22 ސެޕްޓެމްބަރ 2016 - 18:42

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަން ބޭނުންކުރާ ރަސްމީ މަޖައްލާ ކަމަށްވާ ޑެސްޓިނޭޝަން މޯލްޑިވްސްގެ އަންނަ އަހަރުގެ އަދަދުގެ ލިޔުންތައް ތައްޔާރު ކުރަން ދުނިޔޭގެ މަޝްހޫރު ލިޔުންތެރިޔާ ރޮއިސްޓަން އެލިސް ހަމަޖައްސައިފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރުސީ)ން ފީލް އިންވެސްޓްމަންޓްސްއާ ހަވާލުކޮށްގެން ތައްޔާރުކުރާ މަޖައްލާގެ އެޑިޓަރެއްގެ ގޮތުގައި ހަމަޖައްސާފައިވާ އެލިސްއާ އެކު ފީލް އިން ވަނީ މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
އެމްއެމްޕީއާރުސީގައި ބޭއްވި ރަސްމިއްޔާތުގައި އެލިސް ވިދާޅުވި ގޮތުގައި ޑެސްޓިނޭޝަން މޯލްޑިވްސް 2017 ގައި ހިމަނާނީ ޓޫރިސްޓުންނަށް އެންމެ ބޮޑަށް ބޭނުންވާ، މައުލޫމާތުތައް ކަމަށެވެ. ހުރިހާ ލިޔުމެއް ވެސް އޭނާ އަމިއްލަ އަށް ލިޔަން ނިންމާފައި ވާއިރު، މިހާރުން ފެށިގެން ދިރާސާކުރަން ފަށާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"ދިވެހިންނަށް ރާއްޖެ އަލެއް ނުވާނެ. އެކަމަކު، ބޭރު މީހުންނަށް އެބަޖެހޭ އެ މީހުންގެ ލޮލުން ބެލީމާ ރާއްޖެ ފެންނަ ގޮތް ގެނެސްދޭން،" އެހެން އަހަރުތަކާ ތަފާތު ގޮތަކަށް ލިޔުންތައް ގެނެސްދޭން މަސައްކަތް ކުރާނެކަން ފާހަގަކުރައްވަމުން އެލިސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޖައްލާގެ މަސައްކަތް ކުރާނީ އެމްއެމްޕީއާރުސީގެ އިރުޝާދާ އެއްގޮތަށް ކަމަށެވެ. އަންނަ ނޮވެމްބަރު މަހު މި މަޖައްލާ ނެރެން އެމްއެމްޕީއާރުސީން ބޭނުންވާ ކަމަށާއި އެހެންވެ ފުރަތަމަ ޑްރާފްޓް ވީހާ ވެސް އަވަހަކަށް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ސަތޭކަ ފަހަރަށް ވުރެ ގިނައިން ރާއްޖެ ވަޑައިގެން، ރާއްޖެއާ ބެހޭ ގޮތުން ތަފާތު ގިނަ ލިޔުންތައް އެލިސް ވަނީ ލިޔުއްވައިފަ އެވެ. ރާއްޖެއާ ބެހޭ ގޮތުން ނެރެފައިވާ އެންމެ ތަފްސީލީ އެއް ގައިޑް ފޮތް ކަމަށްވާ ބްރެޓް ގައިޑުން މީގެ 35 އަހަރު ކުރިން ފެއްޓެވި މަސައްކަތުގައި އޭނާ ވަނީ ތަފާތު އެތައް ގައިޑް ފޮތްތަކަށާއި ނޫސްތަކަށް ރާއްޖެއާ ބެހޭ ގޮތުން ލިޔުއްވައިފަ އެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މަޝްހޫރު ވިޔަފާރިވެރިޔާ އަލި މަނިކު ފަދަ ބޭފުޅުންގެ ބަޔޮގްރަފީ ލިޔުއްވާފައިވެ އެވެ. މީގެ އިތުރުން، ބޮޑުތަކުރުފާނު އަސްލަކަށް ބަލައިގެން ހިޔާލީ ވާހަކައެއް ވެސް ޝާއިއުކުރައްވާފައިވެ އެވެ.
އަހަރަކު އެއް ފަހަރު ނެރޭ ޑެސްޓިނޭޝަން މޯލްޑިވްސް ގައިޑު ނެރޭތާ 14 އަހަރު ވެފައިވާއިރު، އިނގިރޭސި ބަހުގެ އިތުރުން ތަފާތު 10 ބަހަކުން މި މަޖައްލާ ނެރެ އެވެ. މިފަހަރު ވަނީ މަޖައްލާއާ އެކު މޮބައިލް އެޕްލިކޭޝަނެއް ވެސް ތައާރަފްކޮށްފަ އެވެ.