22 ސެޕްޓެމްބަރ 2016 - 16:03

އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި "މާލޭ ގްރޭންޑް"ގެ ނަމުގައި ތަރައްގީކޮށްފައިވާ ފްލެޓް އިމާރާތް ހެދި އެސްޖީ 18 ޑިވެލޮޕާސް އަށް 100 މިލިއަން ރުފިޔާ އެޗްޑީސީން ދައްކައިފި އެވެ.
އެޗްޑީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެސްޖީ 18 ޑިވެލޮޕާސްއާ ހަވާލުކޮށްގެން ތަރައްގީކުރި ދެ ފްލެޓް އިމާރާތުގެ ތެރެއިން އެއް އިމާރާތުގެ ފައިސާ އިއްޔެ ޑިވެލޮޕަރާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ދެވަނަ އިމާރާތުގެ ފައިސާ ވެސް ވަރަށް އަވަހަށް ހަމަޖައްސައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ އިމާރާތަށް ދެއްކީ ކިހާ މިންވަރެއް ކަމެއް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ.
"އަޅުގަނޑުމެންގެ އިންޖިނިއަރުން ހަދާ އެސެސްމަންޓް ނިމުމުން ދެވަނަ އިމާރާތަށް ފައިސާ ދައްކާނަން. އެ ދެ އިމާރާތް ވެސް ހުރި އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި،" އެ އޮފިޝަލް ވިދާޅުވި އެވެ.
އެކަމަކު، "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެސްޖީ 18 ޑިވެލޮޕާސް އަށް ދިނީ 100 މިލިއަން ރުފިޔާ އެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، އަަރަބިއްޔާ ބިމުގައި 90 ފްލެޓް އަޅާއިރު ގާކޮށި ބިމުގައި އަޅަނީ 190 ފްލެޓެވެ.
ޓާޓާ ހައުސިންއާ އެޕެކްސް ރިއަލިޓީ ގުޅިގެން އުފައްދާފައިވާ އެސްޖީ 18 ޑިވެލޮޕާސްއާ ހަވާލުކޮށްގެން މާލޭގައި ހެދި ދެ ފްލެޓް އިމާރާތުގެ ތެރެއިން ގާކޮށި އިމާރާތުގެ މަސައްކަތް މިދިޔަ މާޗު މަހު އެއްކޮށް ވަނީ ނިންމައިފަ އެވެ. ނަމަވެސް އެ ތަންތަން ސަރުކާރާ ހަވާލުކުރާނީ 278 މިލިއަން ރުފިޔާ ދިނުމުން ކަމަށް އެ މަޝްރޫއު ކުރިއަށް ގެންދާ ކުންފުނިން ކުރިން ބުނެފައިވެ އެވެ.
ގާކޮއްޓާއި އަރަބިއްޔާ ފްލެޓްތައް ލިބޭނެ މީހުން ހޮވައި ލިއުން ވެސް ވަނީ ހަވާލުކޮށްފަ އެވެ. އެކަމަކު ލިބޭ ފްލެޓް ކަނޑައަޅަން އަދި ގުރުއަތެއް ނުނަގަ އެވެ. އެ ފްލެޓްތަކުގައި މި މަހު ދިރިއުޅެން ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.