02 އޮކްޓޯބަރ 2019 - 14:27

"ފެތުން ތަރިން"ގެ ނަމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ބީއެމްއެލް އިން ފަށައިފި އެވެ.
މިއީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބައިވެރިވުން މުޖުތަމައުގައި އިތުރު ކުރުމާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިރިއުޅުމުގައި ކޮންމެހެން ބޭނުންވާ ހުނަރުތައް ދަސްކުރުމުގެ ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން އެ ކުންފުނިން ހިންގާ ހަރަކާތެކެވެ. ހުޅުމާލޭގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ނުކުޅެދުންތެރިކަން ހުންނަ 30 މީހަކު ބައިވެރިވެ އެވެ.
މި ޕްރޮގްރާމު ބީއެމްއެލް އިން ކުރިއަށްގެންދަނީ ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިތުރުން ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އާއި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އާ ގުޅިގެންނެވެ.
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ، ހަމަހަމަ ފުރުސަތުތަކެއް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ލިބި އިތުރު ހުނަރެއް ދަސްވެގެންދިޔުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށާއި މި ޕްރޮގްރާމުގެ ތެރެއިން ވީހާވެސް ގިނަ ކުދިންނަށް ފަތަން ދަސްވުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.
"ފެތުންތެރިންގެ ޕްރޮގްރާމަށް މި ލިބުނު ތަރުހީބު އަޅުގަނޑުމެން ފާހަގަކޮށްލަން. އަޅުގަނޑުމެންގެ އުންމީދަކީ ސްވިމިން އެސޯސިއޭޝަނާއި ކްލަބްތަކުގެ ތަޖްރިބާކާރު ކޯޗުންގެ ފުރިހަމަ އެހީތެރިކަމާއެކު މި ޕްރޮގްރާމް ކުރިއަށް ގެންދެވި މި ޕްރޮގްރާމް މެދުވެރިކޮށް ގިނަ ފަރާތްތަކަކަށް ފަތަން ދަސްވެ، އަދި ފެތުމަށް ހުންނަ ޝައުގުވެރިކަން އިތުރުވެގެން ދިޔުން،" އޭނާ ވިދާޅުވި އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވެދިނުމުގެ ގޮތުން ބީއެމްއެލް އިން އަންނަނީ އެކި ޖަމިއްޔާތަކާ ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ބީއެމްއެލް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީވާ ޖަމިއްޔާތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދީ، ބޭނުންވާ ތަފާތު ތަކެއްޗާއި އާލާތްތައް ފޯރުކޮށްދެމުންނެވެ.