ޑައިރެކްޝަނުން ވެސް ފެނިދާނެ: ޕްރިޔަންކާ
ޑައިރެކްޝަނުން ވެސް ފެނިދާނެ: ޕްރިޔަންކާ

ފިލްމެއް ޑައިރެކްޓްކުރުމަކީ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން އަމިއްލަ އަށް ލިބުނު ދުވަހަކުން ފިލްމު ޑައިރެކްޓް ވެސް ކޮށްފާނެ އިޝާރާތެއް ބަތަލާ ޕްރިޔަންކާ ޗޯޕްރާ ދީފި އެވެ.

މިހާރު ހޮލީވުޑްގައި ވެސް މަސައްކަތްކުރާ ބަތަލާގެ ކުރިއަށް އޮތް ހިންދީ ފިލްމު "ދަ ސްކައި އިޒް ޕިންކް" ގެ ޕްރޮމޯޝަންގެ ތެރެއިން ދިން އިންޓަވިއުއެއްގައި ބުނީ ޑައިރެކްޝަނާ ދޭތެރޭ ވިސްނިޔަސް އޭނާ ހާސްވާ ކަމަށެވެ.

"ފިލްމުތައް ކުޅެމުން އަހަރެން މިހާރު ޕްރޮޑަކްޝަން ހައުސްއެއް ހަދައިގެން ފިލްމުތައް ޕްރޮޑިއުސް ވެސް އެބަކުރަން. އެހެންވީމާ ކުރިއަށް އޮތް ތަނުގައި ފިލްމެއް ޑައިރެކްޓްކޮށްލެވޭނެ ކަމުގެ ކޮންފިޑެންސް ލިބުނު އިރަކުން އެއީ ވެސް ހަމަވެދާނެ ކަމެއް ކަމަށް އުންމީދުކުރެވޭ،" ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ބަތަލާ ބުންޏެވެ.

ޕްރިޔަންކާ ބުނިގޮތުގައި އަންހެނުންނަކީ އެއްވެސް ކަމެއް ނުކުރެވޭނެ ބައެއް ނޫނެވެ. އަދި ވަކި ޖިންސެއްގެ މީހަކަށްވުމަކީ އެ މީހެއްގެ ގާބިލުކަމާ ދޭތެރޭ ސުވާލު އުފައްދަން ޖެހޭ ސަބަބެއް ނޫން ކަމަށް ވެސް ބުންޏެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި ފިރިހެނުންނަށް ކުރެވިފައި އަންހެނުންނަށް ވަކި ނުކުރެވޭނެ ކަމެއް ނޯންނާނެ. މީހާގެ ޖިންސަކީ އެ މީހެއްގެ ހުނަރާއި ގާބިލިއްޔަތު ވަޒަންކޮށްދޭ ކަމެއް ނޫން. ބޭނުން ވަނީ ކެރިގެން ނުކުމެ ހިތްވަރާ އެކު ކަންކަމާ ކުރިއަށްދާނެ އަޒުމް،" ޕްރިޔަންކާ ބުންޏެވެ.

މި މަހުގެ 11 ގައި ރިލީޒްކުރާ އަދި ޕްރިޔަންކާ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާ ވެސް ފުރަތަމަ ހިންދީ ފިލްމު "ދަ ސްކައި އިޒް ޕިންކް" އަކީ ވެސް އަންހެނަކު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އެއީ ޝޮނާލީ ބޯސް އެވެ.

ޕްރިޔަންކާ ކުރިން ވެސް ވަނީ އަންހެން ޑައިރެކްޓަރަކާ އެކު މަސައްކަތްކޮށްފަ އެވެ. އެއީ 2015 ގެ "ދިލް ދަޅަކް ނޭ ދޯ" ގެ ޑައިރެކްޓަރު ޒޯޔާ އަހްތަރެވެ.

"އަހަރެން ވަރަށް އުފާ ވެސްވޭ އަންހެން ޑައިރެކްޓަރުންނާ އެކު މަސައްކަތްކުރަން،" އޭނާ ބުންޏެވެ.

ޕްރިޔަންކާގެ އިތުރުން ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން ޑައިރެކްޝަނުން ފެނިދާނެ ކަމަށް ބުނެފައިވާ ތަރިންގެ ތެރޭގައި އައިޝްވާރިތާ ރާއީ، މަދޫރީ ޑިކްސިޓް އަދި ސޯނަމް ކަޕޫރް ހިމެނެ އެވެ. ބަތަލާ ކަންގަނާ ރަނާވަތަކީ މިހާރު ވެސް ޑައިރެކްޓަރެކެވެ.