އާޝާ ޕާރެކްގެ ހުސް ދުނިޔެ އާއި އުފާވެރި މާޒީ
އާޝާ ޕާރެކްގެ ހުސް ދުނިޔެ އާއި އުފާވެރި މާޒީ

ކުރީގެ ފިލްމީ ތަރި އާޝާ ޕާރެކް މިހާރު އުޅެނީ އުމުރުން ދުވަސްވުމުގެ ސަބަބުން ބަލިވެ އެވެ. ދުވަހަކު ވެސް ކައިވެންޏެއް ނުކުރާ އާޝާގެ އެކަނިވެރިކަން ފިލުވައިދެނީ އިހުގެ އެކުވެރިންނެވެ. އެކަމަކު ކައިވެންޏެއް ނުކުރެވުނަސް އެކަމާ އޭނާ ހިތާމައެއް ނުކުރެ އެވެ.

އާޝާ ޕާރެކްގެ ހުސް ދުނިޔެ އާއި އުފާވެރި މާޒީ
އާޝާ ޕާރެކްގެ ހުސް ދުނިޔެ އާއި އުފާވެރި މާޒީ

އާޝާ ޕާރެކް އަކީ މިހާތަނަށް ހިންދީ ފިލްމު ކުޅުނު ބަތަލާއިންގެ ތެރެއިން އެންމެ ކާމިޔާބު އެއް ބަތަލާ އެވެ. އަދި 60 ގެ އަހަރުތަކުގައި އޭނާގެ މަޝްހޫރުކަން އިންތިހާއަށް ގޮސްފައިވެ އެވެ.

އަންނަ އޮކްޓޯބަރު މަހު އާޝާއަށް 74 އަހަރު ފުރޭނެ އެވެ. ނަމަވެސް އަދިވެސް އާޝާގެ ރީތިކަން މުޅިން ގެއްލިގެނެއް ނުދެ އެވެ. ބޮލުގައި އެންމެ ނުރައެއް ވެސް ފެންނާކަށް ނެތެވެ. އާޝާ ބުނި ގޮތުގައި ނުރަ ބޮލަކާ އޭނަ އަކާ ނުގުޅެ އެވެ. އެހެންވެ އިސްތަށިގަނޑު ކަޅުކުރަނީ އެވެ.

އެ ޒަމާނުގައި ހިންދީ ފިލްމީ ދުނިޔޭގައި އެންމެ ކުރީގައި އުޅުނު ބަތަލާއިންގެ ތެރޭގައި ވަހީދާ ރަހްމާން، ނަންދާ، ސާއިރާ ބާނޫ، ސާދްނާ އަދި މާލާ ސިންހާ ހިމެނެ އެވެ. އެ އެންމެން ކައިވެނިކުރިއިރު ވެސް އާޝާ ހުރީ ހުހަށެވެ. ފިލްމު އިންޑަސްޓްރީ ކަހަލަ ތަނެއްގައި ރިލީޒްވާ ކޮންމެ ފިލްމަކާ އެކު އެ ފިލްމެއްގައި ލީޑް ރޯލު ކުޅޭ އެކްޓަރުން އަޅުވާ ކިޔަ އެވެ. ނަމަވެސް އާޝާއާ އެއްވެސް މީހަކާ އަޅުވައިގެން މާ ސީރިއަސް ވާހަކަތަކެއް އެއްވެސް އިރެއްގައި އަޑެއް ނީވެ އެވެ. ނަމަވެސް އޭރުގެ މަޝްހޫރު ފިލްމު ޕްރޮޑިއުސަރު-ޑައިރެކްޓަރު ނާސިރް ހުސެއިން އާ އާޝާ އާ ގުޅުމެއް އޮތް ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.
އާޝާ ބުނި ގޮތުގައި އޭނާގެ ހަޔާތުގައި ވެސް މީހުންނަށް ނޭނގޭ ބައެއް ކަހަލަ ސިއްރުތައް ހުންނާނެ އެވެ. ނަމަވެސް އެ ސިއްރުތައް މިހާރު ދެން ހާމަކުރުމުގެ ބޭނުމެއް ނެތެވެ.

އާޝާ ބުނާ ގޮތުގައި މަންމަ ދުނިޔޭގައި ހުރި އިރު މަންމަ ވެސް އާޝާއާ ކައިވެނިކުރާނެ ފިރިހެނަކު ހޯދައިދޭން ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް ކައިވެނިކުރާނެ ރަނގަޅު ފިރިހެނަކު ލިބުނު ކަމަކަށް ނުވި އެވެ.

އޭނާ ބުނި ގޮތުގައި ތަގްދީރުގައި ވާންނެތްކަމެއް ކުރަން އުޅޭ ނަމަ ލިބޭނީ ލަނޑެކެވެ. މީހަކާ އިނަސް ފިރިމީހާ މާ އަވަހަށް މަރުވެ ނުވަތަ ދޫކޮށްލާފައި ދިއުން ފަދަ ކަމެއް ވެސް ދިމާވެދާނެ އެވެ. އެހެންވެ އޭނާގެ ހަޔާތުގައި އެއްވެސް މީހަކާ ކައިވެނި ކުރެވެން އިރާދައިގައި ނެތް ކަމަށް ބަލައި އެކަން މަތިން ހަނދާން ނައްތާލީ އެވެ.

