މައާފެއް ނުދިން، ބެނާޑޯ ސިލްވާގެ ޓްވީޓް މައްސަލަ ބަލާނެ
މައާފެއް ނުދިން، ބެނާޑޯ ސިލްވާގެ ޓްވީޓް މައްސަލަ ބަލާނެ

މެންޗެސްޓާ (އޮކްޓޫބަރު 3) - މެންޗެސްޓާ ސިޓީގެ ޕޯޗުގީސް މިޑްފީލްޑަރު ބެނާޑޯ ސިލްވާ އެ ޓީމުގެ ބެންޖަމިން މެންޑީއާ ބެހޭގޮތުން ކުރި ޓްވީޓެއްގެ މައްސަލައިގައި އޭނާ މައާފަށް އެދިފައިވަނިކޮށް އިނގިރޭސި އެފްއޭ އިން އެ މައްސަލަ ބަލަން ނިންމައިފި އެވެ.

މެންޑީއާ ބެހޭގޮތުން ބެނާޑޯ ކުރި ޓްވީޓްގެ މައްސަލަ ހޫނުވީ އޭގައި ނަސްލީ ތަފާތު ކުރުމަށް ހިތްވަރުދޭ ގޮތަށް އިބާރާތް ހުރުމުންނެވެ. ސްޕެއިނުގެ ޗޮކްލޭޓް ބްރޭންޑެއްގެ ކެރެކްޓާ ކޮންގީޓޯސް އާއި މެންޑީގެ ކުޑައިރުގެ ފޮޓޯ އެއް ހިމަނައިގެން ބެނާޑޯ ޓްވީޓްކުރީ އެ ކެރެކްޓާ އާއި މެންޑީއާ ވައްތަރު ކަމަށް ބަލައި މަޖަލަށެވެ. އެ ޓްވީޓާ މެދު މެންޑީގެ އެއްވެސް ހިތްހަމަނުޖެހުމެއް ނެތެވެ. އެކަމަކު ސަޕޯޓަރުން އެ ޓްވީޓްގެ މައްސަލައިގައި ވާހަކަ ދައްކަން ފެށުމުން ފަހުން ބެނާޑޯ އެ ޓްވީޓް ޑިލީޓް ކުރި އެވެ. އެކަމަކު މީގެ ކުރިން މެންޑީއާ ބެހޭގޮތުން ނަސްލީ ތަފާތު ކުރުމަށް ހިތްވަރުދޭ ގޮތަށް ބެނާޑޯ ކޮށްފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލް ވުމާ އެކު ރޭސިޒަމްއާ ދެކޮޅަށް ކެމްޕެއިން ކުރާ ޖަމިއްޔާތަކުން ވެސް އެދިގެން އިނގިރޭސި އެފްއޭ އިން އެންމެ ފަހުން ރަސްމީކޮށް މައްސަލަ ބަލަން ނިންމީ އެވެ.

އިނގިރޭސި އެފްއޭގެ ޑިސިޕްލިނަރީ ޕެނަލުން ވަނީ ބެނާޑޯ އަށް މި މައްސަލައިގައި ޖަވާބުދާރީވާން މި މަހު ނުވަ ވަނަ ދުވަހާ ހަމައަށް މުއްދަތު ދީފަ އެވެ. ސިޓީގެ އޮފިޝަލެއް މެދުވެރިކޮށް ބެނާޑޯ ސިލްވާ ވަނީ މި މައްސަލައިގައި އެފްއޭ އަށް ކޮންމެވެސް ވަރަކަށް ޖަވާބުދާރީވެފަ އެވެ. އޭރު ބެނާޑޯއާ އެކު މެންޑީ ވެސް ބައިވެރިވި އެވެ. ރަސްމީކޮށް މިހާރު މި މައްސަލަ ބަލަން ނިންމާފައިވާއިރު، ރަސްމީ ތަހުގީގުގެ ތެރޭގައި ވެސް މެންޑީގެ އެއްބާރުލުން ދޭނެ ކަމަށް ސިޓީން ބުނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން މި މައްސަލައިގައި މިހާރު އޮތްގޮތުން ބެނާޑޯ އަށް ހަ މެޗުގެ ސަސްޕެންޝަނެއް އައުމުގެ ފުރުސަތު އެބައޮތެވެ. އެހެންވެއްޖެނަމަ މިއީ ސިޓީ އަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ. އަނިޔާގެ ސަބަބުން ސިޓީގެ އެއް ވިންގް ލެރޯއި ސާނޭ ވެސް މި ވަގުތު ހުރީ ދިގު މުއްދަތަކަށް ކުޅުމާ ދުރުގަ އެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ވަނީ މި މައްސަލައިގައި ބެނާޑޯގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ މައްސަލަ އަކަށް ވުމުގެ އެންމެ ބޮޑު އަސްލަކީ ކަޅު ނަސްލުގެ ކުޅުންތެރިއަކާ ގުޅުން ހުރި ޓްވީޓަކަށްވުން ކަމަށާއި ދޮން މީހުންގެ ތެރެއިން ބަޔަކާ ގުޅޭ ނަމަ މައްސަލައެއް ނޯންނާނެ ކަމަށެވެ. އަދި މިއީ ދެ ކުޅުންތެރިއަކުގެ މެދުގައި ސަމާސާ އަކަށް ހިނގި ކަމެއް ކަމަށާއި އޭގެ ސަބަބުން އެއްވެސް ކުޅުންތެރިއަަކަށް އަދަބެއް ދީފިނަމަ މިއީ ވެވޭނެ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ގާޑިއޯލާ ބުންޏެވެ.