ޖިމް ކެރީ ފޮތެއް ލިޔަނީ
ޖިމް ކެރީ ފޮތެއް ލިޔަނީ

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު/ކޮމީޑިއަން ޖިމް ކެރީ ފޮތެއް ލިޔެ ނެރެން ނިންމައިފި އެވެ.

އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި ނެރެން ނިންމާފައިވާ ފޮތުގެ ނަމަކީ "މެމޮއާޒް އެންޑް މިސްއިންފޮމޭޝަން" އެވެ. ފޮތް ލިޔުމުގައި ކެރީއާ އެކު ލިޔުންތެރިޔާ ޑާނާ ވެޝޯން ވެސް ހިއްސާވެފައިވެ އެވެ.

ޕަބްލިޝިން ހައުސް އަލްފްރެޑް އޭ ނޯފުން ނެރޭ ކެރީގެ ފޮތުގައި ސެލެބްރިޓީއަކަށްވުމާއި އެކްޓިން ކެރިއަރާއި އޭނާގެ ލޯބީގެ ހަޔާތުގެ ގިނަ ވާހަކަތައް ވެސް ހިމަނާފައި ހުންނާނެ އެވެ. ކެރީ، 57، ބުނިގޮތުގައި އޭނާގެ އަލަތު ފޮތް ނެރުމަށް ފަހު، އެ ޕްރޮމޯޓްކުރަން ޓުއާއެއް ވެސް ކުރިއަށް ގެންދާނެ އެވެ.

ޓީވީ ސިލްސިލާ "އިން ލިވިން ކަލާ" އިން 1990 އިން މަޝްހޫރުކަން ހޯދުމަށް ފަހު، ކެރީ ކުޅެފައިވާ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "އޭސް ވެންޗޫރާ: ޕެޓް ޑިޓެކްޓިވް"، "ޑަމްބް އެންޑް ޑަމްބާ"، "ދަ މާސްކް" އަދި "ދަ މޭން އޮން ދަ މޫން" ހިމެނެ އެވެ.

އޭނާ އެންމެ ފަހުން ކުޅުނު ފިލްމަކީ 2016 ގެ "ޑާކް ކްރައިމްސް" އެވެ. ޝޯޓައިމުން މިދިޔަ އަހަރުން ފެށިގެން ގެސްދޭ ސިލްސިލާ "ކިޑިން" ގައި ވެސް ކެރީ އަންނަނީ މަސައްކަތްކުރަމުންނެވެ.

ކެރީ ފޮތެއް ލިޔެ ނެރޭ އިރު މީގެ ކުރިން ވެސް ހޮލީވުޑްގެ ބައެއް ތަރިން އަމިއްލަ އަށް ލިޔެ ފޮތް ނެރެފައިވެ އެވެ. އޭގެ ތެރޭގައި ޓޮމް ހޭންކްސް، ޝޯން ޕެން އަދި އީތަން ހޯކް ހިމެނެ އެވެ.