީ އެ މުއްދަތުގައި އިތުރު ކުށެއް ނުކުރާ ނަމަ، އެ ހުކުމް އެ މީހުން ތަންފީޒު ކުރާކަށް ނުޖެހެ އެވެ. އަދި އެ ހުކުމް 2017 ގައި ހައި ކޯޓުން ވެސް އޮތީ ދަމަހައްޓައިފަ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ހުށަހެޅީ އެ މައްސަލާގައި ހިމެނޭ މީހުންގެ ތެރެއިން ސ. ހުޅުދޫ ކަޅުމަގިގޭ، މަރިޔަމް ޒުބައިރެވެ.

އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ހުއްދައަށް އެދި އޭނާ ސުޕްރީމް ކޯޓަށް ފޮނުވި ސިޓީގައިވަނީ އިސްތިއުނާފް މުއްދަތު ހަމަވުމުގެ ކުރިން އެ މައްސަލަ އިސްތިއުނާފް ނުކުރެވި އޮތީ ވަކީލަކު އައްޔަން ކުރުމުގެ ތަނަވަސްކަން އޭރު ނެތުމުންނާއި އަދި އޭރު ސިޔާސީ މަސްރަހު އޮތްގޮތުން އެ މައްސަލަ އިސްތިއުނާފް ކޮށްގެން ކުރިއެރުމެއް ލިބޭނެ ކަމަށް ނުފެނުމުން ކަމަށެވެ.

އެހެންވެ، ނަޝީދަށް އިއްވި ޖަލު ހުކުމުގެ މައްސަލާ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ މައްޗަށް އިއްވި ޖަލު ހުކުމުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފައިވާ ފަދައިން އެ މައްސަލަ ވެސް ބަލައިގަތުމަށް އެ ސިޓީގައި އެދިފައިވެ އެވެ.

ހައި ކޯޓުގެ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ހުށަހެޅެނީ 60 ދުވަހުގެ ތެރޭގަ އެވެ. އެ މުއްދަތުގައި މައްސަލަ ހުށަނާޅައިފި ނަމަ އާންމު އުސޫލުން އިސްތިއުނާފްގެ ފުރުސަތު ބަންދުވިޔަސް، މަގްބޫލު ސަބަބެއް އޮވެއްޖެ ނަމަ އެ މުއްދަތުގެ ފަހުން ވެސް އިސްތިއުނާފް މައްސަލަ ބަލައިގަތުމުގެ ބާރު ކޯޓަށް އޮވެ އެވެ.