އާޝާ ބުނި ގޮތުގައި ކައިވެނި ނުކުރިޔަސް ދިރިއުޅުމާ މެދު ހިތްހަމަޖެހެ އެވެ. އޭނާގެ އެކުވެރިން ވަރަށް ގިނަ އެވެ. އަދި އެމީހުންނާ ކޮންމެ ދުވަހަކުވެސް ވާހަކަ ދައްކާ ބައްދަލުކޮށް ހަދަ އެވެ. ވީމަ އެކަނިވެރިކަމެއް މާ ބޮޑަކަށް އިހްސާސެއް ނުކުރެ އެވެ.

ފަންސާސް އަހަރަށް ވުރެ ގިނަ ދުވަހަށް ދެމިގެން ގޮސްފައިވާ އާޝާގެ ފިލްމީ ހަޔާތުގައި ފިލްމުގެ އިތުރުން ނެށުމާއި ފިލްމު ޑައިރެކްޓްކުރުން އަދި ޓީވީ ޝޯތައް ޕްރޮޑިއުސްކުރުން ފަދަ މަސައްކަތްތައް ހިމެނެ އެވެ. އަދި ސިނެ އާޓިސްޓް އެސޯސިއޭޝަންގެ ރައީސާ ކަމާއި ފިލްމު ސެންސަރު ބޯޑުގެ ޗީފްގެ މަގާމުވެސް އޭނާ އަދާކުރި އެވެ.

ފިލްމީ ހަޔާތަށް ބަލާއިރު އާޝާގެ ޒަމާނުގައި އޭނާ "ޖުބުލީ ގާލް"ގެ ގޮތުގައި މަޝްހޫރުވެގެން ދިޔަ އެވެ. ސަބަބަކީ އެ ދުވަސްވަރު އެކި ބަތަލުންނާ އެކު އޭނާ ކުޅުނު ގިނަ ފިލްމުތަކެއް ސިލްވަ ޖުބްލީ ފާހަގަ ކޮށްފައި ވާތީ އެވެ.

އެ ޒަމާނުގައި ބޮކްސް އޮފީހެއް ނޯވެ އެވެ. ސިނަމާއެއް ފިލްމެއް 25 ހަފުތާގައި އޮވެއްޖެ ނަމަ ސިލްވަ ޖުބިލީ ފިލްމަކަށް ވީ އެވެ. އެގޮތުން ޖޯއީ މުކަރުޖީ އާއެކު ކުޅުނު "ޕިރް ވޮހީ ދިލް ލާޔާހޫން، ލަވް އިން ޓޯކިޔޯ"، ބިސްވަޖީތު އާއެކު ކުޅުނު "މޭރޭ ސަނަމް"، ޝަޝީ ކަޕޫރާއެކު ކުޅުނު "ޕިޔާރް ކާ މޯސަމް"، ރާޖޭޝް ކަންނާ އާއެކު ކުޅުނު "ކަޓީ ޕަތަންގް" ސިލްވަ ޖުބިލީ ފާހަގަ ކޮށްފައިވެ އެވެ.

"އަހަރެން ކުޅެނީ ވަރަށް ގްލޭމާ ރޯލުތައް. އަދި އަހަރެން ކުޅޭ ފިލްމުތަކުގެ މިއުޒިކް ވަރަށް ރީތިވާނެ. އެއީ އަހަރެންގެ ކާމިޔާބީގައި ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަމެއް،" އާޝާ ބުނެފައިވެ އެވެ.

ނަމަވެސް އާޝާ އަށް އެކްޓްކުރަން ނޭނގޭ ކަމަށް ބުނެ އެދުވަސްވަރު އޭނާއަށް ގިނަ ބަޔަކު ފާޑުކިޔަމުން ވެސް ދިޔަ އެވެ. ނަމަވެސް "ދޯ ބަދަން" އާ އެކު، ފާޑުކީ އަނގަތައް ވެސް ބަންދުވެ އޭނާއަކީ މޮޅު ބަތަލާއެއް ކަމަށް ގަބޫލުކުރަން ފެށި އެވެ.

އެޒަމާނުގައި ވެސް ފިލްމީ ބަތަލާއިންގެ މެދުގައި ވާދަވެރިކަން އޮތެވެ. އާޝާ ބުނީ ވާދަވެރިކަން އެންމެ ބޮޑަށް އޮންނަނީ ފިލްމީ ހަފުލާތަކަށް ދާއިރު އަޅާ ގަހަނާ އާއި ހެދުމުގައި ކަމަށެވެ. ކޮންމެ މީހަކުވެސް އެހެން އެންމެންނަށް ވުރެ ރީތިވާން ބޭނުންވެ އެވެ.

އެ ޒަމާނުގައި ވާދަވެރިކަން އޮތަސް މިހާރު ވެސް ވަހީދާ އާއި ހެލަން އަދި ސާއިރާ އަކީ އާޝާއާ ވަރަށް ގާތް ގުޅުމެއް އޮންނަ ބައެކެވެ. އަދި އެ ޒަމާނުގައި އެކުގައި ފިލްމު ކުޅެ އުޅުނު ގާތް ދެ އެކުވެރިން ކަމަށްވާ ނަންދާ އާއި ސާދްނާ މަރުވެފައިވާތީ އެމީހުންގެ މަތިން މިހާރުވެސް އާޝާ ހަނދާން ކުރެ އެވެ.

ހަމަ އެގޮތަށް އާޝާގެ މަތިން ވެސް ކުރީގެ މަޝްހޫރު ފިލްމުތަކަށް ލޯބިކުރާ މީހުން ހަނދާން ބަހައްޓާނެކަން އޭނާ ޔަގީން ކުރެ އެވެ.