ދީޕިކާ ފެންނާނީ އަޖޭ ދޭވްގަންއާ އެކު
ދީޕިކާ ފެންނާނީ އަޖޭ ދޭވްގަންއާ އެކު

އަޖޭ ދޭވްގަން އާއި ދީޕިކާ ޕަދްކޯން މިހާތަނަށް އަދި އެކީގައި އެއްވެސް ފިލްމަކުން ފެނިފައެއް ނެތެވެ. އެހެންވެ މިއީ ހަގީގަތުގައި ވެސް ބެލުންތެރިން ސްކްރީނުން އެކީގައި ދެކިލަން ބޭނުންވާ ޖޯޑެކެވެ. ރިޕޯތައް މިހާރު ބުނާގޮތުން އެ ފުރުސަތު ދެން މާ ލަހެއް ނުވެ ލިބިދާނެ އެވެ.

ޑައިރެކްޓަރު ލަވް ރަންޖަންގެ އާ ފިލްމުގެ ބަތަލުންނަށް އަޖޭ އާއި ރަންބީރު ކަޕޫރް ސޮއިކޮށްފައިވާ އިރު، މި ފިލްމަށް ދީޕިކާ ސޮއިކޮށްފައިވާ ކަމަށް މީޑިއާތަކުން އަންނަނީ ބުނަމުންނެވެ. ކުރިން އަޑު އަރާފައިވާ ގޮތުން އަދި ނަން އިއުލާންނުކުރާ ފިލްމުގައި ރަންބީރާއި ދީޕިކާ ފެންނާނީ ދެ ލޯބިވެރިންގެ ރޯލުންނެވެ. ކުރިން ލޯބީގެ ގުޅުމެއް ވެސް ބޭއްވި މި ދެ ތަރިން މިހާތަނަށް އެކީގައި ތިން ފިލްމެއް ކުޅެފައިވެ އެވެ.

އެއީ ތަމާޝާ (2015) އާއި ޔަ ޖަވާނީ ހެ ދީވާނީ (2013) ގެ އިތުރުން ބަޗްނާ އޭ ހަސީނޯ (2009) އެވެ.

ނަމަވެސް މިހާރު ރިޕޯޓްތައް ބުނާގޮތުން ލަވްގެ ފިލްމުގައި ދީޕިކާ ފެންނާނީ މަޝްހޫރު ބަތަލާ ކާޖޮލްގެ ފިރިމީހާ އަޖޭގެ ބައިވެރިޔާގެ ގޮތުގަ އެވެ.

މި ފިލްމާ ބެހޭ އެއްވެސް ވާހަކައެއް ލަވް މިހާތަނަށް ރަސްމީކޮށް ހިއްސާ ނުކުރާތީ ފިލްމާ ބެހޭ ގޮތުން މީޑިއާތަކުން ފަތުރާ ވާހަކަތަކުގެ ހަގީގަތެއް ސާފެއް ނުވެ އެވެ.

ބައެއް ނޫސްތަކުން ބުނާގޮތުގައި ދީޕިކާގެ އިތުރުން ފިލްމުގައި އެހެން ބަތަލާއަކު ވެސް ހިމެނޭނެ އެވެ. އަދި އެއީ ލަވްގެ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އާއި "ޕިޔާރް ކާ ޕަންޗްނާމާ" ފަދަ ފިލްމުތައް ކުޅުނު ނުޝްރަތު ބަރޫޗާ ކަމަށްވެ އެވެ.