ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގެ ގަވާއިދު ހަދައި، އަމަލުކުރަން ފަށައިފި
ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގެ ގަވާއިދު ހަދައި، އަމަލުކުރަން ފަށައިފި

ފަނޑިޔާރުންނާ މެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަޅާ ފިޔަވަޅުތައް ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގައި އިސްތިއުނާފް ކުރުމާ ގަވާއިދު ހަދައި، މިއަދުން ފެށިގެން އަމަލު ކުރަން ފަށައިފި އެވެ.

ޖޭއެސްސީގެ ގާނޫނަށް ދާދި ފަހުން ގެނައި އިސްލާހުގެ ދަށުން ފަނޑިޔާރުންނާ މެދު ޖޭއެސްސީން އަޅާ އެއްވެސް ފިޔަވަޅެއްގެ މައްސަލަ އެއްވެސް ކޯޓަކަށް ނުބެލޭނެ އެވެ. އޭގެ ބަދަލުގައި ޖޭއެސްސީގެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ އެ ނިންމުން އިސްތިއުނާފް ކުރަން ޖެހޭނީ އެ އިސްލާހުގެ ދަށުން އުފައްދާ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިިލީހުގަ އެވެ. އެ މަޖިލީހުގައި ތިއްބަވާނީ ތިން މަރުހަލާގެ ކޯޓުތަކަށް ނިސްބަތްވާ ތިން ފަނޑިޔާރުންނެވެ.

މިއަދު އާންމުކޮށް، އަމަލުކުރަން ފެށި ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގެ ގަވާއިދު ބުނާގޮތުން އެ މަޖިލީހަށް ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ބޭފުޅުން ނަގާނީ އެ ދެ ކޯޓުގެ ފަނޑިޔާރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އަދި ދަށު ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ މަޖިލީހުގައި އިންނަވާނެ ބޭފުޅަކު ކަނޑައަޅާނީ ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ކަނޑައަޅުއްވާ ފަނޑިޔާރުންތަކުގެ ތެރެއިން ފަނޑިޔާރު ކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅާ އެވެ.

ކޮންމެ ޖުޑީޝަލް އަހަރެއް ފެށުމުގެ ކުރިން އެ އަހަރަކު އެ މަޖިލީހަށް ކަނޑައަޅާ ފަނޑިޔާރުންނާ އެކު އެ މަޖިލިސް އެކުލަވާލައި، އެކަން ޖުޑީޝަލް އެޑްމިނިސްޓްރޭޓާ އިއުލާން ކުރަން ޖެހޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

އެކަމަކު ޖޭއެސްސީގެ މެމްބަރުކަން ކުރައްވަމުންދާ ފަނޑިޔާރުން އެ މަގާމު އަދާ ކުރައްވަމުން ގެންދަވާ މުއްދަތުގައި އިސްތިއުނާފް މަޖިލީހުގައި ބައިވެރިއެއް ނުވެވޭނެ އެވެ. އަދި ދަށު ކޯޓުތަކުން އެ މަޖިލީހަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ވިދިވިދިގެން ދެ އަހަރު އެއް ކޯޓެއްގެ ފަނޑިޔާރުން ނުނެގޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

އެ ގަވާއިދު ބުނާގޮތުން އެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ މަޖިލީހުގައި އިންނަވާ ފަނޑިޔާރެވެ. އެކަމަކު އެ މަޖިލީހުގައި އިންނަވާ ފަނޑިޔާރަކާ މެދު ޖޭއެސްސީން އަޅާ ފިޔަވަޅެއްގެ މައްސަލަ އެ މަޖިލީހަށް ހުށަހެޅިއްޖެ ނަމަ، އެ ފަނޑިޔާރަކަށް ދެން އެ މަޖިލީހުގެ މަސައްކަތްތަކުގައި ބައިވެރިވެވޭނީ އެ މައްސަލައަކާ މެދު އެ މަޖިލީހުން ގޮތެއް ނިންމުމުން ކަމަށް އެ ގަވާއިދުގައިވެ އެވެ.

ޖޭއެސްސީން ފަނޑިޔާރަކާ މެދު އަޅާ ފިޔަވަޅާ މެދު ހިތްހަމަނުޖެހޭ ނަމަ، އެ ފިޔަވަޅު އަޅާތާ ގިނަވެގެން 10 ދުވަހުގެ ތެރޭގައި އެ މައްސަލަ އިސްތިއުނާފް ކުރަން އެ މަޖިލީހަށް ހުށަހަޅަން އެ ގަވާއިދު ލާޒިމް ކުރާއިރު، އެ މައްސަލަ ބަލައިގަތުމާ މެދު ފަސް ދުވަސް ތެރޭގައި ގޮތެއް ނިންމަން އެ ގަވާއިދު ލާޒިމް ކުރެ އެވެ. އަދި މައްސަލަ ބަލައިގެންފި ނަމަ، 30 ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ބަލައި، ނިންމަންޖެހޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

އެ ގަވާއިދު ބުނާގޮތުން އިސްތިއުނާފް މަޖިލީހުގެ އަޑުއެހުންތައް ކުރިއަށް ގެންދަން ޖެހޭނީ ސިއްރުކުރަން ޖެހޭ ސަބަބެއް ނެތް ނަމަ، އާންމުކޮށް ހުޅުވާލައިގެންނެވެ. އަދި އަޑުއެހުންތައް ސިއްރު ކުރެވޭނީ މައްސަލައިގެ ބާވަތަށާއި ވަށައިގެންވާ ކަންކަމަށް ރިއާޔަތްކޮށް ކަމަށް އެ ގަވާއިދުގައިވެ އެވެ.

ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހު އޮތް ގޮތުން ފަނޑިޔާރަކާ މެދު އެ ކޮމިޝަނުން އަޅާ ފިޔަވަޅު ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގައި އިސްތިއުނާފް ކުރިޔަސް، ޖޭއެސްސީން ބެލި މައްސަލަ މައުޟޫއީ ގޮތުން އަލުން ބެލުމުގެ ބާރެއް ނުވަތަ ޖޭއެސްސީން އެޅި ފިޔަވަޅު އެ ނޫން ގޮތަކަށް ބަދަލު ކުރުމުގެ ބާރެއް އެ މަޖިލީހަކަށް ނޯންނާނެ އެވެ.

މީގެ އިތުރުން ފަނޑިޔާރަކު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖޭއެސްސީން ނިންމާ ނިންމުންތައް ވެސް އެ މަޖިލީހަކަށް ނުބެލޭނެ އެވެ. އެ ނޫން ފިޔަވަޅުތަކާ މެދު އިސްތިއުނާފް މަޖިލީހުން މައްސަލަ ބެލުމަށް ފަހު ނިންމާ ނިންމުމުން އެއްވެސް ކޯޓަކަށް އިސްތިއުނާފްކޮށް ނުވަތަ މުރާޖާ ނުކުރެވޭނެ ކަމަށް ވެސް އެ ގާނޫނަށް ގެނައި އިސްލާހުގައިވެ އެވެ.