02 އޮކްޓޯބަރ 2019 - 21:29

މާލޭގައި މިހާރު ބޭނުންކުރާ ތެޔޮ ބައުޒަރުތަކުގެ ތެރެއިން މިންގަނޑުތަކަށް ނުފެތޭ ބައުޒަރުތަކުގެ ހުއްދަ ބާތިލް ކުރުމަށާއި އިތުރަށް ތެޔޮ ބައުޒަރު ރަޖިސްޓްރީކޮށް ދިނުން ހުއްޓާލަން ސަރުކާރުން ނިންމައިފި އެވެ.
މިދިޔަ ހޯމަ ދުވަހު ޓީ ޖެޓީ ސަރަހައްދުގައި ތެޔޮ ބައުޒަރަކުން ލޯންޗަކަށް ތެޔޮ އަޅަނިކޮށް ހިނގި އަލިފާނުގެ ހާދިސާގައި ހަތް މީހަކު ފިހި، އެ ލޯންޗާއި ތިން ބައުޒަރެއް ވަނީ އަނދައިގެން ގޮސްފަ އެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ ޓީ ޖެޓީ ސަރަހައްދުގައި ބައުޒަރުތަކުން ތެޔޮ އެޅުމުގެ ޚިދުމަތް ދެނީ އެއްވެސް ވަރަކަށް ރެގިއުލޭޓް ނުކުރެވި ކަމަށާއި ހޯމަ ދުވަހުގެ ހާދިސާ ހިނގީ ވެސް ގަވާއިދާ ޚިލާފަށް ބޭނުން ކުރަމުން ދަނިކޮށް ކަމަށެވެ. އެހެންވެ، ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރުމަށް ފަހު މިހާރު މާލޭގައި ބޭނުންކުރާ ތެޔޮ ބައުޒަރަކީ ޑިފެންސް މިނިސްޓްރީގެ ގައިޑްލައިންތަކާ އެއްގޮތަށް ހުރި އުޅަނދުތައްތޯ ބަލަން ވަނީ ނިންމައިފަ އެވެ. އެއަށް ފަހު، މިންގަނޑަށް ނުފެތޭ ބައުޒަރުތަކުގެ ހުއްދަ ބާތިލް ކުރުމުގެ އިތުރުން މިހާރު ރަޖިސްޓްރީ ކޮށްފައި ހުރި ބައުޒަރުތައް ފިޔަވައި އެހެން ބައުޒަރުތައް ރަޖިސްޓްރީކޮށް ނުދޭން ވެސް ނިންމާފައިވާ ކަމަށް އެ އިއުލާނުގައިވެ އެވެ.
މީގެ އިތުރުން މާލޭގެ ދެކުނުން ހިއްކާފައިވާ ސަރަހައްދުގެ ވަކި ބައެއްގައި ނޫނީ ބައުޒަރު ޕާކް ނުކުރެވޭ ގޮތް ހެދުމަށް ވަނީ ނިންމައިފަ އެވެ. އަދި އެ ސަރަހައްދުގައި އަލިފާން ނިއްވާނެ ނިޒާމް ގާއިމް ކުރުމާއި އެ ސަރަހައްދު މޮނީޓާ ކުރުން އެމްއެންޑީއެފް އިން ބެލެހެއްޓުމާއި ބައުޒަރުތަކުން ޚިދުމަތް ދެމުންދާ ގޮތް ފުލުހުންނާއި ސިޓީ ކައުންސިލުން ބަލަމުން ދިއުމަށް ވެސް ނިންމާފައިވާ ކަމަށް އެ އިއުލާނުގައިވެ އެވެ.
އިއުލާނުގައިވާ ގޮތުން ތެޔޮ އެޅުމަށްޓަކައި ބަނދަރު ތޮށްޓާއި ކައިރިއަށް އުޅަނދު ގެނައުމަށް ފަހު ޚިދުމަތް ދޭ ގޮތަށް ހެދުމުގެ އިތުރުން ޚިދުމަތް ދިނުމަށް ފަހު ޕާކް ކުރަންޖެހޭ ސަރަހައްދަށް ބައުޒަރު އަނބުރާ ގެންދަން ލާޒިމް ކުރުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.