ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް އެއް ޕަސެންޓަށް ކުޑަ ކުރަނީ
ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް އެއް ޕަސެންޓަށް ކުޑަ ކުރަނީ

މަތީ ތައުލީމް ހާސިލްކުރަން ދޫކުރާ ލޯނުގެ އިންޓްރެސްޓް އެއް ޕަސެންޓަށް ކުޑަކުރަން ސަރުކާރުގެ އެކްޝަން ޕްލޭނުގައި ހިމަނައިފި އެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ރޭ އިފްތިތާހުކޮށްދެއްވި ޕްލޭން ހަދާފައިވަނީ ސަރުކާރުގެ މެނިފެސްޓޯގެ މައިގަނޑު ފަސް ވައުދު ކަމަށްވާ ނޫ އިގްތިސާދާއި އޯގާތެރި ސަރުކާރާއި ފަހުރުވެރި އާއިލާ އާއި ޖަޒީރާ ދިރިއުޅުމުގެ އިތުރުން ހެޔޮ ވެރިކަމަށެވެ. މި ފަސް ބައިން ޖުމްލަ 33 ދާއިރާއަކުން މި ފަސް އަހަރު ތެރޭގައި ކުރަން ރާވާފައި ހުރި ކަންކަން އެ ޕްލޭންގައި ހިމަނާފައިވެ އެވެ. ކޮންމެ ކަމެއް ނިންމަން ކަނޑައަޅާ މުއްދަތުތައް ވެސް ވަކިވަކިން އެ ޕްލޭންގައި ހިމަނާފައިވެ އެވެ.

އެ ޕްލާނުގައި، މަތީ ތައުލީމާ ގުޅޭ ދާއިރާގައި ބުނެފައިވާ ގޮތުން ސްޓޫޑެންޓް ލޯނުގެ އެޑްމިނިސްޓްރޭޝަން ފީގެ އިންޓްރެސްޓަށް އަރާ އަދަދު 2021 ވަނަ އަހަރުގެ ކުރިން އެއް ޕަސެންޓަށް ކުޑަކުރާނެ އެވެ.

ލޯނުގެ އިންޓްރަސްޓް ކަމަށް ބުނި ނަމަވެސް އެއީ ބޭންކުގެ މުއާމަލާތްތަކުގައި އާންމުކޮށް ނަގާ އިންޓަރެސްޓެއް ނޫނެވެ. އެއީ ދަރިވަރަށް ހިނގާ ޖުމްލަ ހަރަދަށް ބެލުމަށް ފަހު، އެއަށް ނަގާ އެޑްމިނިސްޓްރޭޓިވް ޗާޖެކެވެ.

މީގެ ކުރިން މަތީ ތައުލީމުގެ ލޯން ދޫކުރީ ފަސް ޕަސެންޓް އިންޓްރެސްޓް ރޭޓުގަ އެވެ. އެ ލޯނުގެ އިންޓްރެސްޓް ކުޑަކޮށް، ލޯނު ދައްކަން ލިބޭ މުއްދަތު އިތުރުކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެއާއެކު އިންޓްރެސްޓް ތިން ޕަސެންޓަށް ކުޑަކޮށް، ލޯނު ދައްކަން ލިބޭ މުއްދަތު 25 ޕަސެންޓަށް ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އިތުރުކޮށްފަ އެވެ.

އެ ޕްލޭނުގައިވާ ގޮތުން 2023 ވަނަ އަހަރު އަންނަންވާއިރަށް ހިލޭ ޑިގްރީ ކިޔެވުމުގެ ފުރުސަތު މަދުވެގެން 25،000 ދަރިވަރުންނަށް ފޯރުކޮށްދެވޭނެ އެވެ. މަތީ ތައުލީމުގެ ސްކޮލަޝިޕް، 2023 ވަނަ އަހަރު އަންނަންވާއިރަށް 1000 ދަރިވަރުންނަށް އަދި 2023 ވަނަ އަހަރު އަންނަން ވާއިރަށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި މަތީ ތައުލީމް ހާސިލްކުރަން މަދުވެގެން 2500 ދަރިވަރުންނަށް ލޯނު ދިނުން ހިމެނެ އެވެ.

ރަށްރަށަށް ތަމްރީނު ބޭނުންވާ ދާއިރާތައް ފާހަގަކޮށް އެކަމަށް އެހީތެރިކަން ދިނުމާއި ރަށާއި އަތޮޅު އަދި ސަރަހައްދަށް ބޭނުންވާ މީހުން ތަމްރީނުކުރުުމަށް ހާއްސަ ސްކޮލަޝިޕްތަކެއް ތައާރަފްކުރުން ހިމެނެ އެވެ. އޭގެ އިތުރުން ބޭރުގެ ޔުނިވާސިޓީތަކާ ގުޅިގެން ދަރިވަރުންނަށް ސްކޮލަޝިޕް ފޯރުކޮށްދިނުމަށް ވެސް ހާއްސަ އިސްކަމެއްދެ އެވެ.