22 ސެޕްޓެމްބަރ 2016 - 20:55

އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުގެ ޕާސްޕޯޓު އިމިގްރޭޝަނުން ކެންސަލްކުރީ ސަރުކާރުން ހިންގަމުން ގެންދާ ބޮޑެތި ވައްކަންތަކާއި ފަސާދަ އާއި ޖަރީމާތައް ހާމަކުރާތީ އެކަމާ ކަންބޮޑުވެ، ގޮތް ހުސްވެގެން ކަމަށް އެމްޑީޕީން މިރޭ ބުނެފި އެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މިހާތަނަށް އެންމެ ގިނަ ބަޔަކު ބައިވެރިވި މޭޑޭ މުޒާހަރާއާ ގުޅިގެން އަލީ ވަހީދު ހައްޔަރުކުރީ ސަރުކާރުން ހިންގާ ވައްކަންތަކާ ދެކޮޅަށް އެހާ ގިނަ އަދަދެއްގެ މީހުން ނެރުމުގައި އޭނާ އަދާކުރެއްވި އިސް ދައުރުގެ ސަބަބުން އެކަމާ ޖެހިލުންވެ، ކަންބޮޑުވުމުންނެވެ.
"ސަރުކާރުގެ ނޭއްގާނީ، ފިނޑި އަމަލުތަކަކީ ބޮޑެތި ވައްކަންތަކާއި ޖަރީމާތައް ބޭޒާރުކޮށް، ސަރުކާރާ ދެކޮޅަށް އިދިކޮޅު ލީޑަރުން ކުރައްވާ މަސައްކަތް ފަހަތަށް ޖެއްސޭނެ ކަމެއް ނޫނެވެ،" ބަޔާނުގައިވެ އެވެ.
އަލީ ވަހީދުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިދިކޮޅު އިއްތިހާދުގެ ލީޑަރު އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދާއި އިއްތިހާދުގެ ހިޔަނި ކެބިނެޓްގެ މިނިސްޓަރު އަދި އެމްޑީޕީ ސަރުކާރުގެ ކުރީގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމާއި އެމްޑީޕީގެ މާލޭ ދާއިރާގެ ރައީސް އަދި ރާއްޖެ ޓީވީގެ ކުރީގެ ޗެއާމަން އަކުރަމް ކަމާލުއްދީނުގެ ޕާސްޕޯޓު ވަނީ ކެންސަލްކޮށްފަ އެވެ.
ސިޔާސީ ބައެއް ލީޑަރުންގެ އިތުރުން، ރައީސް އަބްދުﷲ ޔާމީން ދަތުރުފުޅު ކުރެއްވި ފިނިފެންމާ ލޯންޗުކޮޅު ގޮއްވާލި މައްސަލަ އާއި ހިބަޅިދޫން ހަތިޔާރު ފެނުނު މައްސަލާގައި ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރުނު މީހުންނާއި ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލާއާ ގުޅިގެން އުމުރަށް ޖަލަށްލާފައި ވަނިކޮށް ބޭސްފަރު ވާއަށް ކަމަށް ބުނެ ރާއްޖޭން ބޭރަށް ގޮސް ފިލައިގެން އުޅޭ އަބްދުﷲ ލުތުފީގެ ޕާސްޕޯޓު ވެސް އިމިގްރޭޝަނުން ވަނީ ކެންސަލްކޮށްފަ އެވެ.
އިމިގްރޭޝަނުން ބުނީ ރާއްޖޭގެ ޝަރުއީ އިދާރާތަކަށާއި ތަހުގީގީ އިދާރާތަކުން ބަލާ މައްސަލަތައް ކުރިއަށް ގެންދިއުމުގައި ގިނަ ހުރަސްތަކެއް ދިމާވަމުންދާކަން ފާހަގަ ކުރެވޭތީ އެ ފަރާތްތަކަށް ދޫކޮށްފައިވާ ޕާސްޕޯޓު ކެންސަލްކޮށް ރާއްޖެ އާއި ރާއްޖޭން ބޭރުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.
ޕާސްޕޯޓު ކެންސަލް ކުރި މީހުން، ރާއްޖެ އައުމަށް ބޭނުންވެގެން ފޮރިން މިނިސްޓްރީ މެދުވެރިކޮށް، އިމިގްރޭޝަނަށް ހުށަހެޅުމުން ރާއްޖެ އައުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓްތައް ހަދައިދޭނެ ކަމަށް ވެސް އިމިގްރޭޝަނުން ބުނެފައިވެ އެވެ.